ކަޅު ބާޒާރުގައި ފުޅާ ދާއިރާއެއްގައި ޑޮލަރު މާރުކުރާކަމަށް ހޮޓްލައިނަށް ލިބިފައިވާ މައުލޫމާތުތަކާ ގުޅިގެން 12 ބިދޭސީއެއްގެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ޑޮލަރު މައްސަލައިގައި ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅުތަކާބެހޭ މައުލޫމާތުދިނުމަށް ރައީސުޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ގާނޫނާހިލާފަށް ޑޮލަރުގެ މުއާމަލާތް ކުރާ މައްސަލަތައް ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ލައިސަންސް ނެތި ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރިކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އެކުލަވާލާފައިވާ ޓަސްކްފޯސްގެ ކަމާބެހޭ ހޮޓްލައިނަށް ލިބުނު މައުލޫމާތާ ގުޅިގެން 12 މީހެއްގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
އޭގެ ތެރެއިން ނުވަ މީހަކު ޑިޓެންޝަނަށް ގެންގޮސްފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ނަމަވެސް މިނިސްޓަރު ވިދާޅުވީ، އެގޮތަށް ޑިޓޭންޝަނަށް މީހަކު ނަގާއިރު ދިވެއްސަކު އެމީހަކު ބަލާ އަންނަ ކަމަށެވެ. ބިދޭސީއަކު ރާއްޖެ ގެނެސް މަގުމައްޗަށް ދޫކޮށްލާއިރު ކުރާ ކަންތައްތައް ނުބަލައި، އެގޮތަށް ގާނޫނު ތަންފީޒް ކުރަން ފެށުމުން އެމީހަކު ބަލާ ވެރިފަރާތުް ކޮށްގެންވާނެކަމެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ފުޅާ ދާއިރާއެއްގައި ޑޮލަރު މާރުކުރާކަން ތަހުގީގަށް ހާމަވެއްޖެނަމަ ފިޔަވަޅު އަޅަމުން ގެންދާނެކަމަށެވެ. އަދި އެމީހުން ދިވެއްސެއްގެ ނިވާފަތްގަނޑެއްގައި އެކަން ކުރާނަމަ ދިވެހި މީހާއަށްވެސް ފިޔަވަޅު އަޅާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"މީގެ ކުރީގެ ސަރުކާރުތަކުން ގާނޫނު ތަންފީޒުނުކޮށް އޮތުމަކީ އެ ގާނޫނުތައް މުގުރާލުމަށް ލިބޭ ލައިސަންސަކަށް ނުބަލާށޭ، ތަކުރާރުކޮށް ފެންނަމުންދޭ، ބިދޭސީން ރާއްޖެއަށް ގެނެސް، އޭނާ އުޅެމުންދަނީ ދިން ހުއްދަތަކާއެކު ނޫން. އެކަމުގެ އެބަޖެހޭ ގެންނަ މީހާ ޒިންމާވެސް ނަގަން،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްތަރު ވިދާޅުވީ ބައެއް ކަންމަތީ ފިހާރަތަކަކީވެސް ޑޮލަރު މާރުކުރާ ތަނެއްގެ ގޮތުގައި ހެދުމަށްފަހު ބިދޭސީން ހިންގަމުންދާ ތަންތަނުގެ ގޮތުގައިވެސް ފާހަގަކުރެވިފައިވާ ކަމަށެވެ. މިފަދަ ކަންކަން ކުރާ ފަރާތްތަކެއް ލުއިދިނުމެއް ނޯންނާނެ ކަމަށާއި ފިޔަވަޅު އަޅަމުންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
ހޯމް މިނިސްޓަރު އަލީ އިހްސާން
ހޯމް މިނިސްޓަރު އަލީ އިހްސާން
ހޯމް މިނިސްޓަރު އަލީ އިހްސާން
ހޯމް މިނިސްޓަރު އަލީ އިހްސާން
ކޮމެންޓް