ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސަރުކާރާ ހަވާލުވެވަޑައިގެންނެވިއިރު ހުރި އަގަށްވުރެ ޑޮލަރުގެ އަގު މިހާރު ދަށްވެފައިވާ ކަަމަށް މިނިސްޓާ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ޑޮލަރުގެ ކަޅު ބާޒާރު ނައްތާލުމަށް ގާނޫނުގެ ދަށުން ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅުތަކާއި އެކަމުގެ ސަބަބުން އަންނަ ހެޔޮ ބަދަލާ ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި މިނިސްޓަރު ސައީދު ވިދާޅުވީ، ޑޮލަރުގެ މާކެޓު މެނިޕިއުލޭޓްކޮށް އުފެދުނު ކަޅު ބާޒާރުގެ ސަބަބުން ޑޮލަރުގެ އަގު މައްޗަށް ދިޔަ ނަމަވެސް، ބޭރު ފައިސާ މާރުކުރުމުގެ ގާނޫނަށް މިފަހުން ގެނައި އިސްލާހުތަކާ ގުޅިގެން ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅުތަކުގެ ސަަބަބުން ޑޮލަރުގެ އަގަށް މިހާރު ދަށްވެފައިވާ ކަމަށެވެ.
"އަޅުގަނޑުމެންގެ ސަރުކާރު ހަވާލުވިއިރު ހުރި ރޭޓަށްވުރެ ޑޮލަރު ރޭޓް ދަށަށް ގޮސްފައިވާ ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު މި ލިބެނީ. މާނައަކީ ކުރީގައި ނިމިދިޔަ ސަރުކާރުން އަޅުގަނޑުމެންގެ ސަރުކާރު އައީ 17 ނޮވެމްބަރު 2023 ގައި. އައިއިރުގައި ހުރި ރޭޓް ލައިކްލީ އެ ބޭންޑުގައި "ޑޮލަރު ރޭޓް" އުޅޭކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބެނީ. މިއީ ވަރަށް ބޮޑު ކުރިއެރުމެއް، އެއީ މި މަސައްކަތް ފެށިއިރުގައި އަގުތައް ވަރަށް ބޮޑުވެފަ ހުރީ،" ސައީދު ވިދާޅުވިއެވެ.
ޑޮލަރުގެ ރަސްމީ ރޭޓަކީ 15:42 ކަން ފާހަގަކުރައްވައި ސައީދު ވިދާޅުވީ، ޑޮލަރުގެ ކަޅު ބާޒާރެެއް އުފެދި ބޮޑު އަގުގައި ޑޮލަރު ވިއްކާ ކަމަށް ލިބުނު މައުލުމާތުތަކާ ގުޅިގެން ގުޅުންހުރި ދާއިރާތައް ގުޅިގެން އެކަން ހައްލުކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ފެށި ކަމަށެވެ. އަދި މިހާރު މި ފެންނަނީ އެކަމުގެ ނަތީޖާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް ބާޒާރުގައި ޑޮލަރުގެ އަގު ދަށްވި ސީދާ މިންވަރެއް މިނިސްޓަރު ވިދާޅެއް ނުވެއެވެ.
އެ މަސައްކަތްތަކުގައި ވިޔަފާރިވެރިންދޭ އެއްބާރުލުމަށް ސައީދު ޝުކުރު އަދާކުރެއްވިއެވެ. އަދި ބޭރު ފައިސާގެ އާމްދަނީ ލިބޭ ފަރާތްތަކުން ސަރުކާރާ ވަަރަށް ގާތުން ކުރަމުންގެންދާ މަސައްކަތްތަކާއި އެއްބާރުލުންތަކަށްވެސް ސައީދު ޝުކުރު އަދާކުރެއްވިއެވެ.
އެ މަސައްކަތްތަކުގައި ކުރިއަށް ރޭވިފައި ބައެއް ކަންކަން އެބަހުރިކަން ފާހަގަކުރައްވައި، ޑޮލަރުގެ އަގު ދަށްކުރަން ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅުތަކާއި ކުރަމުންގެންދާ މަސައްކަތްތައް ހުއްޓާނުލައި ކުރިއަށްގެންދާނެ ކަމަށްވެސް ސައީދު ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
ކޮމެންޓް