މެލޭޝިއާއިން ރާއްޖެއަށް 100 މިލިއަން ޑޮލަރުގެ ލޯނު އެހީދޭން ނިންމައިފިއެވެ.

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސް އޮފީހުގައި މިއަދު ބޭއްވި ޕްރެސް ސްޓޭޓްމަންޓުގައި ވިދާޅުވީ، ރާއްޖެއިން އެދިފައިވާ ގޮތަށް މެލޭޝިއާގެ ސެންޓްރަލް ބޭންކު މެދުވެރިކޮށް ރާއްޖޭގެ ސެންޓްރަލް ބޭންކް، އެމްއެމްއޭއަށް 100 މިލިއަން ޑޮލަރުގެ ލޯނު އެހީ ދޭން ނިންމައިފައިވާ ކަމަށެވެ.

ބޮޑުވަޒީރު އަންވަރު ވިދާޅުވީ، އެކަމުގެ އިދާރީ ކަންކަން ދެ ބޭންކު ގުޅިގެން އަވަސް މުއްދަތެއްގައި ކުރިއަށްގެންދިއުމަށް އެދިވަޑައިގެންފައެވެ.

"މި ފަދަ އެއްބަސްވުމަކަށް ވާސިލްވެވެނީ އެކުވެރިކަމާއި އިތުބާރުގެ ސަބަބުން" ބޮޑުވަޒީރު އަންވަރު ވިދާޅުވިއެވެ.

ބޮޑުވަޒީރު އަންވަރު ވަނީ، މެލޭޝިއާ މެދުވެރިކޮށް ރާއްޖެއަށް ތެޔޮ އެތެރެކުރުމުގެ ކަންކަމަށްވެސް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ބޮޑުވަޒީރު ވިދާޅުވީ، މެލޭޝިއާގައި ދިރިއުޅޭ ދިވެހީންނަށް ފަސޭހަ އަދި ލުއި ގޮތްތައް ހަމަޖެއްސުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި ތައުލީމީ ދާއިރާއިން އިތުރު ފުރުސަތުތައް ފަހިކޮށްދެއްވާނެ ކަމަށެވެ.