މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ގއ. ކަނޑުހުޅުދޫން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ލިންކިން ޕާކް / ގއ. ކަނޑުހުޅުދޫ، މުހައްމަދު މަގުސަދު (45އ) އާއި ފުނަމާގެ / ގއ. ކަނޑުހުޅުދޫ، އަބްދުއްރައްޒާގު ހަސަން (50އ) އެވެ. މި ދެ މީހުން ވެސް ހައްޔަރުކޮށްފައިވަނީ މި ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައެވެ.

ގެމަނަފުށީ ޕޮލިހާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަންގައި އެ މީހުން ހައްޔަރުކޮށް، ކަނޑުހުޅުދޫ ދެ ގެއެއް ބަލައި ފާސްކޮށްފައިވެއެވެ. އެ ބަލައި ފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ 17 ގުރާމުގެ ތަކެތި ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މުހައްމަދު މަގުސަދު ފަސް ދުވަހަށް އަދި އަބްދުއްރައްޒާގު ހަސަން 10 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.