ގާނޫނު ތަންފީޒުކުރުމާއި ދާހިލީ ސަލާމަތުގެ އެންމެ މުހިންމު އެއް ތަނބަކީ އަންހެން ފުލުހުން ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވެއްޖެއެވެ.

މނިސްޓަރ މިހެން ވިދާޅުވީ، ވިމެން އިން ޕޮލިސިން ޑޭ ފާހަގަކުރުމުގެ ގޮތުން ދުސިތު ޑީޓޫ ފޭދޫ މޯލްޑިވްސްގައި އިއްޔެ ބޭއްވި ހާއްސަ ފޯރަމްގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ ފުލުހުންގެ ހިދުމަތުގައި އަންހެނުން ހޯދަމުން އަންނަނީ ތާރީހީ ކުރިއެރުމެއް ކަމަށާއި އެގޮތުން 2004 ވަނަ އަހަރު ގާނޫނު ތަންފީޒުކުރާ މަދަނީ އިދާރާއެއްގެ ގޮތުގައި ފުލުހުންގެ ހިދުމަތް އުފެދުނުއިރު ހިދުމަތުގައި ތިބީ އެންމެ 64 އަންހެން ފުލުހުން ކަމަށެވެ. ނަމަވެސް މިއަދު އެ އަދަދު އެތައް ގުނައަކަށް އިތުރުވެފައިވުމަކީ މުޖުތަމައުގައި އަންހެން ފުލުހުންގެ ހިދުމަތަށް ބޭނުންވެފައިވާ މިންވަރު ހާމަކޮށްދޭ އަލިގަދަ ހެއްކެއް ކަމަށް ވިދާޅުވިއެވެ.

"ފުލުހުންގެ ހިދުމަތުގެ ތާރީހަށް ނަޒަރު ހިންގާލާއިރުގައި، ތިޔަ ކަނބަލުންނަކީ މި ހިދުމަތުގެ އެންމެ މުހިންމު އެއް ތަނބު ކަމުގައި އަޅުގަނޑު ފާހަގަކުރަން. 2004 ވަނަ އަހަރު، ގާނޫނު ތަންފީޒުކުރާ މަދަނީ އިދާރާއެއްގެ ގޮތުގައި ދިވެހި ފުލުހުންގެ ހިދުމަތް އުފެދުނު އިރު، ހިދުމަތުގެ ރޭންކުތަކުގެ ތެރޭގައި ވަޒީފާ އަދާކުރަމުން ދިޔައީ އެންމެ 64 ފުލުހުން. އެހެނަސް އެ އަދަދު މިއަދު އެތައް ގުނައަކަށް އިތުރުވެފައިވާ ކަމީ، މުޖުތަމައު ތިޔަ ކަނބަލުންނަށް ބޭނުންވެފައިވާ މިންވަރު ދައްކުވައިދޭ ރަމްޒެއް،" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ކަނބަލުންނަށް ހާއްސަކޮށްގެން ހިންގާ ތަމްރީނުތަކާއި އެކުލަވާލާފައިވާ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން ފުލުހުންގެ ދާއިރާއަށް ޝައުގުވެރިވާ އަންހެނުންގެ އަދަދު އިތުރުވަމުން އަންނަ ކަމަށެވެ. އަދި ޒަމާނަށް އަންނަ ބަދަލުތަކާ އެކު ނުރައްކާތެރި ހާލަތްތަކާ ކުރިމަތިލުމުގައާއި މުޖުތަމައާ އޮންނަ ގުޅުން ބަދަހިކުރުމާއި ހައްސާސީ މައްސަލަތައް ހައްލުކުރުމުގެ އިތުރުން ފަންނީ ދާއިރާތަކުގެ ކުރީ ސަފުގައި އަންހެން ފުލުހުން ހޯދަމުން އަންނަ ކާމިޔާބީގެ ހެޔޮ ނަތީޖާ މުޅި ގައުމަށް ފެންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ދާހިލީ ސަލާމަތް ބެލެހެއްޓުމުގެ ބުރަ މަސްއޫލިއްޔަތު އަދާކުރުމާއެކު، ގޭތެރޭގައި މައެއްގެ، ދައްތައެއްގެ ނުވަތަ މާމައެއްގެ ހައްސިއްޔަތުން އަދާކުރަން ޖެހޭ އާއިލީ ޒިންމާތައް އެއްވަރެއްގައި ހިފެހެއްޓުމުގައި އަންހެން ފުލުހުން ދައްކާ ސާބިތުކަމަކީ މުޅި މުޖުތަމައު ފަހުރުވެރިވާ ފަދަ ގުރުބާނީއެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.