މާލޭގެ އަމީނީ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން، އެ މަގުގެ ފުރަތަމަ ސެގްމަންޓުގައި ތާރުއެޅުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ.
މި މަސައްކަތް ފެށުމާ ގުޅޭގޮތުން އެމްޓީސީސީން މިއަދު ބުނި ގޮތުގައި، އަމީނީ މަގު ހަދައި ނިމުމުން މާލޭ ސިޓީގެ މަގުތަކަކީ އާންމުންނަށް ބޭނުންކުރަން ފަސޭހަ އަދި ރަނގަޅު ފެންވަރެއްގެ މަގުތަކަކަށް ވެގެންދާނެއެވެ. އެގޮތުން، މި މަޝްރޫއުގެ ސަބަބުން އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކަށާއި، މަގުމަތީގައި ހިނގާބިނގާވެ އުޅޭ މީހުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ގަބޫލުކުރެއެވެ.
އަމީނީ މަގުގެ ފުރަތަމަ ސެގްމަންޓުގެ މަސައްކަތް މިހާރު ކުރިއަށްދާ އިރު، މިއީ މާލޭގެ މަގުތަކުގެ ހާލަތު ރަނގަޅުކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެއް ކަމަށް އެމްޓީސީސީން ވަނީ ފާހަގަކޮށްފައެވެ.
އަމީނީ މަގުގެ މާފަންނާވީ ސަރަހައްދު ހަލާކުވެ ސެގްމަންޓް އެކެއްގެ ގޮތުގައި މިވަގުތު މަރާމާތު ކުރަމުންދަނީ ދިވެހިރާއްޖޭގެ އަޑުން ފެށިގެން ދަތުމަވަންތަ ހޮސްޕިޓަލްގެ ޕާކާ ހަމައަށް އޮންނަ ސަރަހައްދެވެ.
ތާރު އެޅުމުގެ މަސައްކަތް ނިންމައި އާންމުންނަށް ހުޅުވާލުމަށްފަހު ދެން ކުރިއަށްގެންދަން ނިންމާފައިވަނީ އެ މަގުގެ ސެގްމަންޓް ދޭއްގައި ހިމެނޭ ދިވެހިރާއްޖޭގެ އަޑުން ފެށިގެން ގިޔާސުއްދީން ސްކޫލާ ހަމައަށް އޮންނަ ސަރަހައްދު މަރާތުކުރުމުގެ މަސައްކަތެވެ.
އެ މަސައްކަތްތައް މިއަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި ނިންމާލުމަށް އެމްޓީސީސީން ވަނީ އަމާޒު ހިފައިފައެވެ. އަމީނީ މަގުގެ މިހާރު ކުރިއަށްގެންދާ މަރާމާތުގެ މަސައްކަތް ނިމުމުން ބޮޑުތަކުރުފާނު މަގުގައި ކުރިން ތާރުއަޅާފައިވާ ސަރަހައްދުތަކުގައި ހަލާކުވެފައި ހުރި ތަންތަން މަރާމާތު ކުރުމަށްވެސް ހަމަޖެހިފައިވެއެވެ.
އަމީނީމަގުގެ ހަލާކުވެފައިވާ ބައިތައް މަރާމާތުކުރުމަށްޓަކައި އެ މަގުގެ ފުރަތަމަ ސެގްމަންޓްގެ މަސައްކަތްތައް އެމްޓީސީސީން ފެށީ މިދިޔަ މަހުގެ ތިންވަނަ ދުވަހުއެވެ. އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ ޖޫން މަހުގެ 15 ވަނަ ދުވަހުއެވެ.
ކުރީގެ ސަރުކާރުން 84.4 މިލިއަން ރުފިޔާ ހަރަދުކޮށްގެން 2024 ވަނަ އަހަރުގެ ޖެނުއަރީ މަހު ނިންމި އަމީނީމަގުގެ 1.79 ކިލޯމީޓަރުގެ މި ސަރަހައްދު މިހާރު ވަނީ ބައެއް ހިސާބުތަކުން ތާރުގަނޑު އުފުލި، މަގު ވަރަށް ބޮޑަށް ހަލާކުވެފައެވެ. ހާއްސަކޮށް މަގުގެ ހުޅަނގު ފަރާތުގެ ހާލަތު ގޯސްވެފައިވާ އިރު، ފަންނީ ބޭފުޅުން ފާހަގަކުރައްވާ ގޮތުގައި މިފަދައިން މަގު ހަލާކުވެފައިވަނީ ތާރު އެޅުމަށްފަހު އެކަށީގެންވާ ވަރަށް ނުހިކެނީސް، ބަރު އުޅަނދުތައް ދުއްވުމުންނެވެ.
އެ މަޝްރޫއުގެ ދަށުން މަގު މަރާމާތު ކުރުމުގެ އިތުރުން، ބަސް ހުއްޓިތައް ހިމެނޭ ސަރަޙައްދުތަކުގެ ޕޭވްމަންޓް ޑިޒައިނަށް ބަދަލުތަކެއް ގެނައުމަށް ހަމަޖެހިފައިވެއެވެ. އެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ދިވެހިރާއްޖޭގެ އަޑުގެ ކުރިމަތިން އޮންނަ އިއްޒުއްދީން މަގާ ހިސާބުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލު ކައިރީ އޮންނަ ޕާކާ ހަމައަށް މިދިޔަ މަހުގެ ދެވަނަ ދުވަހުގެރޭ 12:00 އިން ފެށިގެން ވަނީ ބަންދުކޮށްފައެވެ.
އެ ބަދަލާއެކު ސެގްމަންޓް އެކެއްގެ މަސައްކަތް ނިމެންދެން ސޯޝަލް ސެންޓަރު، އައިޖީއެމްއެޗް، އަދި ދަރުމަވަންތަ ހޮސްޕިޓަލުގެ ބަސް ހުއްޓިތަކަށް މި ރޫޓުގެ ބަސްތައް މަޑު ނުކުރާނެއެވެ. އަދި އަމީނީމަގު ސެގްމަންޓް އެކެއްގެ މަސައްކަތް ނިމެންދެން ރޫޓް 11ގެ ބަހުގެ ހިދުމަތް ވަގުތީގޮތުން މެދުކެނޑޭނެ ކަމަށާއި ރޫޓް 1، ރޫޓް 3، ރޫޓް 7 އަދި ރޫޓް 15ގެ އެންމެ ފަހުގެ މަންޒިލެއްގެ ގޮތުގައި މާލޭގައި ކަނޑައަޅާފައިވަނީ މާފަންނު ބަސް ޓާމިނަލް ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
މަގު ހެދުން
މަގު ހެދުން
މަގު ހެދުން
މަގު ހެދުން
ކޮމެންޓް