އީރާނުން އެމެރިކާއާއެކު އެއްބަސްވުމަކަށް އަންނަން ބޭނުންވާ ކަމަށާއި، އެކަމުގައި އެމެރިކާއިން ބައިވެރިވާނެތޯ ނުވަތަ ނޫންތޯ ކަނޑައަޅުއްވާނީ އެމަނިކުފާނު ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

މީޑިއާތަކާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވި ގޮތުގައި، އީރާނަށް މިހާރު ކުރިމަތިވެފައިވާ އިގުތިސާދީ ހާލަތުގެ ސަބަބުން އެ ގައުމުން އޮތީ އެމެރިކާއާއެކު އާ އެއްބަސްވުމަކަށް އަންނަން ބޭނުންވެފައެވެ. ނަމަވެސް އީރާނާއެކު މަޝްވަރާތަކަށް ދާނެކަން ނުވަތަ ނޫންކަން ނިންމަވާނީ ސީދާ އެމަނިކުފާނު ކަމަށް ޓްރަމްޕް ފާހަގަކުރެއްވިއެވެ.

“އެއްބަސްވުމެއް ހަދަން އިރާނުން ބޭނުންވޭ. އެކަމަކު އެކަން ކުރާނެތޯ ނުވަތަ ނޫންތޯ ކަނޑައަޅާނީ އަހަރެން،” ޓްރަމްޕް ވިދާޅުވިއެވެ. މީގެ އިތުރުން، އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އީރާނަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޓްރަމްޕް މިހެން ވިދާޅުވެފައިވާއިރު، އެމެރިކާއާއި އީރާނާ ދެމެދު އޮތް ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އެމެރިކާއިން ވަނީ 2015 ވަނަ އަހަރު އެކުލަވާލި ނިއުކްލިއާ އެއްބަސްވުމުން ވަކިވެ، އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އިތުރުކޮށްފައެވެ. ޓްރަމްޕް ވިދާޅުވާ ގޮތުގައި ކުރީގެ އެއްބަސްވުމަކީ އެމެރިކާއަށް ގެއްލުންހުރި އެއްބަސްވުމެކެވެ. އަދި އެމަނިކުފާނު ބޭނުންފުޅުވަނީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާއި މިސައިލް ޕްރޮގްރާމް ހުއްޓުވޭނެ ފަދަ ހަރުދަނާ އާ އެއްބަސްވުމެއް އެކުލަވައިލުމަށް ކަމަށްވެސް ވިދާޅުވިއެވެ.

ޓްރަމްޕްގެ މި ވާހަކަފުޅުތަކާ ގުޅިގެން އީރާނުގެ ރަސްމީ ފަރާތްތަކުން އަދި ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. ނަމަވެސް މީގެ ކުރިން އީރާނުގެ އިސް އޮފިޝަލުން ވަނީ، އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާނުލާހާ ހިނދަކު އެއްވެސް މަޝްވަރާއެއް ނުކުރާނެ ކަމަށް ވިދާޅުވެފައެވެ.