ރާއްޖެއިން ސާބިއާއަށް ކަނޑައެޅި ފުރަތަމަ ނޮން-ރެޒިޑެންޓް ސަފީރު އާމިނަތު ޝަބީނާ، އޭނާގެ ސަފީރުކަމުގެ ފަތްކޮޅު ސާބިއާގެ ރައީސް އެލެކްސެންޑާ ވުޗިޗްއަށް މިއަދު އަރުއްވައިފިއެވެ.

އެ ރަސްމިއްޔާތު ކުރިއަށްދިޔައީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި، ސާބިއާގެ ވެރިރަށް ބެލްގްރޭޑްގައި ހުންނަ "ޕެލެސް ސާބިއާ" ގައެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ ފަތްކޮޅު އެރުވުމަށްފަހު ސާބިއާގެ ރައީސާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން އެ ގައުމުގެ ވެރިންނަށާއި ރައްޔިތުންނަށް ހެޔޮއެދުންތައް ސަފީރު ޝަބީނާ ވަނީ ރައްދުކޮށްދެއްވާފައި ކަމަށެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް ރަހުމަތްތެރި ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި ސަފީރުގެ ހައިސިއްޔަތުން ފުރިހަމަ މަސައްކަތްޕުޅުތަކެއް ކުރައްވާނެކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވިކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ސާބިއާގެ ފޮރިން މިނިސްޓަރު މާކޯ ޑުރިޗް އެކި ގައުމުތަކުގެ ނޮން-ރެޒިޑެންޓް ސަފީރުންނަށް ދެއްވި ރޭގަނޑުގެ ހާއްސަ ފަރިއްކޮޅެއްގައި ޝަބީނާ ބައިވެރިވެވަޑައިގެންނެވިކަމަަށް ފޮރިން މިނިސްޓްރީން ބުންޏެވެ. މީގެއިތުރުން، އެ ގައުމުގެ ފޮރިން މިނިސްޓްރީގެ އޭޝިއާ، އޮސްޓްރޭލިއާ އެންޑް ޕެސިފިކް ޑިޕާޓްމަންޓުގެ ވެރިޔާ ޔެލޭނާ މާކޮވިޗްއާވެސް ޝަބީނާ ވަނީ ވަކިން ބައްދަލުކުރައްވާފައިކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އެ ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލައްވާފައިވަނީ ވިޔަފާރިއާއި، ފަތުރުވެރިކަމުގެ އިތުރުން ތައުލީމީ ދާއިރާއިން ދެ ގައުމުގެ މެދުގައި ގުޅުން ބަދަހިކޮށް، ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުންކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.