ސައުދީ އަރަބިއްޔާގެ ބައެއް ސަރަހައްދުތަކަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ބުނެ އެ ގައުމުން އިންޒާރު ނެރުނު ނަމަވެސް، މައްކާގައި މިވަގުތު ތިބި ދިވެހި އުމްރާވެރިންނަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށާއި، އެންމެންގެ ހާލުވެސް ރަނގަޅުކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޔަމަނުގެ ހޫތީ ހަނގުރާމަވެރިންނާއި ސައުދީ ސިފައިންނާ ދެމެދު ކުރިމަތިލުންތައް އިތުރުވެފައިވާ މި ދަނޑިވަޅުގައި، ސައުދީގެ ސިވިލް ޑިފެންސުން ވަނީ އެ ގައުމުގެ ކުއްލި ނުރައްކަލުގެ އެލާޓް ނިޒާމު މެދުވެރިކޮށް މައްކާ، ޖިއްދާ އަދި ތާއިފްގެ ރައްޔިތުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އަންގައި އިންޒާރު ނެރެފައެވެ. ނަމަވެސް، އެއީ ކޮން ކަހަލަ ނުރައްކަލެއް ކަމުގެ ތަފުސީލެއް ސައުދީގެ އިދާރާތަކުން ހާމަކޮށްފައެއް ނުވެއެވެ.
އެ އިންޒާރާ ގުޅިގެން މައްކާގައި ތިބި ދިވެހިންގެ ހާލަތު ބެއްލެވުމަށްފަހު، ޝަހީމް މީޑިއާތަކަށް ވިދާޅުވީ، ދިވެހި އުމްރާވެރިންގެ ހާލު މާތް ﷲ ގެ އިރާދަފުޅާއެކު ރަނގަޅު ކަމަށެވެ.
"މިވަގުތު މައްކާގައި ތިބި އެންމެހައި ދިވެހި އުމްރާވެރިންގެ ހާލު ރަނގަޅު. އެއްވެސް ނުރައްކަލެއް ނެތް" ޝަހީމް ވިދާޅުވިއެވެ.
ސައުދީ ސިވިލް ޑިފެންސުން ވަނީ އާންމުން ހާސްނުވެ، އިމާރާތްތަކުގެ އެތެރޭގައި ތިބުމަށާއި، ކުޑަދޮރުތަކާއި ބެލްކަނި އަދި ހާމަކަން ބޮޑު ތަންތަނާ ދުރުހެލިވުމަށް އިރުޝާދު ދީފައެވެ. އަދި މަގުމަތީގައި ތިބި މީހުން އުސް އިމާރާތްތަކާއި ފާލަންތަކާ ދުރުގައި އުޅަނދުތައް މަޑުކުރުމަށާއި، ކަމާބެހޭ ރަސްމީ އިދާރާތަކުން ދޭ އިރުޝާދުތަކަށް ބޯލެނބުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.
މިފަހަކަށް އައިސް ހޫތީން ސައުދީގެ އެކި ސިޓީތަކަށް އަމާޒުކޮށް ޑްރޯނާއި މިސައިލް ހަމަލާތައް ދެމުން އަންނައިރު، ސައުދީން ވެސް ދަނީ ޔަމަނުގައި ހުރި ހޫތީންގެ އަމާޒުތަކަށް ވަރުގަދަ ރައްދު ހަމަލާތަކެއް ދެމުންނެވެ.
މުހައްމަދު އިޝާން
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
ކޮމެންޓް