ވިޔަފާރިތަކުން ރާއްޖެއިން ބޭރުން މުދާ ގެންނަން ކަމަށްބުނެ ހަދާ ބައެއް ޓީޓީތަކާ ގުޅޭ މުދާ ރާއްޖެ އެތެރެނުކުރާ ކަމަށްވަންޏާ އެއީ މަނީ ލޯންޑަރިން ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ޑޮލަރު މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި އެކަމުގެ ނަތީޖާ ނޫސްވެރިންނާ ހިއްސާ ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި މިނިސްޓަރު އިހުސާން ވިދާޅުވީ، ރާއްޖެއިން ބޭރުން މުދާ ގެންނަން ކަމަށްބުނެ ވިޔަފާރިވެރިން ހަދާ ބައެއް ޓީޓީތަކާ ގުޅޭ މުދާ ރާއްޖެ އެތެރެނުކުރާކަން ފާހަގަވެފައިވާ ކަމަށެވެ.

އެގޮތުން އެޑްވާންސް ޕޭމެންޓަށް ފައިސާ ދެއްކި ކަމަށް ބައެއް ފަހަރު އެ ފަރާތްތަކުން ބުނި ނަމަވެސް އަހަރު ވާއިރު ވެސް މުދާ ރާއްޖެ ނާންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ ރާއްޖެއަށް މުދާ ގެނައުމަށް ބޭރުގެ ފަރާތްތަކަށް ފޮނުވާ ފައިސާ ނުވަތަ ޓީޓީއަކީ ސައްހަ މުއާމަލާތެއްތޯ ކަށަވަރުކުުރުމުގެ ނިޒާމު ހަރުދަނާކުރަން ބޭންކުތަކާއި ކަސްޓަމްސްއާ ދެމެދު މިހާރު ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން މަސައްކަތްކުރަމުންދާ އިރު، ޓީޓީތަކާ ގުޅޭ ބައެއް މުދާ ރާއްޖެ ނާންނަ ކަމަށެވެ.

"އެޑްވާންސް ޕޭމެންޓެއްގެ ގޮތުގައި ދައްކާފައޭ އެބަ ބުނޭ، އަހަރު ވާއިރު ވެސް ބައެއް މުދަލެއް ނާދޭ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އެއީ ޓްރޭޑް ބޭސްޑް މަނީ ލޯންޑްރިން ކަމަށެވެ.

"އަޅުގަނޑުމެންނަށް އެބަ ފާހަގަކުރެވޭ ޑްރަގު ވިޔަފާރި ކުރުމުގަޔާއި ބިދޭސިންގެ މުސާރަ ބޭރަށް ފޮނުވުމުގައާ މި ރޫޓު ބޭނުން ކުރަމުން އަންނަކަން."

އިހުސާން ވިދާޅުވީ ޓްރޭޑް ބޭސްޑް މަނީ ލޯންޑްރިންގެ މައްސަލަތައް ވެސް ގާނޫނާ އެއްގޮތަށް ތަހުގީގުކޮށް ފިޔަވަޅު އަޅާނެ ކަމަށެވެ.