ރައީސް އޮފީހުގެ މިނިސްޓަރު ފެންވަރުގެ މަގާމަކަށް ސްޕޯޓްސް ކޮމިޝަނަރުކަމުގެ މަގާމުގައި ހުންނެވި މުހައްމަދު ތޮލާލާއި އަހުމަދު ހަބީބު އައްޔަންކުރައްވައިފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ އެ އޮފީހުގެ ދެ މަގާމަކަށް މިނިސްޓަރުންގެ ފެންވަރުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ދެ ބޭފުޅަކު އައްޔަންކުރައްވާފައިވާ ކަމަށެވެ. އެގޮތުން ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޯ ޓާޝަރީ ހެލްތު ސާވިސަސްގެ މަގާމަށް، ގ. ފިނިވިލު، މުހައްމަދު ތޮލާލް އަދި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށް، ގދ. ތިނަދޫ ޝިފާ، އަހިމަދު ހަބީބް އައްޔަންކުރައްވާފައިވާ ކަމަށެވެ.
ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޯ ޓާޝަރީ ހެލްތު ސާވިސަސްގެ މަގާމަށް އައްޔަންކުރެއްވި ތޮލާލް މީގެ ކުރިން ހުންނެވީ ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަގާމުގައެވެ. ތޮލާލަކީ މީގެ ކުރިންވެސް ސަރުކާރާއި ދައުލަތުގެ މުހިންމު އިސް މަގާމުތަކެއް ފުރުއްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އެގޮތުން ތޮލާލް ވަނީ އެޑިއުކޭޝަން ޑިވެލޮޕްމަންޓް ސެންޓަރުގެ ސީނިއާ ކަރިކިއުލަމް ޑިވެލޮޕަރުގެ މަގާމާއި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ އެސިސްޓަންޓް ޑިރެކްޓާ ޖެނެރަލް ކަމުގެ މަގާމާއި ޑިރެކްޓާ ޖެނެރަލް ކަމުގެ މަގާމާއި މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސްގެ ޓެކްނިކަލް އެޑްވައިޒާ ޓު ދަ މިނިސްޓާކަމުގެ މަގާމާއި މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ޑެޕިއުޓީ މިނިސްޓަރުކަން އަދާކުރައްވައިފައެވެ.
މީގެ އިތުރުން ތޮލާލަކީ ރާއްޖޭގެ ކުޅިވަރުގެ ކުރިއެރުމަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވަމުންގެންދަވާ ބޭފުޅެކެވެ. އެގޮތުން ތޮލާލް ވަނީ ސްޕޯޓްސް ކޮމިޝަނަރުގެ މަގާމާ ހަވާލުވެވަޑައިގެންނެވުމުގެ ކުރިން އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސްގެ މަގާމު ދިގު މުއްދަތަކަށް އަދާކުރައްވައިފައެވެ.
ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށް އައްޔަންކުރެއްވި ހަބީބު މީގެ ކުރިން ހުންނެވީ ވިލާ އެއާގެ ޖެނެރަލް މެނޭޖަރެއްގެ މަގާމުގައެވެ. މީގެ ކުރިން ހަބީބު ވަނީ މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ސްޓޭޓް މިނިސްޓަރުގެ މަގާމުވެސް ފުރުއްވައިފައެވެ. މީގެ އިތުރުން ވިލާ ހަކަތައިގެ މެނޭޖަރުގެ މަގާމާއި ވިލާ އެއާގެ ކާޑެއްދޫ އެއާޕޯޓްގެ ޑެޕިއުޓީ މެނޭޖަރުކަން ވަނީ ފުރުއްވައިފައެވެ. ހަބީބު ވަނީ އޮސްޓްރޭލިއާގެ ކާޓިން ޔުނިވާސިޓީން މާސްޓާ އޮފް ސައިންސް އިން ޕްރޮޖެކްޓް މެނޭޖްމަންޓް ޑިގްރީ ހާސިލުކުރައްވައިފައެވެ.
ހަބީބު އައްޔަންކުރައްވާފައިވާ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމުގައި މީގެ ކުރިން ހުންނެވީ ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމެވެ. އެ މަގާމުން ނާޒިމް އިސްތިއުފާދެއްވީ މިއަދުއެވެ.
ރައީސް އޮފީސް
ރައީސް އޮފީސް
ރައީސް އޮފީސް
ކޮމެންޓް