ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާދަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމުގެ ކުއްލި އެލާޓެއް ސައޫދީ ސިވިލް ޑިފެންސުން އިއްޔެ ނެރެފިއެވެ. ކުއްލި ހާލަތްތަކުގައި ކުރިއަށް އިންޒާރުދޭ އެ ގައުމުގެ ގައުމީ ޕްލެޓްފޯމް މެދުވެރިކޮށް މި އެލާޓް ނެރުނީ އިއްޔެ ހެނދުނުގެ ވަގުތެއްގައި ކަމަށް އައްޝަރްގުލް އައުސަތު ނޫހުން ރިޕޯޓުކޮށްފައިވެއެވެ. ނަމަވެސް، މި އެލާޓް ނެރުމަށް މެދުވެރިވި ނުރައްކަލުގެ ބާވަތެއް ނުވަތަ އޭގެ ތަފްސީލެއް ސައޫދީ ސިވިލް ޑިފެންސުން ރަސްމީކޮށް ބުނެފައެއް ނުވެއެވެ.

މި އެލާޓާ ގުޅިގެން ސައޫދީ ސިވިލް ޑިފެންސުން އެކްސްގައި އާންމުކުރި އިރުޝާދުތަކުގައި، ރިޔާދުގައި ދިރިއުޅޭ ރައްޔިތުން ހަމަޖެހިގެން ތިބުމަށާއި ރަސްމީ ފަރާތްތަކުން ދޭ އިރުޝާދުތަކަށް ފުރިހަމައަށް ތަބާވުމަށް ވަނީ އަންގައިފައެވެ. އަދި އެންމެ ކައިރީގައި ހުރި ރައްކާތެރި ތަނަކަށް ދިއުމަށާއި، ނުރައްކަލުގެ ހާލަތު ފިލައިގެން ދާންދެން ގޭތެރޭގައި ނުވަތަ އިމާރާތްތަކުގެ އެތެރޭގައި ތިބުމަށް ސައޫދީ ސިވިލް ޑިފެންސުން އާންމުންނަށް އިރުޝާދުދީފައިވެއެވެ.

މީގެ އިތުރުން، އެއްވެސް ތަނަކަށް މީހުން އެއްވެ ނޫޅުމަށާއި ފޮޓޯއާއި ވީޑިއޯ ނެގުމުން މުޅިން ދުރުހެލިވުމަށް ވެސް ސައޫދީ ސިވިލް ޑިފެންސުން ވަނީ އިލްތިމާސްކޮށްފައެވެ.

ކުއްލި ހާލަތެއް ދިމާވެއްޖެ ނަމަ، އެ ގައުމުގެ ކުއްލި ހާލަތްތަކުގައި ގުޅާ ނަންބަރުތައް ކަމަށްވާ 911 ނުވަތަ 998 އަށް ގުޅުމަށް އެ އިދާރާއިން އެންގިއެވެ. މި އެލާޓް ނެރުނުތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި، ރިޔާދަށް ކުރިމަތިވި ނުރައްކާ ފިލައިގެން ގޮސްފައިވާ ކަމަށް ސައޫދީ ސިވިލް ޑިފެންސުން ވަނީ އެކްސް މެދުވެރިކޮށް އިއުލާންކޮށްފައެވެ.