ސައުދީ އަރަބިއްޔާގެ އެކި ސަރަހައްދުތަކުން ޔުރޭނިއަމް އެކުލެވޭ 110 މިލިއަން ޓަނުގެ މައުދަނާއި ރޭއާ އާތުސް ހޯދާފައިވާ ކަމަށް، އެ ގައުމުގެ ޖިއޮލޮޖިކަލް ސާވޭއިން އިއުލާންކޮށްފިއެވެ.

ސައުދީ ޖިއޮލޮޖިކަލް ސާވޭއިން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، މި މައުދަންތައް ފެނިފައިވަނީ އެ ގައުމުގެ އެކި ސަރަހައްދުތަކުގައި ފުޅާ ދާއިރާއެއްގައި ކުރިއަށްގެންދިޔަ ދިރާސާތަކެއްގެ ތެރެއިންނެވެ. މީގެ ތެރޭގައި ޔުރޭނިއަމްގެ އިތުރުން، ޒަމާނީ ޓެކްނޮލޮޖީގެ އުފެއްދުންތަކަށް ބޭނުންވާ މުހިންމު ރޭއާ އާތުސްގެ ބާވަތްތައް ހިމެނޭ ކަމަށް އެ އިދާރާއިން ފާހަގަކުރިއެވެ.

މި ހޯދުންތަކުގެ ސަބަބުން ސައުދީ އަރަބިއްޔާގެ މައުދަނީ ވަސީލަތްތަކުގެ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ރަސްމީ ތަފާސްހިސާބުތަކާ ހަވާލާދީ އެ ބަޔާނުގައި ބުނެފައިވެއެވެ.

ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް އިންޑަސްޓްރީ އެންޑް މިނަރަލް ރިސޯސަސްއިން ބުނެފައިވާ ގޮތުގައި، މިއީ ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، އިގުތިސޯދު ސިންދަފާތުކުރުމަށް އެ ގައުމުން ކަނޑައަޅާފައިވާ 'ވިޝަން 2030' ގެ ދަށުން ލިބުނު މުހިންމު ކުރިއެރުމެކެވެ. އަދި މިއީ އެ ގައުމުގައި ނިއުކްލިއާ ހަކަތަ އުފެއްދުމަށް ކުރަމުންދާ މަސައްކަތްތަކަށްވެސް ލިބޭނެ ބޮޑު އެހީއެއް ކަމަށް އެ މިނިސްޓްރީން ފާހަގަކުރިއެވެ.

މީގެ އިތުރުން، ދުނިޔޭގެ ބާޒާރުގައި ޑިމާންޑު ބޮޑުވެފައިވާ ރޭއާ އާތުސްގެ ބާވަތްތައް ފެނުމަކީ، ބައިނަލްއަގުވާމީ މައުދަނީ ވިޔަފާރީގައި ސައުދީ އަރަބިއްޔާއިން މުހިންމު ދައުރެއް އަދާކުރުމަށް މަގުފަހިވާނެ ކަމެއް ކަމަށްވެސް އިންޑަސްޓްރީ މިނިސްޓްރީން ބުނެފައިވެއެވެ. މި ހޯދުންތަކާއެކު، ސައުދީ އަރަބިއްޔާގެ މައުދަނީ ވަސީލަތްތަކުގެ ޖުމްލަ އަގު އެތައް ޓްރިލިއަން ޑޮލަރަކަށް އަރާނެ ކަމަށް އެ ގައުމުގެ ސަރުކާރުން އަންދާޒާކުރެއެވެ.

މި މައުދަންތައް ނެގުމުގެ އަމަލީ މަސައްކަތް ފަށާނެ ވަކި ތާރީހެއް ސައުދީ ސަރުކާރުން އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، މި ވަސީލަތްތައް ބޭނުންކުރުމަށް ބޭނުންވާ އިތުރު ދިރާސާތައް މިހާރު ކުރިއަށްދާ ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެއެވެ.