އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަން (ޔޫއެންޖީއޭ 81) ގެ ހައި-ލެވެލް ހަފުތާގައި ބައިވެރިވެވަޑައިގަތުމަށް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް ރޭ ނިއުޔޯކަށް ފުރާވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި، ދިވެހިރާއްޖޭގެ ފަރާތުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަތީ ފަންތީގެ ބައްދަލުވުންތަކުގައި ރަސްމީ ބަޔާން އިއްވެވުމުގެ އިތުރުން، ދޭދޭ ގައުމުތަކުގެ އިސްވެރިންނާއެކުގައްޔާއި، ގިނަ ގައުމުތައް ގުޅިގެން ބާއްވާ ބައްދަލުވުންތަކުގެ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މައުލޫމާތު ދެއެވެ.

މީގެ އިތުރުން، އާންމު މަޖިލީހުގެ ބަހުސް ހުޅުވާލުމުގެ ރަސްމިއްޔާތާއި މި ބައްދަލުވުމުގެ ހަވާސާގައި ބާއްވާ ހަފުލާތަކުގައި އެ މަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ ކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ 26 ސެޕްޓެމްބަރު 2026 ގައެވެ.