ގާނޫނަށް ތަބާނުވާން ގޮވާ މީހުން ރައްޔިތުންނާ ހަމަޔަށް ދިޔުމުގެ ހައްގެއް ނޯންނާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ކޮންގްރެސް ނިންމުމުގެ ޖަލްސާގައި މިރޭ ވާހަކަފަޅު ދައްކަވަމުން ރައީސް ވިދާޅުވީ މި ސަރުކާރުން ދަތި ހުރިހާ ވަގުތުތަކެއްގައި ހިޔާރު ކޮށްފައިވަނީ ރައްޔިތުންކަމަށް ރައީސް ވިދާޅުވިއެވެ. ގައުމަށް ފައިދާހުރި ކަންކަމުގެ މި ސަރުކާރުން ބަލަނީ ރައްޔިތުންނަށް ފައިދާހުރި ގޮތްކަމަށް ރައީސް ވިދާޅުވިއެވެ. އާންމު ރައްޔިތުންނަށް ފައިދާހުރި ގޮތް ހިޔާރު ކުރުމަކީ އަދުލުވެރިވުންކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އެހެންކަމުން، ރާއްޖޭގެ ބޮޑެތި ވިޔަފާރިތައް ހިންގާ ފަރާތްތަކަށް، އެ ހިސާބަށް ދެވުނީތީވެ އެކަމުގެ ބަދަލެއްގެ ގޮތުގައި ރައްޔިތުންނަށް ހައްގުވާ މިންވަރު ދޭންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ. އަދުލުވެރިވުމަކީ އެއީކަމަށް ރައީސް ވިދާޅުވިއެވެ. މީގެކުރިން ސަރުކާރުތަކުން ނުވަތަ ޕާޓީތަކުން މިކަހަކަ ވާހަކަ ދައްކާފައިނުވާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"މިހާރުވެސް އެހެން ނޫންތޯ ވަނީ. އަޅުގަނޑުމެން މި ބޭރުފައިސާ މާރުކުރުމުގެ ގާނޫނަށް މިގެނައި ބަދަލު ގެނައިމާ ބައެއް ބޭފުޅުން ހަމަ ފާޅުގަ ނޫންތޯ ދެކޮޅު ހެދީ މިކަމާ. ފާޅުގަ ދެކޮޅު ހެދީ، ހަމަ ފާޅުގަ ގޮވާލަމުން ދިޔައީ އެ ގާނޫނަށް ތަބާނުވާށޭ. މީ ކޮންކަހަލ ވާހަކައެއްތޯ، ގާނޫނުތަކަށް ތަބާނުވާން ގޮވާލާ މީހުން ރައްޔިތުން ކައިރިއަށް ދިޔުމުގެ، ދިޔުމަކީ ފުރަތަމަ އަމިއްލަ ނަފުސު ދެކެ ލަދުގަންނަޏާމުންވެސް ކުރާނެކަމެއް ނޫން. އެހެންވީމާ އަމިއްލަ ނަފުސަށްވެސް އިހުތިރާމް އަދާނުކުރާ ބަޔަކު އެކަހަލަކަމެއް ކޮށްފާނެ، އެކަން މި ފެންނަނީ" ރައީސް ވިދާޅުވިއެވެ.

މީގެ ދެތިން ހަތަރު އަހަރު ކުރިއަށް ބެލި ނަމަވެސް ބޭރު ފައިސާ ރައްޔިތުންނަށް ލިބެމުންދިޔަ ވަރަށްވުރެ އިތުރަށް މިހާރު ލިބެމުންދާ ކަމަށެވެ. ނަމަވެސް، މިހާރު އީ ކޮމާސް ފަދަ ކަންކަމުގައި ރައްޔިތުންގެ ޝާމިލުވެ އުޅޭ މިންވަރު އިތުރުވެފައިވާތީ ބައެއް ދަތިތައް ދިމާވެފައިވާ ކަމަށެވެ. އަދި ސަރުކާރުން ކުރިއަށް ގެންދާ ބައެއް އިގްތިސޯދީ ކަންކަމުގެ ސަބަބުންވެސް އެ ދަތިތަކާ ރައްޔިތުން ކުރިމަތިލާން ޖެހިފައިވާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އެއީ ރައްޔިތުންގެ ހައްގުގަ ގައުމުގެ އިގްތިސޯދު އާ ހަރުތަކަށް، މަތީ ހަރުފަތަކަށް ގެންދިއުމަށް މިކުރެވޭ މަސައްކަތުގަ ވަގުތީ ގޮތުން މި ދިމާވާ ދަތިކަމެއް މި ދިމާވަނީ" ރައީސް ވިދާޅުވިއެވެ.

ނަމަވެސް ގާނޫނާނުތަކަށް ގެންނަ ބަދަލާއި، އިގްތިސޯދީ ސިޔާސަތުތައް ތަންފީޒު ކުރުމަށް މިކުރާ މަސައްކަތުގެ ނަތީޖާގެ ސަބަބުން މާލަސްތަކެއްނުވެ، ރައްޔިތުންނަށް މިހާރު މި ދިމާވެފައިވާ މި ދަތިތައް ހައްލު ވެގެންދާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.