މިދިޔަ އޮގަސްޓް މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވް 643.8 މިލިއަން ޑޮލަރަށް އަރައިފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ބުނެފިއެވެ.

އެމްއެމްއޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުގައިވާ ގޮތުން، ޖުލައި މަހުގެ ނިޔަލަށް 638.0 މިލިއަން ޑޮލަރުގައި ހުރި ރަސްމީ ރިޒާވް ވަނީ 0.9 ޕަސަންޓުގެ ކުރިއެރުމަކާއެކު އޮގަސްޓް މަހުގެ ނިޔަލަށް ގާތްގަނޑަކަށް 644 މިލިއަން ޑޮލަރަށް މަތިވެފައެވެ.

ޖުމްލަ ރިޒާވަށް ކުރިއެރުން ލިބުނު ނަމަވެސް، ކާޑުގެ ބާވަތްތަކާއި ތެލާއި ބޭސް ފަދަ ޒަރޫރީ ބޭނުންތަކަށް ވަގުތުން ބޭނުންކުރެވޭ ރިޒާވް (ޔޫޒަބަލް ރިޒާވް) ވަނީ ދަށަށް ގޮސްފައިކަމަށް ތަފާސްހިސާބުން ދައްކައެވެ.

އެގޮތުން ޖުލައި މަހު 221.9 މިލިއަން ޑޮލަރުގައި ހުރި ބޭނުންކުރެވޭ ރިޒާވް ވަނީ 9.6 ޕަސަންޓުގެ ދަށްވުމަކާއެކު އޮގަސްޓް މަސް ނިމުނުއިރު 200.6 މިލިއަން ޑޮލަރަށް ތިރިވެފައެވެ.

ބޭނުންކުރެވޭ ރިޒާވް ދަށްވީ ބޭރު ފައިސާގެ ބާޒާރު ހަމައަކަށް އެޅުވުމަށާއި، ބޭންކިން ނިޒާމުގެ ތެރެއިން އާންމުންނަށް ފަސޭހައިން ޑޮލަރު ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި އެމްއެމްއޭއިން ބޭންކުތަކަށް ވިއްކި ޑޮލަރުގެ އަދަދު ޖުލައި މަހާ އަޅާބަލާއިރު 13.8 ޕަސަންޓް އިތުރެވެފައިވުންކަން ތަފާސްހިސާބުގައި ފާހަގަކޮށްފައިވެއެވެ. އަދި މީރާ މެދުވެރިކޮށް ޓެކުހާއި އެހެނިހެން ގޮތްގޮތުން ދައުލަތަށް ލިބުނު ބޭރު ފައިސާގެ މިންވަރު ވަނީ ޖުލައި މަހާ އަޅާބަލާއިރު އޮގަސްޓް މަހު 14.3 އިން ދަށްވެފައިކަންވެސް ތަފާސްހިސާބުގައި ފާހަގަކޮށްފައިވެއެވެ.