ސަރުކާރު ހިންގާ ޕީއެންސީގެ ކޮންގްރެސްއަކީ ރާއްޖޭގެ އެހެން ސިޔާސީ ޕާޓީތަކަށް ނަމޫނާއަކަށް ވާނެ ތަފާތު ކޮންގްރެސްއެއް ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

މާދަމާ ފަށާ މި ކޮންގްރެސްގެ އެންމެ ބޮޑު އެއް ތަފާތަކީ، ކޮންގްރެސް ފެށުމުގެ ކުރިން ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ކޮންގްރެސްއަށް ވަޑައިގަންނަވާ ހުރިހާ މަންދޫބުންނާ ބައްދަލުކުރެއްވުން ކަމަށް އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

"އެއްވެސް ޕާޓީއެއްގެ ވެރިޔަކު މަތީ މަޖިލީހަށް ނުވަތަ ކޮންގްރެސްއަށް ވަޑައިގަންނަވާ ބޭފުޅުންނާ އެ ނިންމުމަށްފަހުގައި ވެސް އަދި ނިމުމުގެ ކުރިން ވެސް މިގޮތަށް ބައްދަލުކުރައްވާފައެއް ނެތް. މިއީ ވަރަށް ބޮޑު ތަފާތެއް. އަޅުގަނޑު ދެންނެވިން ވަރަށް ތަފާތު ކޮންގްރެސްއެކޭ ތިބޭފުޅުންނަށް ފެނިވަޑައިގަންނަވާނީ،" ސޯޝަލް ސެންޓަރުގައި ކުރިއަށްގެންދާ ބައްދަލުވުންތަކާ ގުޅޭގޮތުން އެމްއެމްޓީވީއަށް މިއަދު ދެއްވި އިންޓަވިއުއެއްގައި އަބްދުއްރަހީމް ވިދާޅުވިއެވެ.

އެގޮތުން، މަތީ މަޖިލީހުގައި ބައިވެރިވެވަޑައިގަންނަވާ ހުރިހާ ކެޓަގަރީއެއްގެ ބޭފުޅުންނާ މިއަދު ބައްދަލުކުރައްވަމުން ގެންދަވާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ ތެރޭގައި ސްޓިއަރިން ކޮމިޓީތަކުގެ ރައީސުންނާއި، އަންހެނުންގެ ހަރަކާތާއި ޒުވާނުންގެ ހަރަކާތުގެ ރައީސުން ހިމެނެއެވެ. މީގެ އިތުރުން، މެންދުރުފަހު ކައުންސިލުތަކުގެ ރައީސުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ އިތުރުން ދާއިރާތަކުގެ ރައީސުންނާއި ނައިބު ރައީސުންނާ ވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރައީސްގެ ހާއްސަ ދައުވަތަށް ވަޑައިގަންނަވާ ބޭފުޅުންނާ ވެސް މި ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.

މިއީ ޕާޓީ ނިޒާމުގައި އެހެން ޕާޓީތަކުން ނަމޫނާއަކަށް ނަގަންޖެހޭ ކަމެއް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އަބްދުއްރަހީމް ފާހަގަކުރެއްވި ގޮތުގައި، ރާއްޖެއަށް މަލްޓިޕާޓީ ޑިމޮކްރަސީ ތައާރަފުވީ ފަހުން މިހާތަނަށް މިފަދަ ފުރިހަމަ ގޮތެއްގައި ކޮންގްރެސްއެއް ނުވަތަ މަތީ މަޖިލީހެއް ބޭއްވިފައެއް ނުވެއެވެ.

"އެހެންވީމާ އަޅުގަނޑު ދަންނަވާލަން ބޭނުން އެހެން ޕާޓީތަކުން ވަޑައިގެން ރަނގަޅޭ ބައްލަވައިލައްވަން. އެބޭފުޅުންގެ ކޮންގްރެސްތަކަށް ތައްޔާރުވުމަށް ވަރަށް ބައިވަރު ތަޖުރިބާތައް މީގެން ލިބިވަޑައިގަންނަވާނެ،" އަބްދުއްރަހީމް ވިދާޅުވިއެވެ.