ސްޓޭޓް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް ކުރީ ސަރުކާރުން ނަގާފައިވާ ލޯނެއް ސަރުކާރުން އެއްކޮށް ދައްކައި ހަލާސްކޮށްފިއެވެ.

މިއީ ކުރީ ސަރުކާރުން ދައުލަތުގެ ބަޖެޓު ހަމަޖެއްސުމަށް 2019 ވަނަ އަހަރު ތިންފަހަރުމަތީން ނެގި 150 މިލިޔަން ޑޮލަރުގެ ލޯނެކެވެ. އެ ލޯނު ނެގީ ތިން ބަޔަކަށް ބަހާލައިގެން 50 މިލިޔަން ޑޮލަރުގެ ޓްރެޝަރީ ބިލްގެ ގޮތުގައިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މި އަހަރުގެ މޭ މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ އޭގެ ތެރެއިން 100 މިލިއަން ދައްކާފައިވާ ކަމަށާއި ބާކީ 50 މިލިއަން ޑޮލަރުވެސް ވަގުތަށް ދެއްކޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވެފައެވެ.

އެ ލޯނުގެ ބާކީ އޮތް 50 މިލިއަން ޑޮލަރު ދައްކަން ޖެހެނީ މިއަދުއެވެ.

ޕީއެންސީގެ ކޮންގްރެސްގައި މިހާރު ކުރިއަށްދާ ސެޝަންގައި ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އެ ލޯނު އެއްކޮށް ދައްކައި ހަލާސްކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ.

ސަރުކާރުން މިހާތަނަށް ދަރަނި ދެއްކުމަށް ޖުމްލަ 1.3 ބިލިޔަން ޑޮލަރު ހޭދަކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.