ޖަޕާނުގައި ޖަޕާނުގެ އައިޗީ-ނަގޯޔާގައި ކުރިއަށްދާ އޭޝިއާގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތް، އޭޝިއަން ގޭމްސް 2026 ގެ ޝޫޓިން އިވެންޓްގައި ވާދަކޮށް ރާއްޖޭގެ އަހުމަދު މާއިދު މުހައްމަދުވެސް ގައުމީ ރެކޯޑު ހަދައިފިއެވެ.
ރާއްޖޭން މިފަހަރު އޭޝިއަން ގޭމްސްގެ ހަތް ކުޅިވަރެއްގައި ވާދަކުރަމުންދާ އިރު، އިއްޔެއާއި މިއަދުވެސް ރާއްޖޭގެ އެތުލީޓުން ވަނީ ޝޫޓިންގައި ވާދަކޮށްފައެވެ. އިއްޔެ ރާއްޖޭގެ އައިޝަތު އީޝާ ޝަހީދު އޭނާގެ ގައުމީ ރެކޯޑު އާކުރި އިރު، މިއަދު ފިރިހެން ޝޫޓަރުން ވަނީ އިވެންޓްތަކުގައި ވާދަކޮށްފައެވެ.
މިއަދު މާއިދު ރެކޯޑު ހެދީ ފިރިހެނުންގެ 10 މީޓަރު އެއާ ރައިފަލް އިވެންޓްގައެވެ. އޭނާ 614.5 ޕޮއިންޓް ހޯދައިގެން ރެކޯޑު ހެދި އިރު، ކުރިން ރެކޯޑު އޮތީ މިއަދު އެ އިވެންޓްގައި ވާދަކުރި އުމަރު މުހައްމަދު ނަޝީދު އަތުގައެވެ. އުމަރު ރެކޯޑު ހެދީ 610.2 ޕޮއިންޓާއެކުގައެވެ. މާއިދު އުމަރުގެ ރެކޯޑު މުގުރާލީ އޭގެ ކުޑައިރުކޮޅެއް ފަހުންނެވެ. އުމަރުގެ ކުރިން 10 މީޓަރު އެއާ ރައިފަލް އިވެންޓްގެ ގައުމީ ރެކޯޑު އޮތީ ޝޫޓިން ޓީމުގެ އިބްރާހީމް ޝިފާންގެ އަތުގައެވެ. އޭނާ އެފަހަރު ރެކޯޑު ހެދީ ތައިލެންޑްގެ ބެންކޮކްގައި މިދިޔަ އަހަރު އޮތް އޭޝިއަން ކަޕް ޝޫޓިން މުބާރާތުގައި ވާދަކޮށް، 605.5 ޕޮއިންޓް ހޯދައިގެންނެވެ.
މިއަދު ޝިފާންވެސް އިވެންޓްގައި ވާދަކޮށްފައިވާ އިރު، އޭނާގެ ސްކޯއަކީ 597.3 ޕޮއިންޓެވެ.
މިއަދުގެ މި އިވެންޓުގައި ދުނިޔޭގެ ޝޫޓިން ތާރީހުގައި އުފެދުނު އެންމެ މޮޅު ޝޫޓަރު، ޗައިނާގެ ޝަންގް ލީހައޮވެސް ވާދަކުރިތަން ފެނިގެން ގޮސްފައިވެއެވެ. އަދި މިއަދު އިވެންޓްގެ އެންމެ ކުރިން ނިންމީވެސް އޭނާއެވެ. އެއީ 635.4 ޕޮއިންޓް ހޯދައިގެންނެވެ.
އޭޝިއަން ގޭމްސް
އޭޝިއަން ގޭމްސް
ކޮމެންޓް