ޖުމުލަ 870,000 ރުފިޔާގެ ފަންޑާއެކު ތަފާތު ފަސް ގްރާންޓް ސްކީމެއް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް) އިން މިއަދު އިއުލާންކޮށްފިއެވެ.

އައިޔޫއެމްގެ ސެންޓާ ފޯ ރިސަރޗް އެންޑް ޕަބްލިކޭޝަންސްއިން ބުނި ގޮތުގައި، 2026 ވަނަ އަހަރަށް އަމާޒުކޮށްގެން ހުޅުވާލި މި ފަންޑުތަކުގެ މައިގަނޑު މަގުސަދަކީ އެ ޔުނިވަރސިޓީގެ ދިރާސީ މަސައްކަތްތައް ހަރުދަނާކޮށް، މުޖުތަމައަށް ބޭނުންތެރި ދިރާސާތަކަށް ފަންނީ އަދި މާލީ އެހީތެރިކަން ފޯރުކޮށްދިނުމެވެ. މީގެ އިތުރުން، އެކަޑަމިކް މުވައްޒަފުންނާއި ދަރިވަރުންގެ އިލްމީ ތަޖުރިބާ އިތުރަށް ތަރައްގީކުރުމަށް ފުރުސަތުތައް ހޯދައިދިނުމަކީ ވެސް މި ސްކީމްތަކުގެ އަމާޒެއް ކަމަށް އެ ޔުނިވާސިޓީން ބުނެފައިވެއެވެ.

އައިޔޫއެމުން އިއުލާންކުރި ފަސް ގްރާންޓް ސްކީމްގެ ތެރެއިން އެންމެ ބޮޑު ފަންޑެއް ކަނޑައަޅާފައިވަނީ "އައިޔޫއެމް ރިސާޗް ޕްރޮމޯޝަން ސްކީމް 2026" އަށެވެ. މުޖުތަމައަށް ފައިދާކުރާނެ އިލްމާއި އާ ހިޔާލުތައް އުފެއްދުމަށާއި ދިރާސާތައް ޝާއިއުކުރުމަށް ހިތްވަރުދިނުމުގެ ގޮތުން ހުޅުވާލި މި ސްކީމަށް ޖުމުލަ ހަތަރު ލައްކަ ރުފިޔާ ކަނޑައަޅާފައިވާ އިރު، ކޮންމެ ގްރާންޓަކަށް އެންމެ ގިނަވެގެން ދޫކުރާނީ 75,000 ރުފިޔާއެވެ. ދެވަނައަށް އެންމެ ބޮޑު ފަންޑެއް ހިމެނެނީ ދިވެހި މުޖުތަމައަށް ހެޔޮ އަސަރުކުރުވާ ފަދަ އީޖާދީ އައު މަސައްކަތްތަކަށް އަމާޒުކޮށްފައިވާ "އައިޔޫއެމް އިނޮވޭޝަން ސްކީމް 2026" ގައެވެ. މި ސްކީމްގެ ދަށުން ދެ ޕްރޮޖެކްޓަކަށް ޖުމުލަ ދެ ލައްކަ ރުފިޔާ ފަންޑުކުރުމަށް ވަނީ ނިންމައިފައެވެ.

22 ސެޕްޓެމްބަރު 2026، އައިޔޫއެމުން ޖުމުލަ 870,000 ރުފިޔާގެ ފަންޑާއެކު ތަފާތު ފަސް ގްރާންޓް ސްކީމެއް އިއުލާންކުރުން -- ފޮޓޯ/ އައިޔޫއެމް

މީގެ އިތުރުން، ޔުނިވާސިޓީއަށް ބޭނުންވާ ފޮތްތައް ތައުލީފުކުރުމާއި، ތަސްނީފުކުރުމާއި، ތަރުޖަމާކޮށް ޝާއިއުކުރުމަށް އެއް ލައްކަ ރުފިޔާގެ "ބުކް ގްރާންޓް" އެއް ވެސް ވަނީ ތައާރަފުކޮށްފައެވެ. މި ސްކީމްގެ ދަށުން ކޮންމެ ފޮތަކަށް 10,000 ރުފިޔާއާއި 40,000 ރުފިޔާއާ ދެމެދުގެ އަދަދެއް ދޫކުރާނެއެވެ. އަދި ރިސާޗް މޯޑުގައި ކިޔަވަމުންދާ މާސްޓާސް އަދި ޕީއެޗްޑީ ދަރިވަރުންގެ ދިރާސާތަކަށް އެހީތެރިވުމަށް 50,000 ރުފިޔާގެ ޕޯސްޓް ގްރެޖުއޭޓް ރިސާޗް ގްރާންޓް ސްކީމެއް ހުޅުވާލާފައިވާ އިރު، މީގެ ދަށުން ކޮންމެ ޕްރޮޖެކްޓަކަށް އެންމެ ގިނަވެގެން ލިބޭނީ 12,500 ރުފިޔާއެވެ. ހަމައެއާއެކު، ޔުނިވާސިޓީގެ މުވައްޒަފުން އެކި ކޮންފަރެންސްތަކުގައި ކަރުދާސް ހުށަހެޅުމަށާއި އިލްމީ ތަޖުރިބާ ހޯދުމަށް ފުރުސަތު ދިނުމުގެ ގޮތުން، ކޮންމެ ކޮންފަރެންސަކަށް އެންމެ ގިނަވެގެން 25,000 ރުފިޔާ ލިބޭ ކޮންފަރެންސް ޓްރެވަލް ގްރާންޓެއް ވެސް ވަނީ އިއުލާންކޮށްފައެވެ.

މި ގްރާންޓްތަކުގައި އިސްކަންދޭނެ ދާއިރާތަކެއް އައިޔޫއެމުން ވަނީ ކަނޑައަޅައިފައެވެ. އޭގެ ތެރޭގައި އިސްލާމިކް ސްޓަޑީޒް، އިކޮނޮމިކްސް އެންޑް ފައިނޭންސް، ހިއުމަން ސައިންސް، ގާނޫނީ ދާއިރާ، އަރަބި ބަސް، ޓެކްނޮލޮޖީ، ލެންގުއެޖް އެންޑް ލިންގުއިސްޓިކްސް، އެޑިއުކޭޝަން އަދި ސަރުކާރުގެ ރިފޯމް ސިޔާސަތުތައް ހިމެނެއެވެ. އައިޔޫއެމުން ބުނި ގޮތުގައި، މި ގްރާންޓްތަކަށް އެޕްލިކޭޝަން ހުށަހަޅަންޖެހެނީ އެކަމަށް ކަނޑައެޅިފައިވާ ގޫގުލް ފޯމުތައް މެދުވެރިކޮށެވެ. ޕްރޮޕޯސަލްތައް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 15 އެވެ.