އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ހޮޅި ރާއްޖެއަށް އެތެރެކުރުން މަނާކޮށްފައި އޮތް އޮތުން ސަސްޕެންޑްކޮށް، އެ ބާވަތް މަނާކުރާ ތާރީހު 2031 ވަނަ އަހަރަށް ސަރުކާރުން ފަސްކުރުމުން އިދިކޮޅު އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެމްޑީޕީން މިރޭ ނެރުނު ބަޔާނެެއްގައި ބުނީ މިއީ ތިމާވެށި ހިމާޔަތްކުރުމަށް ރާއްޖެއިން ކުރަމުން އައި މަސައްކަތުގައި އެޅި "ފަހަތްފިޔަވަޅެކެވެ."
ކުނި މެނޭޖްކުރުމުގެ ގާނޫނުގެ ދަށުން، ތިމާވެއްޓަށް ގެއްލުންދޭ ޕްލާސްޓިކްގެ ބާވަތްތައް މަނާކުރުމުގެ ސިޔާސަތުގެ ތެރެއިން ޕްލާސްޓިކް ހޮޅި ރާއްޖެ އެތެރެކުރުން ކުރީގެ ސަރުކާރުން މަނާކުރީ 2022 ވަނަ އަހަރުގައެވެ. ނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ވަނީ އެ ނިންމުން ބަދަލުކޮށް، ޕްލާސްޓިކް ހޮޅި މަނާކުރުން ޖޫން 2031 އާ ހަމައަށް ފަސްކުރުމަށް ނިންމަވާފައެވެ.
އެމްޑީޕީން ބުނީ، ސަރުކާރުގެ މި ނިންމުމަކީ އާންމުންނާއި ވިޔަފާރިތަކުން އެކަމަށް ހޭނި، ގޮނޑުދޮށްތަކާއި އާންމު ތަންތަނުން ޕްލާސްޓިކް ކުނި މަދުވަމުން ދިޔަ ދަނޑިވަޅެއްގައި އެޅި ޒިންމާދާރުކަން ކުޑަ ފިޔަވަޅެއް ކަމަށެވެ. އެކަށީގެންވާ ސަބަބެއް ނެތި މިފަދަ މުހިންމު ސިޔާސަތުތައް ބަދަލުކުރުމަކީ ތިމާވެށީގެ ރޮނގުން ރާއްޖެއިން ވެފައިވާ ވައުދުތަކުގެ އިތުބާރު ގެއްލި، ތިމާވެއްޓާ ރައްޓެހި އިންވެސްޓްމަންޓްތަކަށް ހުރަސްއެޅޭނެ ކަމެއްކަމަށް އެމްޑީޕީން ބުންޏެވެ.
މީގެއިތުރުން، މި މުއްދަތު 2031 ވަނަ އަހަރާ ހަމައަށް ދިގުދައްމާލަން ޖެހުނު އެއްވެސް އިލްމީ ދިރާސާއެއް ސަރުކާރުން ހާމަކޮށްފައި ނުވާ ކަމަށްވެސް އެމްޑީޕީން ބުންޏެވެ.
ސަރުކާރުގެ ފަރާތުން މި ނިންމުން ދިފާއުކޮށް ބުނެފައިވަނީ، ޕްލާސްޓިކް ހޮޅީގެ ބަދަލުގައި ބޭނުންކުރާ ކަރުދާސް ހޮޅި ފޫދި، ބޭނުންކުރުމަށް ދަތިވާތީ އާންމުންގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. އަދި ކަރުދާސް ހޮޅި ހެދުމުގައި ބޭނުންކުރާ ތެރަހާއި ޕްލާސްޓިކް ފަށަލައިގެ ސަބަބުން މައިކްރޯ ޕްލާސްޓިކް އުފެދުމުގެ ފުރުސަތު ބޮޑުވާ ކަމަށްވެސް ސަރުކާރުން ވަނީ ބުނެފައެވެ.
މި ބަދަލުގެ އިތުރުން، 500 މިލިލީޓަރާއި އެއް ލީޓަރާ ދެމެދުގެ ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން އެތެރެކުރުމުގެ ހުއްދަވެސް ސަރުކާރުން ވަނީ ވަގުތީ ގޮތުން ދީފައެވެ. އަދި 250 މިލިލީޓަރަށް ވުރެ ކުދި ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ތައްޔާރީ ބުއިންތައް މަނާކުރުމަށްވެސް ވަނީ ނިންމައިފައެވެ.
އެމްޑީޕީ
އެމްޑީޕީ
އެމްޑީޕީ
އެމްޑީޕީ
ކޮމެންޓް