ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހިންގުމަށް ހަމަޖެހިފައިވާ 20 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއުން ވިއްކާ ކޮންމެ މުދަލެއް ވިއްކިކަމުގެ ރަސީދު ފައިސާ ބަހައްޓާނީ ރާއްޖޭގައި ހުންނަ އެސްކްރޯ އެކައުންޓެއްގައި ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
އެ މަޝްރޫއާ ގުޅޭ ގޮތުން މިނިސްޓަރު ލިންކްޑްއިންގައި ޝާއިއު ކުރެއްވި ލިޔުމެއްގައި ވިދާޅުވީ، މި މަޝްރޫއުގައި ސަރުކާރުން ބަރޯސާ ވަނީ ސޮއިކުރާ ދުވަހު ލިބޭ އެއްޗަކަށް ނޫން ކަމަށާއި ބަރޯސާވާނީ އޭގެ ބަދަލުގައި ދައުލަތަށް ލިބޭނެ އާމްދަނީއަށް ކަމަށެވެ. އޭގެ ތަފްސީލުތައް ވެސް މިނިސްޓަރު ހިއްސާ ކުރެއްވިއެވެ. އެއީ:
• ޑިވެލޮޕްމަންޓްގައި ހުންނަ ކޮންމެ ހޮޓަލެއްގައި ތިބުމުން، ކޮންމެ ކެއުމަކުން، ކޮންމެ ފިހާރައަކާއި ހިދުމަތެއްގައި ޓީޖީއެސްޓީ – ކޮންމެ ރިސޯޓަކުން ދައްކާ ޓެކްސްތައް، އެއްވެސް ލުޔެއް ނެތި.
• މާސްޓަރ ޑިވެލޮޕަރުގެ އާމްދަނީގެ 10 އިންސައްތަ ހިއްސާ.
• ކޮންމެ ޕްރޮޕަޓީ ޓްރާންސެކްޝަނަކުން 4 ޕަސެންޓް.
"މި ހުރިހާ ކަމަކަށްވުރެ ބޮޑަށް މުހިންމު އެހެން ޝަރުތެއްވެސް މި މަޝްރޫއުގައި ހިމެނެއެވެ. މި ތަރައްގީގެ ތެރެއިން ވިއްކާ ކޮންމެ މުދަލެއް ވިއްކިކަމުގެ ރަސީދު ފައިސާ ބަހައްޓާނީ ރާއްޖޭގައި ހުންނަ އެސްކްރޯ އެކައުންޓެއްގަ. އަހަރެމެން ހަނދާން ހުންނަން ފެށީއްސުރެ ޑޮލަރު ލިބުމުގެ ދަތިކަމާ ކުރިމަތިލާންޖެހިފައިވާ ޤައުމަކަށް މިއީ ކުޑަކުޑަ ކަމެއް ނޫނެވެ. އަދި މިއީ ސަރުކާރަށް މި މަޝްރޫޢުން ލިބޭ ޑޮލަރުގެ އާމްދަނީގެ އިތުރުން ލިބޭނެ ކަމެކެވެ.
މިނިސްޓަރު ވިދާޅުވީ ޑޮލަރު ލިބުމުގެ ދަތިކަން ދިގު މުއްދަތަކަށް ތަޖުރިބާކުރަމުންދާ ގައުމަކަށް މިއީ ވަރަށް ބޮޑު ކަމެއް ކަމަށެވެ. އަދި މިއީ މަޝްރޫއުގެ ތެރެއިން ސަރުކާރަށް ލިބޭ ޑޮލަރުގެ އާމްދަނީގެ އިތުރުން ލިބޭނެ އެއްޗެއްކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ މި މަޝްރޫއަށް ސަރުކާރުން އެއްވެސް ލޯނެއް ނުނަގާނެ ކަމަށާއި ސޮވަރިން ގެރެންޓީ ވެސް ދޭން ނުޖެހޭނެ ކަމަށެވެ. އަދި ޓެކްސްގެ އެއްވެސް ލުއިތަކެއް ނުދޭނެ ކަމަށާއި މި ޕްރޮޖެކްޓްގެ ހުރިހާ ފައިސާއެއް ދައުރުވާނީ ދިވެހި ބޭންކުތައް މެދުވެރިކޮށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ރަސްމާލެ
ރަސްމާލެ
ރަސްމާލެ
ރަސްމާލެ
ކޮމެންޓް