ކ. މާލެ، ހ. މާދޫފިޔައިން، މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމަށް ލިބިވަޑައިގެންނެވި ބައި، އަނބިކަނބަލުން އާއިޝަތު ނަޝީދާއަށް ހިބައިން ދެއްވައި، އެ ހިބަ ސައްހަކަމަށް ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި ސިވިލް ކޯޓުން ކުރި ހުކުމްގައި ވަނީ ހ. މާދޫފިޔަ އެެވެ ކިޔާ ގޯތީގެ (871.25 އަކަފޫޓުގެ އަމިއްލަ ގޯތި) ގައިވާ އިމާރާތްތަކާއި ނުއުފުލޭ މުދަލުން އާޒިމަށް ލިބިވަޑައިގަންނަވާ ބައި، އޭނާގެ މިލްކުން ކަނޑައި އަނބިކަނބަލުން މއ. ޗަނބޭލީމާގެ، އާއިޝަތު ނަޝީދާއަށް ހިބަކޮށްދިނުމުން އެ ހިބަ އޭނާ ގަބޫލުކުރައްވާފައިވާތީ، މިއީ ޝަރުއީ އަދި ގާނޫނީ ހަމަތަކުގެ މަތިން ހިނގާ ނިމިފައިވާ ސައްހަ ހިބައެއް ކަމަށެވެ.

ހުކުމްގައި ވަނީ، މާދޫފިޔައިގެ އާޒިމްގެ ބައި އަނބިކަނބަލުންނަށް ހިބައިން ދިނުމާމެދު އޭނާގެ މަންމަ އާއިޝަތު މޫސާ އާއި، އަންހެން ދަރިކަނބަލުންވެސް އިއުތިރާޒް ނުކުރައްވާ ކަމަށެވެ. އަދި އާޒިމާއި އޭނާ ޝަރުއީ ގޮތުން ބަލަންޖެހޭ ފަރާތްތައް ދިރިއުޅޭނެ އިންތިޒާމު ކ. މާލެ، މ. ސީނުކަރަންކާގޭގައި ހަމަޖެހިފައިވާކަން ވެސް ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން، އެ ގޯއްޗަކީ ރަހުނުކޮށްފައިވާ ނުވަތަ ކުއްޔަށް ދީފައިވާ ތަނެއް ނޫންކަމަށާއި، އާޒިމްގެ މައްޗަށް ސާބިތު ދަރަންޏެއް ނެތްކަމަށްވެސް ހުކުމުގައިވެއެވެ. އަދި އެ ގޯތީގެ މިލްކުވެރިކަމާ މެދު ދައުވާކުރާ ފަރާތެއްވާ ނަމަ، އެކަން އެންގުމަށް ކޯޓުން ކުރި އިއުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ދައުވާއެއް ނުވަތަ ޝަކުވާއެއް ހުށަހަޅާފައި ނުވާކަންވެސް ފާހަގަކޮށްފައިވެއެވެ.

ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނުގެ ދަށުން އަނބިމީހާއަށް ހިބައިން މުދާ ދިނުމަށް ގާނޫނީ ހުރަހެއް ނެތުމާއެކު، ސިވިލް ކޯޓުން ވަނީ ހ. މާދޫފިޔާއިން އާދަމް އާޒިމަށް ލިބިވަޑައިގަންނަވާ ބައި އޭނާގެ އަނބިކަނބަލުން އާއިޝަތު ނަޝީދާއަށް މިލްކުވެއްޖެކަމަށް ކަނޑައަޅައި ހުކުމްކޮށްފައެވެ.