ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅޭ މެޗުގައި ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ނުކުންނާނީ ސީދާ ތިން ޕޮއިންޓަށް ކަމަށް ގައްދޫ ރެކްރިއޭޝަން ކްލަބުގެ ކޯޗު މުހައްމަދު ނަޒީހެވެ.
ދިހަ ޓީމު ވާދަކުރާ ދިވެހި ޕްރިމިއާ ލީގުގެ ސީޒަނުގައި މިފަހަރު ދެރަށެއްގެ ޓީމު ވާދަކުރެއެވެ. އެއީ، ސައުތު ރީޖަން ލީގުގެ ޗެމްޕިއަން، ގދ. ގައްދޫގެ އިތުރުން ނޯތު ރީޖަން ލީގުގެ ޗެމްޕިއަން، ހއ. ދިއްދުއެވެ. މި ދެޓީމުގެ ހޯމް މެޗުތައް ކުޅެނީ އެ ރަށުގައެވެ. ގައްދޫން ފުރަތަމަ މެޗުގައި އަމިއްލަ ދަނޑުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ކުޅެ، 2-0 އިން ވަނީ ބަލިވެފައެވެ.
ނަޒީހް ފާހަގަކުރީ ފުރަތަމަ މެޗުގައި ނިއު ރޭޑިއަންޓް ކައިރިން ނެރުނު ނަތީޖާ ގޯސް ނޫން ކަމަށެވެ. ހާއްސަކޮށް ދެޓީމުގެ ފަރަގަށް ބަލާއިރު ޓީމު ކުރި ހިތްވަރު އޭނާ ފާހަގަކުރިއެވެ. އެހެން ނަމަވެސް ނިއު ރޭޑިއަންޓް އަތުންވެސް ބަލުވުމަކީ ކަންބޮޑުވުމެއްކަން ނަޒީހް ފާހަގަކުރިއެވެ. ނަޒީހް ބުނީ ގައްދޫ ދަނޑުގައި ކުޅެން ކޮންމެ ޓީމަކަށްވެސް އުނދަގޫވާނެ ކަމަށެވެ.
"ގައްދޫ ދަނޑުގައި ކުޅެން ކޮންމެ ޓީމަކަށްވެސް އުނދަގޫވާނެ. އެހެންނަމަވެސް ޓީސީން ވިކްޓްރީއާ ދެކޮޅަށް ކުޅުނު މެޗަށް ބަލައި ޖަޖެއް ނުކުރެވޭނެ ލެވެލްއެއް. ވަރަށް ސަމާލުވެގެން ކުޅެގެން ނޫނިއްޔާ ހީޔެއް ނުވޭ ނަތީޖާއެއް ނެރެވިދާނެހެނެއް.
ނަޒީހް ފާހަކުރީ ނިއު ރޭޑިއަންޓް ހިފަހައްޓަން ކުރެވުނު މަސައްކަތާމެދު ހިތްހަމަ ޖެހުނު ނަމަވެސް، އެމެޗުން އެ ދެވުނީ ބޮޑު މެސެޖެއް ކަމަށް ގަބޫލުނުކުރާ ކަމަށެވެ.
"އެއީ އެއްވެސް ގޮތުގައި މެސެޖެއް ނޫން. އެއީ ގައްދޫ ކުޅޭނެ ވަރަކީ. ދެން ފިޓްނަސްއާ ކަންކަން މިހާރަށްވުރެ ބޮޑަށް ރަނގަޅު ވެލީމަ ކުޑަ ތަންކޮޅެއް ރަނގަޅުވެލާނެ. އެދުވަހު ފެންނާނެ ބަދަލުތަކާއެކު އެ ދެނުނީ މެކްސިމަމް ކުޅެވޭނެ ވަރު. ޓީމުގައި އެބަތިބި 15 ވަރަކަށް އަހަރު ކުޅުންތެރިން، އެއީ އަދި ޕްރިމިއާ ލީގުގައި ކުޅެވޭނެ ކުޅުންތެރިންނެއް ނޫން. އެހެންވީމަ އެ ޑެޕްތު ނެތީމަ ނީންނާނެ ހުރިހާ މެޗެއް އެއް ފެންވަރެއްގައި ހިފެހެއްޓޭކަށް. އަނިޔާއާއި ކާޑުގެ މައްސަލަވެސް އަންނާނެ. އެއީ މިއީ ވަރަށް ދިގު ލީގެއް،" ނަޒީހް ބުންޏެވެ.
ނަޒީހް ބުނީ ގައްދޫ ސްކޮޑުގެ "ނިކަމެތި ވާހަކަ" ދައްކަނީ އެއްވެސް ހާލެއްގައި މައިޑް ގޭމެއް ޖައްސަން ނޫން ކަމަށެވެ. އަދި ޓީސީއާއި ގައްދޫ ދާދި ހަމަހަމަކަން އޭނާ ގަބޫލުކުރާ ކަމަށް ނަޒީހް ބުންޏެވެ.
"ގައްދުއާއި ޓީސީ ދާދި ހަމަހަމަ. ޓީސީއާ ދެކޮޅަށް ނުކުންނާނީ ސީދާ ތިން ޕޮއިންޓް ނަގަން. ކުރިން ނިއު ރޭޑިއަންޓާއެކު ނުކުތީ ކޮންމެވެސް ވަރެއް ކުރެވޭތޯ. އެކަމަކު ޓީސީއާ ދެކޮޅަށް ނުކުންނާނީ ސީދާ ތިން ޕޮއިންޓް ނަގަން. ސަޕޯޓަރުން ތިބި ކަމަށް ވަންޏާ އެޑްވާންޓޭޖް އޮންނާނެ. ވަށައިގެން ގޯލާ ހަތަރެއް ނޫނީ ފަސް ވަރަކަށް މިނެޓް ކައިރިން ސަޕޯޓަރުން މިތިބެނީ. އޭގެ ފައިދާ ފެންނާނެ ގައްދުއަށް. އަދިއެއް ގަލޮޅު ދަނޑުގައި ނެތް މިކަހަލަ ސަޕޯޓެއް،" ނަޒީހް ބުންޏެވެ.
ގައްދޫ ފުޓްބޯޅަ ދަނޑުގައި ޓީސީއާއި ގައްދޫ މިއަދު ވާދަކުރާ މެޗު އޮންނާނީ މިއަދު ހަވީރު 3:30 ގައެވެ.
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ކޮމެންޓް