މާލޭގެ އަމީނީ މަގު މަރާމާތުކުރުމުގެ މަސައްކަތުގެ ދަށުން ފުރަތަމަ ސެގްމަންޓުގައި ދެ ފަށަލައަށް ތާރުއަޅައި މިއަދު ހެނދުނު ނިންމާލައިފިއެވެ.
މި މަސައްކަތް ކުރިއަށް ގެންދަނީ އެމްޓީސީސީންނެވެ.
އެމްޓީސީސީން ބުނި ގޮތުގައި، ފުރަތަމަ ސެގްމަންޓުގައި ތާރު އެޅުމުގެ މަސައްކަތް އެ ކުންފުނިން ފެށީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އަދި އިއްޔެ ތާރުގެ ދެވަނަ ފަށަލަ އެޅުމަށްފަހު، މިއަދު ހެނދުނު އެ ސެގްމަންޓުގެ ތާރުއެޅުމުގެ މަސައްކަތް މުޅިން ނިންމާލައިފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.
އެމްޓީސީސީން ބުނީ ތާރުއެޅުމުގެ މަސައްކަތް ނިމުމާއެކު ދެން އެ ސަރަހައްދުގައި ކުރިއަށްދާނީ މަގުގެ ނިޝާންތައް ކުރެހުމާއި މަގު ބޭނުންކުރާ ފަރާތްތަކަށް ފަސޭހަކޮށްދިނުމުގެ ގޮތުން ކުރަންޖެހޭ އެންމެ ފަހުގެ އެހެނިހެން މަސައްކަތްތައް ކަމަށެވެ.
އަމީނީ މަގުގެ ހަލާކުވެފައިވާ ސަރަހައްދުތައް އަލުން މަރާމާތުކޮށް ތަރައްގީކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ މި އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. މި މަޝްރޫއުގެ ދަށުން މަގުގެ މަސައްކަތްތައް ކުރިއަށް ގެންދަނީ އެކި ސެގްމަންޓުތަކަށް ބަހާލައިގެންނެވެ. ފުރަތަމަ ސެގްމަންޓުގެ ގޮތުގައި މަރާމާތުކުރަމުން އަންނަނީ ދިވެހިރާއްޖޭގެ އަޑުން (އިއްޒުއްދީން މަގުން) ފެށިގެން ދަތުމަވަންތަ ހޮސްޕިޓަލްގެ ޕާކާ ހަމައަށް އޮންނަ ސަރަހައްދެވެ.
ދެ ވަނަ ސެގްމަންޓުގައި ހިމެނެނީ އިއްޒުއްދީން މަގުން ފެށިގެން ގިޔާސުއްދީން ސްކޫލާ ހަމައަށް އޮތް ސަރަހައްދުގައި ތާރުއަޅައިގެން މަގު ތަރައްގީކުރުމެވެ.
ކުރީގެ ސަރުކާރުން 84.4 މިލިއަން ރުފިޔާ ހަރަދުކޮށްގެން 2024 ވަނަ އަހަރުގެ ޖެނުއަރީ މަހު ނިންމި އަމީނީމަގުގެ 1.79 ކިލޯމީޓަރުގެ މި ސަރަހައްދު މިހާރު ވަނީ ބައެއް ހިސާބުތަކުން ތާރުގަނޑު އުފުލި، މަގު ވަރަށް ބޮޑަށް ހަލާކުވެފައެވެ. ހާއްސަކޮށް މަގުގެ ހުޅަނގު ފަރާތުގެ ހާލަތު ގޯސްވެފައިވާ އިރު، ފަންނީ ބޭފުޅުން ފާހަގަކުރައްވާ ގޮތުގައި މިފަދައިން މަގު ހަލާކުވެފައިވަނީ ތާރު އެޅުމަށްފަހު އެކަށީގެންވާ ވަރަށް ނުހިކެނީސް، ބަރު އުޅަނދުތައް ދުއްވުމުންނެވެ.
އަލީ ޔާމިން
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ
ކޮމެންޓް