އިންޑިއާގެ ތާރީހީ އަދި މަޝްހޫރު ކަރުނާޓިކް ލަވަކިޔުންތެރިޔާ އެމްއެސް ސުއްބުލަކްޝްމީގެ ހަޔާތުގެ މައްޗަށް އުފައްދާ ބަޔޮޕިކްގެ ލީޑް ރޯލަށް ބަތަލާ ރަޝްމިކާ މަންދަންނާ ހަމަޖައްސައިފިއެވެ. ފިލްމު އުފައްދާ ޓީމުން ނެރުނު ރަސްމީ ބަޔާނެއްގައި މިކަން ކަށަވަރުކޮށްދީފައިވާއިރު، މި ފިލްމުގެ މިޔުޒިކް ތައްޔާރުކުރުމަށް ހަމަޖައްސާފައިވަނީ ކާމިޔާބު މިއުޒިކް ޑައިރެކްޓަރު އަނިރުދް ރަވިޗަންދަރް ކަމަށް ހަބަރުތައް ބުނެއެވެ.
މީގެ ކުރިން ވެސް މި ފިލްމާ ގުޅޭގޮތުން މީޑިއާތަކުގައި އެކި ގޮތްގޮތަށް ވާހަކަ ދެކެވިފައިވީ ނަމަވެސް، މިއީ ރަސްމީ ފަރާތަކުން މިކަން ކަށަވަރުކޮށްދިން ފުރަތަމަ ފަހަރެވެ. ޕްރޮޑަކްޝަން ޓީމުން ބުނި ގޮތުގައި، ސުއްބުލަކްޝްމީގެ ރޯލަށް ރަޝްމިކާ ނެގީ އެ ރޯލަށް އޭނާ އެންމެ އެކަށީގެންވާ ކަމަށް ފެންނާތީއެވެ. އަނިރުދްގެ މިޔުޒިކާއެކު ފިލްމަށް އިތުރު ފުރިހަމަކަމެއް ލިބޭނެ ކަމަށް ވެސް އެ ޓީމުން ފާހަގަކުރިއެވެ.
އެމްއެސް ސުއްބުލަކްޝްމީއަކީ ކަރުނާޓިކް މިއުޒިކްގެ ދާއިރާއިން އިންޑިއާގައި އުފެދުނު އެންމެ ކާމިޔާބު އެއް ފަންނާނެވެ. އޭނާއަކީ އިންޑިއާގެ އެންމެ މަތީ މަދަނީ ޝަރަފު ކަމަށްވާ ބާރަތު ރަތުނާ އެވޯޑު ހާސިލުކުރި ފުރަތަމަ މިއުޒީޝަން ވެސް މެއެވެ. އޭނާގެ ހަޔާތުގެ މައްޗަށް ފިލްމެއް އުފައްދަން ނިންމާފައިވާއިރު، މިއީ ރަޝްމިކާގެ ކެރިއަރުގައި ވެސް ކުޅޭ ފުރަތަމަ ބަޔޮޕިކްއެވެ. ރަޝްމިކާ އެންމެ ފަހުން ފެނިފައިވަނީ ބްލޮކްބަސްޓަރ ފިލްމު "އެނިމަލް" އިންނެވެ.
މި ފިލްމާ ގުޅޭގޮތުން ރަޝްމިކާ އަދި އަނިރުދް ވެސް އަމިއްލަ ގޮތުން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. އަދި ފިލްމުގެ ޝޫޓިން ފަށާނެ ތާރީހަކާއި، ފިލްމުގައި ދެން ހިމެނޭނެ ތަރިންނާއި ޑައިރެކްޓަރުގެ މައުލޫމާތު ޕްރޮޑަކްޝަން ޓީމުން އަދި ހާމަކޮށްފައެއް ނުވެއެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ކޮމެންޓް