ރަސްމާލޭގައި ތަރައްގީކުރާ ބިޔަ މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތަކަށާއި، ދިވެހި ކޮންޓްރެކްޓަރުންނަށް ވަރަށް ބޮޑެތި ފުރުސަތުތަކެއް ފަހިވެގެންދާނެކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ "ރާއްޖެމިއަދު" ޕްރޮގްރާމުގައި މިރޭ ވާހަކަދައްކަވަމުން ޒަރީރު ވިދާޅުވީ، މިއީ ހަމައެކަނި ސަރަހައްދެއް ތަރައްގީކުރުން ނޫން ކަމަށާއި، މި މަޝްރޫއުގެ ސަބަބުން އެތައް ދިވެހި ވިޔަފާރިއަކަށް ކުރިއެރުން ލިބޭނެ ކަމަށެވެ.
"މި ޕްރޮޖެކްޓުގެ ތެރޭގައި ހަމައެކަނި މި ހިމެނެނީ އެ ޕްރޮޖެކްޓުގެ ޑިވެލޮޕްމެންޓެއް ނޫން. ޕްރޮޖެކްޓް ޑިވެލޮޕްކޮށް އަދި ޕްރޮޖެކްޓުގެ ތެރޭގައި އެކިއެކި ވިޔަފާރިތަކަށް ލިބިގެންދާނެ ފުރުސަތުވެސް މީގަ ފާހަގަކުރަންޖެހޭ. އެގޮތުން މި ޕްރޮޖެކްޓުގެ އެކި ކަންކަން ޑިވެލޮޕްކުރުމުގެ ކޮންޓްރެކްޓަރުންގެ ގޮތުގަވެސް ހަމަ މަސައްކަތް ކުރާނީ ހަމަ ދިވެހިން. ދިވެހި ކުންފުނިތަކަށް ވަރަށް ބޮޑަށް ފުރުސަތު ލިބިގެންދާނެ މި ޕްރޮޖެކްޓުގެ ތެރެއިން،" ޒަރީރު ވިދާޅުވިއެވެ.
އަބޫދާބީގެ "އީގަލް ހިލްސް" ކުންފުންޏާ ގުޅިގެން ކުރިއަށްގެންދާ އެ މަޝްރޫއަކީ ރާއްޖޭގެ ތާރީހުގައި މިހާތަނަށް ހިންގާ އެންމެ ބޮޑު އިންވެސްޓްމަންޓް ކަމަށާއި، މިއީ 20 ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓެއް ކަމަށާއި، އެހެންކަމުން މިއީ ރާއްޖޭގެ މުޅި ޖީޑީޕީ ކަމަށްވާ ހަތް ބިލިއަން ޑޮލަރަށްވުރެ ގާތްގަނޑަކަށް ތިންގުނަ ބޮޑު އިންވެސްޓްމަންޓެއްކަމަށް ޒަރީރު ވިދާޅުވިއެވެ. ޒަރީރު ވިދާޅުވީ އެ އިންވެސްޓުމެންޓުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް އިންގިލާބީ ބޮޑު ބަދަލެއް އަންނާނެ ކަމަށެވެ.
މި މަޝްރޫއަކީ ބިން ވިއްކައިގެން ހިންގާ މަޝްރޫއެއް ނޫންކަން ސާފުކޮށްދެއްވަމުން މިނިސްޓަރު ވިދާޅުވީ، މިއީ ރިސޯޓު ހެދުމަށް ރަށްތައް ދޫކުރާ އުސޫލުން، ލީސް އެގްރީމެންޓެއްގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެއް ކަމަށެވެ. އަދި ބައިނަލްއަގްވާމީ ފެންވަރުގެ ކުންފުންޏަކާއެކު ހެދި މި އެއްބަސްވުމުގެ ސަބަބުން، ރާއްޖެއާމެދު ބޭރުގެ އިންވެސްޓަރުންގެ އިތުބާރު އިތުރުވެގެންދާނެކަމަށްވެސް ޒަރީރު ވިދާޅުވިއެވެ.
ހޮސްޕިޓަލުތަކާއި، ސްކޫލްތަކުގެ އިތުރުން ލަގްޒަރީ ހައުސިން ހިމެނޭ އެ މަޝްރޫއަކީ ދިގު މުއްދަތަކަށް އޭގެ ފައިދާ ގައުމަށް ލިބޭނެ އިންވެސްޓްމަންޓެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެއް މިލިއަން ފަތުރުވެރިންނަށް ހިދުމަތް ދެވޭ ފެންވަރަށް ތަރައްގީކުރާއިރު، މެޑިކަލް ޓޫރިޒަމް ފަދަ އާ ދާއިރާތައް ތައާރަފުކޮށް ފަތުރުވެރިކަން ސިންދަފާތު ކުރުމަށްވެސް އެ މަޝްރޫއުގެ ތެރެއިން މަސައްކަތް ކުރާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި އެއްބަސްވުމުގެ ދަށުން، އީގަލް ހިލްސްގެ ހަރަދުގައި 500 މިލިއަން ޑޮލަރުގެ 5،000 ހައުސިން ޔުނިޓް އެޅުމުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފަށާނެ ކަމަށާއި، ސަރުކާރުން އެންމެ އިސްކަމެއް ދެނީ އެ ހައުސިން ޔުނިޓްތައް ހުޅުމާލޭގައި ބިނާކުރުމަށްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު
ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު
ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު
ކޮމެންޓް