ޔުނައިޓެޑް ނޭޝަންސް ހިއުމަން ރައިޓްސް ކައުންސިލް (ޔޫއެންއެޗްއާރްސީ) އަކީ އދ.ގެ ގިއުގަޑުގެ ތެރެއިން އިންސާނީ ހައްގުތައް ރައްކާތެރި ކުރުމާއި ދުނިޔޭގެ އެކި ހިސާބުތަކުގައި އިންސާނީ ހައްގުތައް ނަގައިލުމުގެ އެކި އަމަލުތައް ބަލައި ތަހުގީގު ކުރުމުގެ އެންމެމަތީ އިދާރާއެވެ. މި އިދާރާ ވުޖޫދުކުރީ އދ.ގެ އާއްމު މަޖިލީހުގެ ގަރާރަކުން 2006 ވަނަ އަހަރުއެވެ. ކުރިން އޮތް އދ.ގެ ހިއުމަން ރައިޓްސް ކޮމިޝަން އުވައިލުމަށްފަހު އައު އިސްލާހުތަކާއެކު އެ ކޮމިޝަނުގެ ބަދަލުގައެވެ. ހިއުމަން ރައިޓްސް ކޮމިޝަން އުވައިލީ އިންސާނީ ހައްގުތަކުގެ މައްޗަށް ސިޔާސީ މަސްލަހަތު އިސްކޮށް ކަންކަން ކުރުމުގެ ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ އެންމެންގެ ކުރިމަތީގައި އިތުބާރު ގެއްލި އަގު ވެއްޓުމުންނެވެ. ކޮންމެއަކަސް އެ ކޮމިޝަން އުވައިލުމަށްފަހު އަލަށް ވުޖޫދު ކުރެވުނު ހިއުމަން ރައިޓްސް ކައުންސިލްގައި ތިބެނީ ޖުމްލަ 47 މެންބަރުންނެވެ. އެއީ ތިން އަހަރުގެ މުއްދަތަކަށް އދ.ގެ އާއްމު ޖަމިއްޔާއިން އިންތިޚާބުކުރާ މެންބަރުންނެވެ.
މިއީ އދ.ގެ ގޮތްޕަކަށް ވިޔަސް މިގޮފި ގާއިމުވެގެންވަނީ އެމެރިކާގެ ނިއުޔޯކަކު ނޫނެވެ. ސުވިޒަރލެންޑުގެ ޖެނީވާގައެވެ. މި ކައުންސިލުން ކޮންމެ އަހަރަކުވެސް ބާއްވަނީ ތިން ސެޝަނެވެ. ސެޝަނެއްގެ މުއްދަތަކީ އެއްމަހެވެ. ކުރިއަށްމިދާ 2026 ވަނަ އަހަރުގެ އެންމެފަހު ސެޝަން މިހާރު އެދަނީ ކުރިއަށެވެ. ސެޕްޓެމްބަރު ހަތަކުން އޮކްޓޫބަރު ހަތަކަށެވެ. މިއީ މި ކައުންސިލްގެ 63 ވަނަ ސެޝަނެވެ. މި ސެޝަންގެ ރިޔާސަތު ބަލަހައްޓަވަނީ މި ކައުންސިލްގެ ރައީސްގެ ގޮތުގައި އިންޑޮނީޝިޔާއިން އދ. އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސިދާރުތޯ ސުރިޔޮދިޕޫރޯއެވެ. އދ.ގެ އިންސާނީ ހައްގުތަކާބެހޭ ގޮފި ރިބްރޭންޑް ކުރިތާ ވިހި އަހަރުގެ ތެރޭގައި އަދި ދުވަހަކުވެސް އެމެރިކާގެ ޖަރީމާތަކެއް ތަހުގީގު ނުކުރެވެއެވެ. އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ ތުހުމަތެއްގައި އެމެރިކާއަކަށް އިނގިލި އަމާޒެއް ނުކުރެވެއެވެ. އެހެންނަމަވެސް އެކަން މިހާރު ކުރިއަށްދާ ސެޝަނުގެ ތެރޭގައި ނިމުމަކަށް އަންނާނެއެވެ.
މާދަމާ ބާއްވާ މި ސެޝަނުގެ ޖަލްސާއަށް އެމެރިކާއާ ދެކޮޅު ރިޕޯޓެއް ހުށައަޅާނެއެވެ. އެއީ އީރާނާ ދެކޮޅަށް އެމެރިކާއިން ކުރިއަށް ގެންދާ ހަގުރާމައިގެ ތެރޭގައި ހިންގާފައިވާ ކަމަށް ބުނެވޭ ޖަރީމާތައް ތަހުގީގު ކުރުމަށްފަހު ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ. އެ ރިޕޯޓުގައި ޚާއްސަގޮތެއްގައި ދެ ހާދިސާއަކަށް ބަލާފައިވެއެވެ. އެއީ މިއަހަރުގެ ފެބްރުއަރީ އަށާވީސްވަނަ ދުވަހު އީރާނުގެ މިނާބުގެ މަދަރުސާއަކަށް ހަމަލަދީ 160 ކުދިން މަރައިލުމުގެ ހާދިސާޔާއި ހަމައެދުވަހު ފާސް ޕްރޮވިންސްގެ ލެމާޑުގައިވާ ކުޅިވަރުގެ މަރުކަޒަކަށް ހަމަލަދީ ވިހި މީހުން މަރައިލުމުގެ ހާދިސާއެވެ. މި ދެހާދިސާއަކީ ހަގުރާމައިގެ ޖަރީމާއެއް ކަމަށް ނިންމިދާނޭ ކަމަށްވެސް މި ރިޕޯޓް ތައްޔާރުކުރި އިންވެސްޓިގޭޓަރުން ވަނީ ބަޔާންކޮށްފައެވެ. މިއީ މި ކައުންސިލުން 2022 ވަނަ އަހަރު އައްޔަންކޮށްފައިވާ މުޅިން މިނިވަން އިންވެސްޓިގޭޓަރުންގެ ޓީމެކެވެ. މި ޓީމުގެ ވެރިޔަކީ ބަންގްލަދޭޝްގެ ބޭފުޅެއްކަމަށްވާ ސާރާ ހުސައިނެވެ.
ކޮންމެއަކަސް އީރާން ހަގުރާމައިގެ ފެކްޓް ފައިންޑިން މިޝަނުން ތައްޔާރުކުރި ރިޕޯޓް އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގެ 63 ވަނަ ސެޝަނަށް ހުށައަޅާއިރު މިވާހަކަ އަޑުއަހާކަށް އެމެރިކާގެ މަންދޫބަކު ނުހުންނާނެއެވެ. އަދި އީރާނާއި އިޒްރޭލުގެ މަންދޫބަކުވެސް ނުހުންނާނެއެވެ. މި ތިން ގައުމަކީވެސް މި ކައުންސިލްގެ މެންބަރުންނެއް ނޫނެވެ. އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގެ މެންބަރަކަށް އެމެރިކާ ނުވަނީ ކީއްވެގެން ބާވައެވެ. މިއީވެސް ވަރަށް ޝައުގުވެރި ކުރަނިވި ވާހަކައެކެވެ. ކުރީގެ ހިއުމަން ރައިޓްސް ކޮމިޝަން އުވައިލުމަށްފަހު އައު ގޮތްޕެއް ވުޖޫދުކުރަން އެންމެ ބޮޑަށް ވަކާލާތުކުރި އެއްގައުމަކީވެސް އެމެރިކާއެވެ. އެ ކޮމިޝަން އުވައިލުމަށް އެވަރަށް އެމެރިކާއިން ބާރުއެޅީ އިޒްރޭލުގެ ޖަރީމާތަކުގެ ވާހަކަ ދައްކާތީއެވެ. އެ ޖަރީމާތައް ތަހުގީގު ކުރާތީއެވެ. ކޮންމެއަކަސް 2006 ވަނަ އަހަރު ހިއުމަން ރައިޓްސް ކައުންސިލްގެ ނަމުގައި އައު ގޮތްޕެއް ވުޖޫދުވުމުން އޭރުގެ ރައީސް ޖޯޖް ޑަބްލިޔު ބުޝް އެ ކައުންސިލްގައި އެމެރިކާ ބައިވެރި ނުވާން ނިންމައިފިއެވެ.
ސަބަބަކަށްވީ އެމެރިކާ ނުރުހޭ ބައެއް ގައުމުތައް މި ކައުންސިލަށް އިންތިޚާބު ވުމުންނެވެ. އޭގެ ތިން އަހަރު ފަހުން ރައީސް ބަރަކް އޮބާމާގެ ދައުރުގައި މި ކައުންސިލްގައި އެމެރިކާ ބައިވެރިވެއްޖެއެވެ. ކައުންސިލްގެ އެތެރޭގައި އޮވެގެން އިސްލާހު ކުރަން ފަސޭހަވާނެޔޭ ބުނެފައެވެ. އެގޮތަށް ނުވަ އަހަރު އޮތުމަށްފަހު ރައީސް ޓްރަމްޕުގެ ފުރަތަމަ ދައުރުގައި 2018 ވަނަ އަހަރު އެމެރިކާ މި ކައުންސިލުން ބޭރުވެއްޖެއެވެ. މިއީ އިޒްރޭލާ ދެކޮޅު ކައުންސިލެއް ކަމަށް ބުނެފައެވެ. ކޮންމެއަކަސް އެމެރިކާއިން އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ އިދާރާގައި ބައިވެރިވުމާއި ބައިވެރިނުވުން މިހާތަނަށް މިއޮތީ އިޒްރޭލުގެ މަސްލަހަތުގެ މައްޗަށެވެ. އެމެރިކާގެ މަސްލަހަތުގެ މައްޗަކަށް ނޫނެވެ. މި ކައުންސިލް ނުވަތަ ކޮމިޝަން އެމެރިކާއަށް ގޯސްވަނީ އެމެރިކާ ކުށްވެރި ކުރާތީއެއް ނޫނެވެ. އިޒްރޭލް ކުށްވެރި ކުރާތީއެވެ. އެކަމަކު މިފަހަރު އެކަންވެސް މިއޮތީ ބަދަލުވެފައެވެ. މި ކައުންސިލުން އެއޮތީ މުޅިން އަލަށް އެމެރިކާގެ މައްޗަށް ހަގުރާމައިގެ ޖަރީމާ ހިންގުމުގެ ތުހުމަތު ކޮށްފައެވެ.
މިފަހަރު މިއޮތީ ހަމަސީދާ ރައީސް ޓްރަމްޕުގެ ސަރުކާރާ ދެކޮޅަށް ހުކުމެއް އައިސްފައެވެ. ވެރިކަމުގައި އަދިވެސް އެހެރީ ޓްރަމްޕެވެ. އެހެންވީމާ ޓްރަމްޕުގެ ސަރުކާރުން މިފަހަރު އދ. ގެ ހިއުމަން ރައިޓްސް ކައުންސިލާ ދެކޮޅަށް ލައްކަ ފޮނެއް އަރުވާނެއެވެ. އެ ކައުންސިލް އުވައިލަން ބާރުއަޅާނެއެވެ. އިންވެސްޓިގޭޓަރުންނާ ދެކޮޅަށްވެސް ފިޔަވަޅު އަޅާނެއެވެ. ދުނިޔޭގެ ޖިނާއީ ކޯޓުގެ ވަކީލުންނާއި ފަޑިޔާރުންނާ ދެކޮޅަށްވެސް ފިޔަވަޅު އެޅި ބީދައިންނެވެ. އދ.ގެ ހިއުމަން ރައިޓްސް ކައުންސިލަކީ ވަކި ބަޖެޓަކުން ހިންގާ ކައުންސިލެއް ނޫނެވެ. އެ ކައުންސިލް ހިންގަނީ އދ.ގެ ބަޖެޓުގެ ތެރެއިންނެވެ. އެބަޖެޓަކީ އދ.ގެ 193 މެންބަރުން ދައްކާ ޗަންދާގެ މައްޗަށް އެކުލެވޭ ބަޖެޓެކެވެ. އެންމެ ބޮޑު ޗަންދާއެއް ދައްކާ ގައުމަކީ އެމެރިކާ ކަމަށްވާތީ މިފަހަރު ޓްރަމްޕު ރުޅިގަދަވެގެން އދ.އަށް ފައިސާ ދިނުން މުޅިން ހުއްޓައިލުމަށް ނިންމުމަކީވެސް ކައިރި ކަމެކެވެ.
އިމާދު ލަތީފު
އެމެރިކާ
އެމެރިކާ
އެމެރިކާ
އެމެރިކާ
ކޮމެންޓް