އެމެރިކާއިން އީރާނާ ދެކޮޅަށް ފަށާފައިވާ ހަގުރާމައިގެ އައު ރާޅެއް އަނެއްކާވެސް މި ހަފުތާގައި ބިންދައިލަން އުޅެނީ ބާވައެވެ. މި ސުވާލު އުފެދުނީ މިހާރު އިވެމުންދާ ވާހަކަތަކާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އައު އިންޒާރަކާ ގުޅިގެންނެވެ. އެމެރިކާގެ ސްޓޭޓެއް ކަމަށްވާ ފްލޮރިޑާގައި ހުކުރުދުވަހު ބޭއްވުނު ރެލީއެއްގައި ޓްރަމްޕު ވަނީ އީރާނަށް އައު އިންޒާރެއް ދީފައެވެ. ބުންޏެވެ. ފެބްރުއަރީ އަށާވީހުގައި އެމެރިކާއިން ފެށި މަސައްކަތް އަދި މުޅިއަކުން ނުނިމެއެވެ. އެ މަސައްކަތް އެއްކޮށް ނިންމައިލުމަށްޓަކައި "އޮޕަރޭޝަން ފިއުރީގެ ކުޑަ އޮޕަރޭޝަނެއް" ވަރަށް އަވަހަށް ފެށުމަށް ދަނީ ވިސްނަމުންނެވެ. ފަހަރުގައި އައު ހަމަލާތައް މިހަފުތާގެ އާދީއްތަ ދުވަހުވެސް ފަށަން ޖެހިދާނެއެވެ. އޮޕަރޭޝަން ފިއުރީ" އޭ ޓްރަމްޕު އެބުނާ އޮޕަރޭޝަނަކީ އިޒްރޭލާ އެމެރިކާ ގުޅިގެން މިއަހަރުގެ ފެބްރުއަރީ އަށާވީހުގައި އީރާނާ ދެކޮޅަށް ފެށި ހަގުރާމައަށް ދީފަައިވާ ނަމެވެ. ކޮންމެއަކަސް ޓްރަމްޕުގެ އައު އިންޒާރު މިއައީ ހަގުރާމައިގެ އައުބުރެއް ފެށިދާނެ ކަމަށް ހީވާ އެހެންވެސް އަޑުތަކާއެކުގައެވެ.

އެމެރިކާގެ ދިފާއީވުޒާރާ ކަމަށްވާ ޕެންޓަގަނުން ހަގުރާމައިގެ އައުބުރަކާ ބެހޭ ޕްލޭނެއް ރޭވުމަށްފަހު އެ ޕްލޭން ޓްރަމްޕާ ހަމައަށް ގެންގޮސްފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. މި ޕްލޭނުގައި އީރާނަށް ހަމަލަދިނުމުގައި އިޚުތިޔާރު ކުރެވިދާނެ ތިން ހަތަރު އޮޕްޝަނެއް ބަޔާންކުރެވިފައިވާ ކަމަށްވެއެވެ. އޭގެތެރޭގައި އީރާނުގެ ނިއުކުލިއަރ މަރުކަޒުތަކާއި މަދަނީ ޚިދުމަތުގެ އޮނިގަޑަށް ހަމަލަދިނުންވެސް ހިމެނެއެވެ. މަދަނީ ޚިދުމަތުގެ އޮނިގަނޑޭ މިދެންނެވީ ބުރިޖުތަކާއި ބަނދަރުތަކަށެވެ. ބުނެވޭ ގޮތުގައި ގަލްފުގައިވާ އީރާނުގެ ބައެއް ޖަޒީރާތަކަށް އަރައި އެތަންތަން ހިފުމުގެ އޮޕްޝަނެއްވެސް މިފަހަރުގެ ޕްލޭނުގައި ހިމެނެއެވެ. މި ޕްލޭން ބަލައި ވިސްނުމަށްފަހު އެތަނުން އޮޕްޝަނެއް ނުވަތަ އޮޕްޝަންތަކެއް އިޚުތިޔާރު ކުރާނީ ޓްރަމްޕެވެ. ގޮތް ނިންމާނީ ޓްރަމްޕެވެ. އެކަމަކު ވަކި މިވެނި ގޮތެއް އޭނާ ނިންމިކަމުގެ ހިލަމެއް ނުވެއެވެ. ޓްރަމްޕުގެ ފަރާތުން އިވިގެންދިޔައީ އައު އިންޒާރެކެވެ.

އޭނާ އެބުނާ ބީދައިން މިހަފުތާގެ އާދީއްތަ ދުވަހު އައު ހަމަލަތަކެއް ފަށަން ވިސްނަންޏާ ކުރިން ދެންނެވި ޕްލޭނުގައިވާ އޮޕްޝަންތަކުގެ ތެރެއިން އޮޕްޝަނެއް މިހާރުވެސް ޓްރަމްޕު އޮންނާނީ އިޚުތިޔާރުކޮށްފައި ކަމަށް ވިސްނެއެވެ. އެގޮތް ނުނިންމައި މިއަދޭ މާދަމައޭ ބުނާނެކަމަކަށް ނުފެނެއެވެ. ހަގުރާމައިގެ އައު ފިޔަވައްސެއް ފަށާނަމަ އޭގެކުރިން ކޮންމެވެސް ބަހަނާތަކެއް ދައްކަން ވާނެތާއެވެ. ސަބަބުތަކެއް ހާމަކޮށް ވާހަކަތަކެއްވެސް ދައްކަން ޖެހޭނެތާއެވެ. އެބައިވެސް ކުރިއަށް އެބަދާކަމަށް ފެނެއެވެ. މިދިޔަ ހުކުރުދުވަހު އެމެރިކާގެ ޖާސޫސީ އިދާރާގެ ވެރިޔާ ޖޭ ކްލޭޓަން ވަނީ ޚާރިޖީ ވަޒީރު މާރކޯ ރޫބިއޯއަށް އައު މެމޯއެއް ފޮނުވައިފައެވެ. މި މެމޯގައި ބުނެފައިވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެމެރިކާ މީހުންނާއި މުދަލަށް އަމާޒުކޮށް ހަމަލަތަކެެއް ދޭން އީރާނުން ރާވާ ރޭވުންތައް އިތުރުކޮށްފައިވާ ކަމުގައެވެ. އެހެންވީމާ ޚާރިޖިއްޔާއިން ހޭއަރައި ސަމާލުވެގެން އޮތުމަށް އަންގާ ކަމުގައެވެ.

މި މެމޯއާ ގުޅިގެންވެސް ތޯއްޗެކެވެ. މެދުއިރުމަތީގެ ބައެއް ތަންތަނުން އެމެރިކާގެ ޑިޕްލޮމެޓުންނާއި އަސްކަރީ މުޝީރުންނާއި އެމީހުންގެ އާއިލާތަކުގެ މެންބަރުން މަދުކުރުމަށްވެސް ޚާރިޖިއްޔާއިން ވަނީ އަންގައިފައެވެ. ސައޫދީއަރަބިޔާއާއި ގަތަރާއި ކުވޭތާއި އިރާގުފަދަ ތަންތަނުންނެވެ. އެޔާއެކު އައު ހަތިޔާރާއި ސިފައިން އީރާނުގެ ކައިރިއަށް ޖަމާކުރަންވެސް ވަނީ ފަށައިފައެވެ. ކުރީއްސުރެ ދެ އަރުމާދެއް އެހިސާބަށް އޮތީ ފޮނުވައިފައެވެ. މަތިންދާބޯޓު އުފުލާ ދެ މަނަވަރަކާއި އެތަކެއްޗާއެކު ދަތުރުކުރާ ކުދި އެހެން މަނަވަރުތައް މާކުރީއްސުރެ އޮތީ ފޮނުވައިފައެވެ. އެފަދަ ތިންވަނަ އަރުމާދެެއް މިހާރު ބާރު ދުވެލީގައި އީރާނުގެ އައްސޭރިޔާ ދިމާލަށް ދަނީ ދަތުރު ކުރަމުންނެވެ. މި މަނަވަރު ކުރިން އޮތީ ޕެސިފިކުގައެވެ. އެއްގަމުގެ އޮޕަރޭޝަނަކަށް ބޭނުންވާ ޒާތުގެ ސިފައިންގެ މައްޗަށް އެކުލެވޭ ފައުޖަކާއެކު އައު އެހެން މަނަވަރެއްވެސް އެހިސާބަށްގޮސް ކުރިން މިދެންނެވި އަރުމާދާ ގުޅުނުތާ އަދި ހަފުތާއެއް ނުވެއެވެ.

ހަގުރާމައިގެ އައުރާޅެއްގެ ބެރުގެ އަޑު މިބީދައިން އިވުން އިތުރުވިޔަސް ބައެއް ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި މިއީ އެފަދަ ހަމަލަތަކެެއް ފެށުމަށް ސިޔާސީގޮތުން އެންމެ އެކަށީގެންވާ ވަގުތެެއް ނޫނެވެ. އެކަށީގެންނުވާ ވަގުތެެއްކަމަށް ބުނާ ސަބަބަކީ އެމެރިކާގެ މިޑްޓާރމް އިލެކްޝަނާއި އިޒްރޭލުގެ އާއްމު އިންތިޚާބެވެ. އިޒްރޭލުގައި އައުބޮޑުވަޒީރަކާއި އައު ޕާލަމަންޓެެއް ހޮވުމަށްޓަކައި ވޯޓުލަނީ މި ހަފުތާގެ އަންގާރަ ދުވަހުއެވެ. ބާކީ ދެންއޮތީ ދެތިން ދުވަހެވެ. އެ އިންތިޚާބަށް ހަފުތާއެއް ފަހުން އެމެރިކާގައިވެސް ވޯޓުލުން އޮންނާނެއެވެ. އެތާގެ މަޖިލީހުގެ ތިރީގެޔަށް މެންބަރުން ހޮވުމަށާއި މަތީގެއަށްވެސް ބައެއް މެންބަރުން ހޮވުމަށެވެ. މި ދެއިންތިޚާބުގެ ކުރިން ހަމަލަތަކެއް ފަށައިފިއްޔާ ޚާއްސަކޮށް އިޒްރޭލުގެ އިންތިޚާބަށް ހުރަސްއެޅޭނެއެވެ. އީރާނުގެ ރައްދު ހަމަލަތައް އިޒްރޭލަށް އަމާޒުވާނޭކަމީ ކަށަވަރު ކަމެކެވެ. އޭރުން ގިނަބަޔަކު ތިބޭނީ ބިމުގެ އަޑީގައިވާ ބިންގަރާސްތަކަށްވަދެ ފިލައެވެ.

އެހާލަތުގައި ވޯޓުލުމެއްވެސް ކުރިއަކަށް ނުގެންދެވޭނެއެވެ. އެހެންވީމާ ގިނަބަޔަކު ބުނަނީ އައު ހަމަލަތަކެއް ފެށިޔަސް އެކަން ކުރާނީ މި ދެއިންތިޚާބު ނިމުމުން ކަމުގައެވެ. އަދި ނަތަންޔާހޫ މޮޅުވެފައި ޓްރަމްޕުގެ ރިޕަބްލިކަން ޕާޓީއަށްވެސް އެމެރިކާގެ މަޖިލީހުގެ ކޮންޓްރޯލް އަލުން ލިބުމުން ކަމުގައެވެ. ނަތަންޔާހޫއަށް ކުރިލިބި އޭނާގެ ބޮޑުވަޒީރުކަމުގެ އައުދައުރެއް ފެށުމަކީ އީރާނާ ދެކޮޅު ހަގުރާމަ ކުރިއަށް ގެންދިއުމަށް އިޒްރޭލުގެ ރައްޔިތުންގެ ފަރާތުން ދެވޭ މެންޑޭޓެކެވެ. ރިޕަބްލިކަނުންނަށް އެމެރިކާގެ މަޖިލީހުގެ ފުލް ކޮންޓްރޯލް އަލުން ދިނުމަކީ މިހަގުރާމަ ދަމަހައްޓަން ޓްރަމްޕަށްވެސް ލިބޭ އައު މެންޑޭޓަކަަށް ވާނެއެވެ. މިހެންވެ މިހާރު އިވެމުން މިދަނީ ދުރާލައި އެކަމަށް ތައްޔާރުވުމުގެ ގޮތުން ތަޅަންފެށި ބެރުތަކެއްގެ އަޑުކަމަށް ވެދާނެއެވެ. ޓްރަމްޕަކީ ޓްރަމްޕެވެ. ނުކުރާނަމޭ ބުނެފިކަމެއް ކުރާނެއެވެ. ކުރާނަމޭ ބުނެފިކަމެެއް ނުކުރާނެއެވެ. އެއީ މިހާތަނަށް ތަޖުރިބާއިން ކަށަވަރުވެފައިވާ ކަމެކެވެ.