ރާއްޖޭގެ ކަނޑުފަޅުތަކުގައި ދިރިއުޅޭ އެންމަޑި ބެލުމަށް ފަތުރުވެރިން ކުރާ ޒިޔާރަތްތަކުން، ރާއްޖޭގެ އިގުތިސޯދަށް އަހަރަކު 300 މިލިއަނަށް ވުރެ ގިނަ އެމެރިކާ ޑޮލަރު ވަންނާނެކަމަށް ދިރާސާއަކުން ދައްކައިފިއެވެ.
އޮސްޓްރޭލިއާގެ ސަންޝައިން ކޯސްޓު ޔުނިވާސިޓީއާއި މަންތާ ޓްރަސްޓް އަދި މޯލްޑިވްސް މަންތާ ކޮންޒަވޭޝަން ޕްރޮގްރާމް ގުޅިގެން މިދިޔަ ޖޫން މަހު ނެރުނު މި ދިރާސާ ރިޕޯޓުގައި ބުނީ، 2021 ވަނަ އަހަރު މަޑީގެ ޓޫރިޒަމުން އެކަނިވެސް ރާއްޖެއަށް 227.3 މިލިއަން ޑޮލަރު (ޖީޑީޕީގެ 2.6 ޕަސެންޓް) ލިބިފައިވާ ކަމަށެވެ. މީގެ ތެރޭގައި ޑައިވިން އަދި ސްނޯކްލިން ދަތުރުތަކުން ސީދާ ލިބުނު 39 މިލިއަން ޑޮލަރާއި، ފަތުރުވެރިން އެކަމާ ގުޅިގެން ކުރި އެހެނިހެން ހަރަދުތަކުގެ 188 މިލިއަން ޑޮލަރު ހިމެނޭކަމަށް ދިރާސާގައި ބުންޏެވެ.
ފަތުރުވެރިކަމުގެ ދާއިރާގެ 106 ފަރާތަކުން މައުލޫމާތު ނަގައިގެން ކުރިއަށްގެންދިޔަ މި ދިރާސާއިން އެނގޭ ގޮތުގައި، 2008 ވަނަ އަހަރާ އަޅާބަލާއިރު އެންމަޑީގެ ވިޔަފާރި ވަނީ 380 ޕަސެންޓު ކުރިއަރާފައެވެ. އަދި ރާއްޖޭގައި ހިދުމަތްދޭ ޓޫރިޒަމް ވިޔަފާރިތަކުގެ 80 ޕަސެންޓަކީ މަޑި ބެލުމުގެ ދަތުރުތައް އިންތިޒާމުކުރާ ފަރާތްތަށްކަމަށް ރިޕޯޓުގައި ބުންޏެވެ.
ހާއްސަކޮށް އއ. އަދި އދ. އަތޮޅުގެ ރަށްތަކާއި ރިސޯޓުތަކަށް މިކަމުން ބޮޑެތި މާލީ މަންފާތަކެއް ލިބެމުންދާއިރު، ސީދާ އަދި ނުސީދާ ގޮތުން ދައުލަތަށާއި މުޖުތަމައަށް ލިބޭ އާމްދަނީ އަހަރަކު 311 މިލިއަން ޑޮލަރަށް ވުރެ މައްޗަށް އަރާނެކަމަށް ލަފާކުރެވޭކަމަށް ދިރާސާގައި ބުންޏެވެ.
ވަޒީފާގެ ފުރުސަތުތަކަށް ބަލާއިރު، މި ސިނާއަތުގައި ގަވާއިދުން 3,876 މުވައްޒަފުން މަސައްކަތްކުރާކަމަށް ދިރާސާގައި ބުންޏެވެ. މީގެ ތެރެއިން 67 ޕަސެންޓަކީ (2,602 މީހުން) ދިވެހިންކަމަށް ރިޕޯޓުގައި ބުންޏެވެ. މީގެއިތުރުން ބ. އަތޮޅު ބަޔޯސްފިޔާ ރިޒާވް ބަލަހައްޓަން 12 ދިވެހިން ތިބިކަން ފާހަގަކޮށްފައިވެއެވެ. މުސާރައިގެ ގޮތުގައި ދިވެހި މުވައްޒަފަކަށް އަހަރަކު އެވްރެޖްކޮށް 131,748 ރުފިޔާ އަދި ބިދޭސީ މުވައްޒަފަކަށް 161,354 ރުފިޔާ ލިބޭއިރު، ސާވިސް ޗާޖުގެ ގޮތުގައި 22.7 މިލިއަން ޑޮލަރު މުވައްޒަފުންނަށް ވަނީ ބަހާފައިކަމަށް ދިރާސާގައިވެއެވެ. އަދި މި ވިޔަފާރިތަކުން ދައުލަތަށް ޓެކުހުގެ ގޮތުގައި 34 މިލިއަނަށް ވުރެ ގިނަ ޑޮލަރު ލިބިފައިވާކަމަށް ދިރާސާގެ ރިޕޯޓުގައި ބުންޏެވެ.
ރާއްޖެ އަންނަ ޓޫރިސްޓުންގެ 55 ޕަސެންޓް މީހުން ޒިޔާރަތްކުރަނީ ކަނޑުއަޑީގެ ގުދުރަތީ ރީތިކަން ދެކެލުމަށެވެ. އަދި އެންމަޑިއަކީ ފީނާ މީހުން އެންމެ ބަލަން ބޭނުންވާ ފަސް ދިރުމުގެ ތެރޭގައި ހިމެނޭ އެކައްޗަށް ވުމުން، މިއީ ރާއްޖެ އިޝްތިހާރުކުރުމަށްވެސް ލިބިފައިވާ ވަރަށް އަގުހުރި ވަސީލަތެއްކަމަށް ދިރާސާގައި ބުންޏެވެ.
ނަމަވެސް، މި ސިނާއަތުގެ ކުރިމަގު ބިނާވެފައިވަނީ ގުދުރަތީ މާހައުލު ހިމާޔަތްކުރުމުގެ މައްޗަށްކަމަށް ދިރާސާގައި ބުންޏެވެ. މިންވަރަށް ވުރެ އިތުރަށް ޓޫރިސްޓުން އެ ސަރަހައްދުތަކަށް ގެންދިއުމާއި، ފަތުރުވެރިންގެ އުޅުމުގެ ސަބަބުން މަޑިތަކަށް އަނިޔާވެ، އާލާވުމަށް ހުރަސްއެޅިދާނެކަމުގެ ކަންބޮޑުވުން ދިރާސާގައިވަނީ ފާޅުކޮށްފައެވެ.
އެހެންކަމުން، އެންމަޑި ކާން އުޅޭ ސަރަހައްދުތައް ހިމާޔަތްކުރުމަށް ހަރުކަށި ގަވާއިދުތަކެއް ހަދައި، އެ ސަރަހައްދުތަކަށް މީހުން ޒިޔާރަތްކުރާ މިންވަރު ވަޒަންކުރުމަށް އިތުރު ދިރާސާތައް ހެދުން މުހިންމުކަމަށް ރިޕޯޓުގައި ބުންޏެވެ.
ޓުއަރިޒަމް
ޓުއަރިޒަމް
ޓުއަރިޒަމް
ޓުއަރިޒަމް
ކޮމެންޓް