ފާއިތުވި ހަތަރު ދުވަހު ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ކުރި ވިއްސާރައިގައި ގެއްލުން ލިބުނު ރަށްތަކަށް ސަރުކާރުން ފޯރުކޮށްދޭ އެހީތެރިކަން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވިލަރެސްކޮށް ފޯރުކޮށްދޭނެ ކަމަށް އެ އޮތޯރިޓީން ބުނެފިއެވެ.
އެންޑީއެމްއޭއިން ބުނި ގޮތުގައި، އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީގެ އިތުރުން ގއ. އަދި ގދ. އަތޮޅުގެ ރަށްރަށުގައި ފެންބޮޑުވުމަށްފަހު، މިހާރު މޫސުން ރަނގަޅުވަމުން އަންނަކަމަށް ކައުންސިލްތަކުން ވަނީ މައުލޫމާތު ދީފައެވެ.
ވިއްސާރައާ ގުޅިގެން މެދުކެނޑުނު އާންމު ހިދުމަތްތައް އަލުން ފެށި، ހާލަތު އާދައިގެ ދިރިއުޅުމަކަށް ބަދަލުވަމުންދާކަން ކައުންސިލްތަކުން ފާހަގަކުރެއެވެ. އެގޮތުން، ގެއްލުން ލިބުނު ގެތައް ސާފުކުރުމާއި ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ގުޅިގެން ފަށާފައިވާ އިރު، ދިރިއުޅުމަށް ދަތިވެގެން ވަގުތީގޮތުން އެހެން ތަންތަނަށް ބަދަލުކުރި އާއިލާތައް އަނބުރާ ގެދޮރަށް ބަދަލުވުމުގެ އިންތިޒާމުތައް ވެސް ދަނީ ހަމަޖައްސަމުންނެވެ. މީގެ އިތުރުން، ފެންބޮޑުވުމުގެ ސަބަބުން ބައެއް ރަށްރަށުގެ ނަރުދަމާ ނިޒާމަށް ދިމާވި މައްސަލަތައް ހައްލުކޮށް، ހިދުމަތް ގާތްގަނޑަކަށް އާންމު ހާލަތަކަށް ގެނެވިފައިވާ ކަމަށް އެންޑީއެމްއޭއިން މައުލޫމާތުދެއެވެ.
ރަށްރަށުގެ ހާލަތު އާދައިގެ ދިރިއުޅުމަކަށް ރުޖޫއަވަމުންދާ އިރު، ފެންބޮޑުވި ސަރަހައްދުތަކާއި ގެދޮރު ސާފުކުރުމުގައި ސަމާލުކަންދޭންޖެހޭ ސިއްހީ އިރުޝާދުތައް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދަނީ ފޯރުކޮށްދެމުންނެވެ. މި މައުލޫމާތު އާންމުންނަށް ފޯރުކޮށްދެނީ ރަށްރަށުގެ ސިއްހީ މަރުކަޒުތައް މެދުވެރިކޮށެވެ. އެންޑީއެމްއޭއިން ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި، ވިއްސާރައިގައި ލިބުނު ގެއްލުންތައް ވަޒަންކުރުމަށްފަހު ސަރުކާރުގެ ފަރާތުން ފޯރުކޮށްދޭ އެހީތެރިކަން އެ އޮތޯރިޓީން ވިލަރެސްކުރާނެ ކަމަށެވެ.
މި ހާލަތަށް އިޖާބަދިނުމުގެ ގޮތުން ކަމާ ގުޅުންހުރި ހުރިހާ މުއައްސަސާތަކެއްގެ ވަސީލަތްތައް ފުރިހަމައަށް ބޭނުންކޮށްފައިވާ ކަމަށް އެންޑީއެމްއޭއިން ފާހަގަކުރެއެވެ. މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރާ ގޮތުގައި މިހާރު ކުރަމުންދާ ވިއްސާރަ ބުރާސްފަތި ދުވަހުން ފެށިގެން އެއްކޮށް އަލިވާން ފަށާނެއެވެ.
ޕެސިފިކް ކަނޑުގައި އުފެދިފައިވާ 'އެލްނީނޯ' ގެ ސަބަބުން ރާއްޖެއަށް ކުރާ އަސަރު ބޮޑުވާނެކަމަށް ލަފާކުރެވިފައިވާތީ، ވިއްސާރަ ފެށުމުގެ ކުރިން ދުރާލައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މޫސުމީ އިންޒާރުތައް ނެރެފައިވެއެވެ. އެހެންކަމުން، ފެންބޮޑުވެދާނެ ކަމަށް ލަފާކޮށް ކައުންސިލްތަކާއި އެކި މުއައްސަސާތަކުން ދުރާލައި ތައްޔާރީ ފިޔަވަޅުތައް އަޅާފައިވާ ކަމަށް އެންޑީއެމްއޭއިން ބުނެފައިވެއެވެ.
ވިއްސާރައާ ގުޅިގެން އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ އައްޑޫ ސިޓީ ފޭދޫއަށެވެ. އެ ރަށުގެ ނުވަ ގެއަކަށް ފެން ވަދެ ގެއްލުން ލިބިފައިވާ އިރު، އޭގެ ތެރެއިން އެއް ގެއެއްގައި ދިރިނޫޅެވޭ ވަރަށް ފެންބޮޑުވުމާ ގުޅިގެން އެ އާއިލާގެ މީހުންނަށް ވަނީ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް
ކޮމެންޓް