ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި އިވުމުން މަހުރޫމުވެފައިވާ މީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން، މިހާރު ހުރި ފުލެޓްތަކާއި އަލަށް އިމާރާތްކުރާ ހައުސިން ޔުނިޓްތަކުގައި ކުއްލި ހާލަތްތައް ވަގުތުން އަންގައިދޭނެ ޒަމާނީ ނިޒާމުތައް ހަރުކުރުމަށް ވިސްނަވަމުން ގެންދަވާ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އާންމު ރައްޔިތުންގެ ޝަކުވާތައް އަޑުއެއްސެވުމަށް ބާއްވަމުން އަންނަ "ރައްޔިތުންގެ އަޑު" ޕްރޮގްރާމްގައި އިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ދެމަފިރިއަކުވަނީ އެ މީހުންގެ ދިރިއުޅުމުގައި ދިމާވާ ބޮޑެތި ގޮންޖެހުންތަކާއި ކަންބޮޑުވުންތައް އިޝާރާތުގެ ބަހުގެ ތަރުޖަމާނެއް މެދުވެރިކޮށް ރައީސާ ހިއްސާކޮށްފައެވެ.
އެ މީހުން ދިރިއުޅޭ އިމާރާތުގައި އަލިފާނުގެ ހާދިސާއެއް ފަދަ ނުރައްކާތެރި ކުއްލި ހާލަތެއް ދިމާވެއްޖެ ނަމަ، އެކަން ވަގުތުން ދެނެގަނެވޭނެ އެކަށީގެންވާ ނިޒާމެއް ނެތުމުން ކުރިމަތިވާ ބިރުވެރިކަން އެ ފަރާތުން ފާހަގަކުރިއެވެ. އަދި ބަލި ބައްޕައެއް ބަލަހައްޓަމުން އަންނައިރު ކުއްލި އެހީތެރިކަމެއް ހޯދުމަށް ހުރި ދަތިތަކުގެ އިތުރުން، ސްކޫލުގައި ކިޔަވަމުންދ އަންނަ ތިން ދަރިންގެ ތައުލީމީ ކަންކަމުގައި ޓީޗަރުންނާ މުއާމަލާތު ކުރުމުގައި ދިމާވާ އުނދަގޫތައްވެސް ރައީސްގެ ސަމާލުކަމަށް ގެނައެވެ.
އެ އާއިލާގެ ވާހަކަތައް އަޑުއެއްސެވުމަށް ފަހު ރައީސް ވިދާޅުވީ، ސަރުކާރުން އަލަށް ތަރައްގީކުރާ ހުރިހާ ފުލެޓްތަކަކީވެސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކުއްލި ނުރައްކަލުގެ ހާލަތްތައް ފަސޭހައިން އެނގޭނެ ފަދަ ޒަމާނީ ވަސީލަތްތައް އެކުލެވޭ ތަންތަނަށް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
މީގެ އިތުރުން، ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ޖާގަ ދިނުމުގައި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެންމެ ތިރީ ފަންގިފިލާތައް ހާއްސަކުރުމުގެ އުސޫލަށް މިހާރުވެސް އަމަލުކުރަމުން އަންނަ ކަމަށާއި، މިހާރު މީހުން ދިރިއުޅެމުން އަންނަ އިމާރާތްތަކުގައިވެސް އެފަދަ ފަރާތްތަކަށް ރައްކާތެރި އަދި ލުއިފަސޭހަ މާހައުލެއް ގާއިމުކޮށްދިނުމަށް ސަރުކާރުން ހާއްސަ އަހައްމިއްޔަތުކަމެއް ދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް