މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ (އައިއައިޔޫއެމް) އާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް) ގުޅިގެން ކ. ތުލުސްދޫގައި ކުރިއަށްގެންދިޔަ ބައިނަލްއަގްވާމީ އިސްލާމިކް އިކޮނޮމިކްސް ޓްރެއިނިން ކޭމްޕް (އައިއީޓީސީ) އަދި މަހާސިންތާ ނިންމާލައިފިއެވެ.

މި މަހުގެ 9 އިން 13 އަށް ކުރިއަށްދިޔަ މި ކޭމްޕް ފެށުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މި މަހުގެ 8 ވަނަ ދުވަހުގެ ރޭގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސާއިދު މުސްތަފާއެވެ. މި ހަފުލާގައި އައިއައިޔޫއެމްގެ ޑެޕިއުޓީ ރެކްޓަރާއި ޕްރޮފެސަރުންގެ އިތުރުން، އައިޔޫއެމްގެ ވައިސް ޗާންސެލަރު ޑރ. އަލީ ޒާހިރާއި ޑެޕިއުޓީ ވައިސް ޗާންސެލަރު އަހުމަދު އަމީން މުހައްމަދު އަދި ކޭމްޕް އިންތިޒާމުކުރި ކުއްލިއްޔާ އޮފް އިކޮނޮމިކްސް އެންޑް މެނޭޖްމަންޓް ސްޓަޑީޒްގެ ޑީން ޑރ. މުހައްމަދު ޒާހިރު ބައިވެރިވެވަޑައިގަތެވެ. ކޯ-ހޮސްޓުންގެ ގޮތުގައި ތުލުސްދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން ހަރަކާތްތެރިވި އިރު، ސަޕޯޓިން ސްޕޮންސަރަކީ އަމާނާ ތަކާފުލްއެވެ.

8 ސެޕްޓެމްބަރު 2026، ކ. ތުލުސްދޫ، އައިޔޫއެމްގެ އައިއީޓީސީ އަދި ކަރިކިއުލަމް ޑިވެލޮޕްމެންޓް ވޯކްޝޮޕް އިފްތިތާހުކުރުމުގެ ރަސްމިއްޔާތު --- ވަން ފޮޓޯ: ހަމްދާން އަހުމަދު

އިސްލާމީ އިގުތިސާދުގެ ފަލްސަފާއާއި، އާޓިފިޝަލް އިންޓެލިޖެންސާއި، އެތިކްސް އަދި ފައިނޭންސްގެ މުސްތަގުބަލާ ގުޅޭގޮތުން މި ކޭމްޕުގައި ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައެވެ. މީގެ މައިގަނޑު މަގުސަދަކީ ޒިންމާދާރު އިގުތިސާދީ ނިންމުންތަކާއި، އިޖުތިމާއީ އިންސާފާއި، މުއްސަނދިކަން ހަމަހަމަ ގޮތެއްގައި ބެހުމުގެ މުހިންމުކަމަށް ބައިވެރިން އަހުލުވެރިކުރުމެވެ. އިންޓަރެކްޓިވް ސެޝަންތަކަކާއެކު ކުރިއަށްދިޔަ މި މަހާސިންތާގައި ބައިވެރިންގެ ދިރާސާތައް ހުށަހަޅައި، އެންމެ މޮޅު ދިރާސާއަށް ވަނީ އެވޯޑު ދީފައެވެ.

އަމަލީ ތަޖުރިބާ ހޯދުމުގެ ގޮތުން ބައިވެރިން ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ބޭންކް އޮފް މޯލްޑިވްސްގެ އިސްލާމިކް މަރުކަޒަށް ޒިޔާރަތްކޮށްފައެވެ. ކޭމްޕަށްފަހު، އައިޔޫއެމްގެ މެނޭޖްމަންޓް ކުއްލިއްޔާއާއި ކަރިކިއުލަމް ޑިވެލޮޕްމަންޓް ޔުނިޓާ ގުޅިގެން މާލޭގައި ވަނީ 8 ގަޑިއިރުގެ ވޯކްޝޮޕެއް ކުރިއަށްގެންގޮސްފައެވެ. މި ވޯކްޝޮޕްގައި އެކައުންޓިން، ބިޒްނަސް އެޑްމިނިސްޓްރޭޝަން އަދި އިގުތިސާދީ ކޯސްތަކުގެ މަންހަޖު އިސްލާމީ އުސޫލުތަކާ އެއްގޮތަށް ބަދަލުކުރުމާ ގުޅޭގޮތުން މަޝްވަރާކުރިއެވެ. އަދި އައިއައިޔޫއެމްގެ ފަރާތުން ވަނީ އައިޔޫއެމްއަށް އިސްލާމިކް ފައިނޭންސް ފޮތްތަކެއް ހަދިޔާކޮށްފައެވެ.

މި ކޭމްޕް ކާމިޔާބުކަމާއެކު ކުރިއަށްގެންދިއުމުގައި ދެ ޔުނިވާސިޓީގެ މެނޭޖްމަންޓް ފެކަލްޓީތަކުގެ އިސްވެރިންނާއި، ދަތުރުފަތުރާއި ކެއުމުގެ ކަންކަން ހަމަޖައްސައިދިން ތުލުސްދޫ ކައުންސިލްގެ ދައުރު އިންތިޒާމުކުރި ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން އައިޔޫއެމްގެ މާކެޓިން ޓީމާއި ސްޓޫޑެންޓް ޔޫނިއަންގެ އެހީތެރިކަން ވެސް ވަނީ ފާހަގަކޮށްފައެވެ.