އަސާސީ ކާބޯތަކެއްޗާއި ތެލާއި ގޭސް ގަތުމަށް ދަތިކަމެއް ނެތް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އިންޑިއާއިން ނެގި ޓީ-ބިލަށް 150 މިލިއަން ޑޮލަރު ދައްކާފައިވާއިރު، ގައުމުގައި އަސާސީ ކާބޯތަކެތި ގަންނަން ފައިސާ ނެތްކަމަށް ބުނެ ބައެއް ސިޔާސީ ފަރާތްތަކުން ދަނީ ވާހަކަދައްކަމުންނެވެ.

އެކަމަށް ރައްދު ދެއްވައި އެކްސްގައި މިރޭ އާންމު ކުރެއްވި ވީޑިއޯ މެސެޖެއްގައި މިނިސްޓަރު ސައީދު ވިދާޅުވީ، ސަރުކާރުން މި ފަހުން ދެއްކި 50 މިލިއަން ޑޮލަރުގެ ލޯނާއެކު، މިހާތަނަށް ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން މުޅި ޖުމްލަ 1.34 ބިލިއަން ޑޮލަރުގެ ދަރަނި ދައްކައިދީ ގައުމުގެ އިގުތިސޯދު ވެއްޓިފައި އޮތް ނުރައްކާތެރި އަނދަވަޅުން ވަނީ ސަލާމަތްކޮށްދީފައި ކަމަށެވެ.

މިނިސްޓަރު ސައިދު ވިދާޅުވީ، ގައުމަށް ދެރަގޮތްވާން އެދޭ ބަޔަކު އުޅޭ ކަމަށާއި އެ ފަރާތްތަކުން ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދަން މަސައްކަތް ކުރާ ކަމަށެވެ.

"ކާޑެއް ނުލިބޭނޭ، ގޭހެއް ނުލިބޭނޭ، ތެލެއް ނުލިބޭނޭ، އަސާސީ ބާވަތްތަކުގެ މުދަލެއް ނުގަނެވޭނޭ. މިއީ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދައި މާކެޓުގެ އިތުބާރު ގެއްލުވާލުމަށް މި ބޭފުޅުން ދައްކާ ވާހަކަ. އަޅުގަނޑު ޔަގީންކަން އަރުވަން އިރާދަކުރެއްވިއްޔާ އެއްވެސް ބާވަތެއްގެ އަސާސީ ބާވަތެއް ގަތުމަކަށް، ކާޑު ގަތުމަކަށް، ގޭސް ގަތުމަކަށް އެއްވެސް ހުރަހެއް ނެތް." ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ، ރާއްޖެއަށް ފަތުރުވެރިން ނައުމަށް ގޮވާލާ ބައެއް ފަރާތްތަކުން މަސައްކަތްކުރާއިރު އެކަމުގެ ގެއްލުން ހުރިހާ ރައްޔިތުންނަށްވެސް ކުރާނެ ކަމަށެވެ.

"މީ އެއްވެސް ޑިމޮކްރަސީއެއްގައި ކުރާ ޒާތުގެ ކުރާ ކަމެއް ނޫން" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ރައީސް މުއިއްޒުގެ ދުރުވިސްނުންފުޅާއެކު އަޅުއްވަމުންގެންދަވާ ފިޔަވަޅުތަކާއެކު އިގުތިސޯދީ ހާލަތު ރަނގަޅުވެ ޑޮލަރުގެ މައްސަލަވެސް ހައްލުވާނެ ކަމަށެވެ.