ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއެއް ހިންގަން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ރާއްޖޭގެ އެއްވެސް ބިމެއް ވިއްކާލާފައި ނުވާނެ ކަމަށާއި، އެ ކުންފުންޏަށް ދީފައިވަނީ ހަމައެކަނި ކުއްޔަށް ހިފުމުގެ ހައްގު (ލީސް ރައިޓްސް)ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި މިރޭ ވާހަކަދައްކަވަމުން ޒަރީރު ވިދާޅުވީ، ރަސްމާލޭގެ މަޝްރޫއަކީ ރާއްޖޭގެ ގާނޫނީ އިމުގެ ތެރެއިން މިހާރުވެސް ރިސޯޓުތައް ތަރައްގީކުރުމަށް 99 އަހަރަށް ބިން ކުއްޔަށް ދޫކުރާ އުސޫލުން ކުރިއަށްގެންދާ މަސައްކަތެއް ކަމަށެވެ. އަދި ރާއްޖޭގައި މިހާރުވެސް ބޭރުގެ އިންވެސްޓަރުން ސަތޭކަ މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓްތައް އެ އުސޫލުން ހިންގަމުން އަންނަކަމަށް ޒަރީރު ވިދާޅުވިއެވެ.

"އެހެންވީމާ އެ ލީސް ރައިޓް ހޯލްޑްކޮށްގެން އެ ލީސް ރައިޓާ އެއްގޮތަށް އެ ބަޔަކު އެ ތަނެއްގައި ދިރިއުޅުމުގެ ފުރުސަތު ނުވަތަ އެތަނަކަށް ދަތުރުކުރުމުގެ ފުރުސަތު ލިބިގެން މިދަނީ،" ޒަރީރު ވިދާޅުވިއެވެ.

"އެއްވެސް ގޮތަކަށް މިއީ ރާއްޖޭގެ އެއްވެސް ބިމެއް، އެންމެ ބިންކޮޅެއް ވެސް ވިއްކާލެވޭނެ ގޮތަށް ހިންގޭ ޕްރޮޖެކްޓެއް ނޫން،"

ރާއްޖޭގެ އެންމެ ފަސްކޮޅެއްވެސް ބޭރުގެ އެއްވެސް ފަރާތަކަށް މިލްކުވާ ގޮތަށް ވިއްކައިނުލާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅު ތަކުރާރު ކުރައްވަމުން މިނިސްޓަރު ވިދާޅުވީ، މި މަޝްރޫއުގައިވެސް އެ ސިޔާސަތު އެގޮތުގައި ދަމަހައްޓާނެ ކަމަށެވެ.

އަދި އީގަލް ހިލްސްއިން ތަރައްގީކުރާ ހުރިހާ ވަސީލަތްތަކާއި ތަންތަނުގެ އަސްލު މިލްކުވެރިކަން އަބަދުވެސް އޮންނާނީ ދިވެހި ދައުލަތަށްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރަސްމާލޭގެ އިންޓަގްރޭޓެޑް މަޝްރޫއުގެ ދަށުން ދުނިޔޭގެ ފެންވަރުގެ ވޯޓާ ފްރޮންޓް މެރީނާއަކާއި، ތިން ރިސޯޓުގެ އިތުރުން ރިއަލް އެސްޓޭޓްގެ ބޮޑެތި އިމާރާތްތަކެއް ތަރައްގީ ކުރާނެއެވެ. އަދި އެތަންތަނުން ޑިވެލޮޕަރަށް ލިބިގެންދާނީ ހަމައެކަނި ލީސް ރައިޓްސް ކަމަށާއި، އޭގެ ސަބަބުން އެ ފަރާތްތަކަށް ލިބެނީ އެ މުއްދަތުގައި އެތަންތަން ބޭނުންކުރުމާއި ދިރިއުޅުމުގެ ފުރުސަތުކަމަށް ޒަރީރު ވިދާޅުވިއެވެ.

މި މަޝްރޫއަކީ ހަމައެކަނި ވިޔަފާރި އުސޫލުން ހިންގާ ތަންތަން އެކަނި އެކުލެވޭ މަޝްރޫއެއް ނޫން ކަމަށާއި، މި އެއްބަސްވުމުގެ ދަށުން ރައްޔިތުންނަށް ހިދުމަތް ދިނުމަށްޓަކައި ހޮސްޕިޓަލްތަކާއި ސްކޫލްތައް ފަދަ މުހިންމު އިޖުތިމާއީ ވަސީލަތްތައްވެސް އެ ސަރަހައްދުގައި ގާއިމުކުރާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.