ޔުނައިޓެޑް ނޭޝަންސް (ޔޫއެން)ގެ ތެރޭގައި ކުދި އަދި ބޮޑެތި ހުރިހާ ގައުމަކަށް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމަށާއި، ބައިނަލްއަގުވާމީ މައިދާނުގައި ކުދި ޖަޒީރާ ގައުމުތަކުގެ ހައްގުގައި ވަކާލާތުކުރުމުގައި ރާއްޖެއިން އަބަދުވެސް ދެމިއޮންނާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރާއްޖެ އދ. ގެ މެންބަރަކަށް ވީތާ 61 އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސް މިރޭ ފޮނުއްވި ހިތޯބެއްގައި ވިދާޅުވީ އދ.ގެ ނިޒާމަށް ގެންނަންޖެހޭ އިސްލާހީ ބަދަލުތައް ގެނައުމަށާއި، އެ ޖަމިއްޔާގެ ނިންމުންތަކުގައި ހުރިހާ ގައުމެއްގެ ބައިވެރިވުން ހަމަހަމަކަމާއެކު ކަށަވަރުކުރުމަށް ރާއްޖެއިން ގަދައަޅައި މަސައްކަތްކުރާނެ ކަމަށެވެ.

ރައީސް ވިދާޅުވީ، ވަކިން ހާއްސަކޮށް، މޫސުމީ ބަދަލުތަކުން އަރައިގަތުމަށާއި، ދަރަނީގެ މައްސަލަތަކަށް ދެމެހެއްޓެނިވި ހައްލު ހޯދުމުގެ އިތުރުން، ކުދި ގައުމުތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފަސޭހައިން ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ރާއްޖެއިން އިސްނަގައިގެން އަޑުއުފުލާނެ ކަމަށެވެ.

ރާއްޖެއަކީ 21 ސެޕްޓެމްބަރު 1965 އިން ފެށިގެން އދ. ގެ ފުރިހަމަ މެންބަރެކެވެ.

ފާއިތުވި 61 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ތަރައްގީގެ ދަތުރުގައި އދ. އިން އަދާކޮށްފައިވާ މުހިންމު ދައުރު ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، 2040 ވަނަ އަހަރާ ހަމައަށް ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ސަރުކާރުން ގެންގުޅޭ ތަސައްވުރު ހަގީގަތަށް ހެދުމުގައިވެސް އެ ޖަމިއްއްޔާގެ އެއްބާރުލުން ނުހަނު ބޭނުންތެރި ކަމަށެވެ.

މީގެއިތުރުން، ބައިނަލްއަގުވާމީ މަސްރަހުގައި ރާއްޖޭގެ ދައުރު މިހާރު ފުޅާވަމުން އަންނަކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އދ. ގެ އާންމު މަޖިލީހާއި އިންސާނީ ހައްގުތަކާބެހޭ މަޖިލީހުގެ ނައިބު ރައީސްކަން ރާއްޖެއިން ކޮށްފައިވާ ކަމަށެވެ.

އަދި ކުރިއަށް އޮތް ތަނުގައި "ކޮމިޝަން އޮން ދަ ސްޓޭޓަސް އޮފް ވިމެން" އަދި "އިކޮސޮކް" ގެ މެންބަރުކަން ރާއްޖެއިން އަދާކުރާނެ ކަމަށާއި، އިންސާނީ ހައްގުތަކާބެހޭ މަޖިލީހާއި ސަލާމަތީ މަޖިލީހުގެ ގޮނޑިއަށް ވާދަކުރުމަށް ރާއްޖެއިން މަސައްކަތްކުރަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، 1965 ވަނަ އަހަރު ރާއްޖެއިން އދ. އާ ގުޅުނީ ބައިނަލްއަގުވާމީ ގޮތުން ގައުމެއްގެ ގޮތުގައި ބަލައިގަތުން ހޯދުމަށްކަމަށް ވީނަމަވެސް، މިއަދު ރާއްޖެ އޮތީ ބައިނަލްއަގުވާމީ މައިދާނުގައި މިއަށްވުރެ ބޮޑެތި ޒިންމާތަކާއި މަސްއޫލިއްޔަތުތައް އުފުލުމަށް ފުރިހަމައަށް ތައްޔާރަށް ކަމަށެވެ.