ރާއްޖޭގައި އަލަށް ތަރައްގީކުރާ ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހިންގުމަށް ހަމަޖެހިފައިވާ 20 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއު ކުރިއަށްދާނީ ރާއްޖޭގެ އިގްތިސޯދަށާއި ރައްޔިތުންނަށް އެންމެ ބޮޑު މަންފާއެއް ލިބޭނެގޮތަށްކަމަށް އެ ކުންފުނީގެ ޗެއާމަން މުހައްމަދު އަލައްބާރު ވިދާޅުވެއްޖެއެވެ.
ރަސްމާލޭގައި ޒަމާނީ މެރީނާއަކާއި ދުނިޔޭގެ ފެންވަރުގެ ވޯޓަފްރަންޓް ސިޓީއެއް ތަރައްގީކުރުމަށް ދިވެހި ސަރުކާރާއި އީގަލް ހިލްސް ކުންފުންޏާ ދެމެދު ހެދި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަދު އަބޫދާބީގައެވެ. މަޝްހޫރު ބުރުޖް ހަލީފާ އަދި ދުބާއީ މޯލް ފަދަ މަޝްރޫއުތައް ބިނާކުރި އިމާރް ކުންފުނީގެ ބާނީ އަލައްބާރު މިއަދު ވިދާޅުވީ، ދުނިޔޭގައި އޮތް ހަމައެކަނި "ދިވެހިރާއްޖެ" ފަދަ ހިތްގައިމު ގައުމެއްގެ ތަރައްގީގެ ބައިވެރިއަކަށްވުމަކީ ލިބުނު ވަރަށް ބޮޑު އުފަލަކާއި ޝަރަފެއް ކަމަށެވެ.
"ހަގީގަތަކީ، އެންމެންވެސް ދަންނަ ފަދައިން، މުޅި ދުނިޔެއަށް ވެސް ދިވެހިރާއްޖެއަކީ ހިތްގައިމު ހުވަފެނެއް ފަދަ ގައުމެއް. މިފަދަ މަޝްރޫއަކާ މެދު މަޝްވަރާކުރުމުގެ ދައުވަތު ލިބުމާއެކު، އަޅުގަނޑު އެކަން ބަލައިގަތީ ނުހަނު އުފަލާއެކުގައި. އެއީ މުޅި ދުނިޔޭގައި ވެސް އޮތީ އެންމެ ދިވެހިރާއްޖެއެއް ވީމާ،" އަލައްބާރު ވިދާޅުވިއެވެ.
"ރާއްޖޭގެ އިގްތިސޯދަށާއި ދިވެހި މުޖުތަމައުއަށް ފައިދާ ކުރަނިވި، އެދެވޭ ބަދަލުތަކެއް ގެނެސްދިނުމަކީ އަޅުގަނޑުގެ ހިތާ ނުހަނު ބޮޑަށް ގުޅިފައިވާ މުހިންމު އަމާޒެއް."
އަލައްބާރު ވިދާޅުވީ ރާއްޖޭގެ ނާޒުކު ގުދުރަތީ ވެއްޓާއި ދުނިޔޭގައި ރާއްޖެއަށް އޮތް މަގާމަށް ރިއާޔަތްކޮށް، މި މަޝްރޫއު ވެގެންދާނީ އެންމެ މަތީ ފެންވަރުގައި ތަންފީޒުކުރެވޭ މަސައްކަތަކައް ކަމަށެވެ.
ރިއަލް އެސްޓޭޓް ދާއިރާގައި ލިބިފައިވާ 28 އަހަރުގެ ދިގު ތަޖުރިބާގެ އަލީގައި އަލައްބާރު ދެއްވި ޔަގީންކަމަކީ، މި މަޝްރޫއުގެ ސަބަބުން ގިނަ އަދަދެއްގެ ވަޒީފާތައް އުފެދި، ވިޔަފާރީގެ އާ ފުރުސަތުތައް ތަނަވަސްވެ، ތިމާވެއްޓާއި އިޖުތިމާއީ ހަމަތަކަށް ފުރިހަމައަށް އިހުތިރާމްކުރެވިގެންދާނެ ކަމެވެ.
މި މަޝްރޫއުގެ ދަށުން މަތީ ފަންތީގެ ބްރޭންޑެޑް ރެސިޑެންސްތަކާއި، ވިޔަފާރި އާއި މުނިފޫހިފިލުވުމުގެ ހިދުމަތްތަކުގެ އިތުރުން ސިއްހީ، ތައުލީމީ އަދި ދުޅަހެޔޮކަމާ ގުޅޭ ހުރިހާ ވަސީލަތްތަކެއް އެއް ތަނަކުން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
ތަރައްގީގެ މަޝްރޫއުތައް
ތަރައްގީގެ މަޝްރޫއުތައް
ތަރައްގީގެ މަޝްރޫއުތައް
ކޮމެންޓް