މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ހިޔާނާތުގެ ތެރެއިން ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ރިޝްވަތު ހިފިކަމަށާއި، މަނީ ލޯންޑަރިން ހިންގިކަމަށް ތުހުމަތުކޮށް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ދެކޮޅަށް ހިންގާ ޝަރީއަތުގެ އަޑުއެހުމެއް މާދަމާއަށް ތާވަލުކުރުމަށްފަހު ކެންސަލްކޮށްފިއެވެ.

ކުރިމިނަލް ކޯޓުގައި މާދަމާ ކުރިއަށް ގެންދަން އޮތް މި އަޑުއެހުން ކެންސަލް ކުރަން ޖެހުނީ ދައުލަތުގެ ވަކީލުން ބަލިވެ އުޅޭތީ، ޝަރީއަތް ފަސްކޮށްދިނުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އެދުމުންނެވެ.

މި މައްސަލައަކީ ފުއްގިރި މުއާމަލާތުގެ ތެރެއިން އެއް މިލިއަން ޑޮލަރުގެ ރިޝްވަތު ނަންގަވައި، އެ ފައިސާ ލޯންޑާ ކުރިކަމަށް ބުނެ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކެކެވެ. މައްސަލައިގެ ހެކިބަސް ނެގުން މިހާރު އެއްކޮށް ނިމިފައިވާއިރު، ޝަރީއަތް ހުއްޓިފައި އޮތީ ހެކިންނާއި ހެއްކާ ބެހޭގޮތުން ވާހަކަދެއްކުމުގެ މަރުހަލާގައެވެ. މި ހިސާބުން ޝަރީއަތް ކުރިއަށް ނުގޮސް ގިނަ ދުވަސްތަކެއްވަނީ ވެފައެވެ.

ފުއްގިރި މައްސަލައިގެ އިތުރުން ވ. އާރަށު މައްސަލައިގައިވެސް ޔާމީންގެ މައްޗަށް ދައުވާ އުފުލާފައިވާއިރު، އެ މައްސަލައިގެ އަޑުއެހުމެއް އަންނަ ހަފުތާގައި ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ. އާރަށު މައްސަލައިގައި ކުރިން އިއްވި 11 އަހަރުގެ ޖަލު ހުކުމް ހައިކޯޓުން ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް ކުރިމިނަލް ކޯޓަށްވަނީ އަމުރުކޮށްފައެވެ.

މީގެއިތުރުން، އާރަށު މައްސަލައާ ގުޅިގެން ދައުލަތުން އަލަށް ހުށަހެޅި ހެކިތައް ބަލައިނުގަނެވޭނެކަމަށް ސުޕްރީމް ކޯޓުންވަނީ ނިންމައިފައެވެ. އަދި އެ މައްސަލައިގައި ސުޕްރީމް ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން، ކުރިމިނަލް ކޯޓުގައި މައްސަލަ ކުރިއަށް ގެންދިއުން މީގެކުރިން އޮތީ މަޑުޖައްސާލައިފައެވެ.