އިންޑިއާގެ މުމްބާއީގައި 2026 ވަނަ އަހަރު ބާއްވާ ޕްރިންސް ވިލިއަމްގެ “ދަ އާތުޝޮޓް ޕްރައިޒް” ހަފުލާ ހުށަހަޅައިދޭނީ ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ކަރަން ޖޯހަރް ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ. މި ހަބަރު އެންމެ ފުރަތަމަ ފެތުރެން ފެށީ އިންޑިއާގެ މުނިފޫހިފިލުވުމުގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުންނެވެ.
ޕްރިންސް ވިލިއަމް އިސްވެ ހުންނަވައިގެން ފެއްޓެވި މި އިނާމަކީ ދުނިޔޭގެ ތިމާވެއްޓަށް ދިމާވެފައިވާ ގޮންޖެހުންތަކަށް އީޖާދީ ހައްލުތައް ހޯދާ ފަރާތްތަކަށް ދޭ ބައިނަލްއަގުވާމީ އެވޯޑެކެވެ.
މި ހަފުލާ މުމްބާއީގައި ބާއްވާނެކަން ރަސްމީކޮށް އިއުލާންކޮށްފައިވީ ނަމަވެސް، ކަރަން ޖޯހަރް މި ހަފުލާ ހޯސްޓުކުރާނެކަން އޭނާގެ ޓީމުން ނުވަތަ އާތުޝޮޓް ޕްރައިޒްގެ އިންތިޒާމުކުރާ ފަރާތުން އަދި ރަސްމީކޮށް ކަށަވަރުކޮށްދީފައެއް ނުވެއެވެ.
މި ހަބަރާއެކު އެކްސް އަދި އިންސްޓަގްރާމް ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައި އާންމުން އަންނަނީ ހައިރާންކަން ފާޅުކުރަމުންނެވެ. އާންމުގޮތެއްގައި ބޮލީވުޑްގެ އެވޯޑު ހަފުލާތަކާއި މުނިފޫހިފިލުވުމުގެ ޝޯތައް ހުށަހަޅައިދޭ ކަރަން ޖޯހަރް، ތިމާވެއްޓާ ގުޅޭ ބައިނަލްއަގުވާމީ ހަފުލާއަކުން ފެނިދާނެކަމަށް އުންމީދު ނުކުރާ ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.
އެކްސްގައި ހިޔާލުފާޅުކުރި ބައެއް މީހުން ބުނެފައިވަނީ އިނގިރޭސި ޝާހީ އާއިލާގެ ހަރަކާތަކާއި ކަރަން ޖޯހަރް ގުޅުމަކީ “މަގޭ ބިންގޯ ކާޑުގައި އޮތް ކަމެއް ނޫން” ކަމަށެވެ. މީގެ އިތުރުން، ބައެއް ޔޫޒަރުން ވަނީ މިއީ މުޅިން ތަފާތު ދެ ދާއިރާއެއްގެ ގުޅުމެއް ކަމަށް ބުނެ ޕޯސްޓުތައް ކޮށްފައެވެ.
މި ހަފުލާގައި ކަރަން ޖޯހަރް އަދާކުރާނެ ދައުރަކާ ގުޅޭގޮތުން ރަސްމީ ފަރާތްތަކުން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.
ކަރަން ޖޯހަރު
ކޮމެންޓް