އިދިކޮޅު އެމްޑީޕީގެ ކޮންގްރެސްގައި އެ ޕާޓީގެ އަސާސީ ގަވާއިދަށް އިސްލާހު ހުށަހަޅަން އާއްމުކޮށް ހުޅުވާލައިފިއެވެ.

އެމްޑީޕީގެ ކޮންގްރެސް ބާއްވަން ހަމަޖެހިފައި ވަނީ އަންނަ އޮކްޓުބަރު މަހުގެ އެކަކުން ތިނަކަށެވެ.

އެމްޑީޕީން މިއަދު ކުރި އިއުލާނެއްގައި ބުނީ، އެޕާޓީގެ ކޮންގްރެސްއަށް ހުށަހަޅަން ބޭނުންވާ އިސްލާހުތައް ހުށަހެޅުމަށް ހުޅުވައިލި ފުރުސަތުގައި ލިބިފައިވާ އިސްލާހްތައް އާއްމުކޮށްފައިވާ ކަމަށެވެ.

އެގޮތުން އެމްޑީޕީގެ އަސާސީ ގަވާއިދުގެ އިތުރުން އެ ޕާޓީގެ ބޮޑު ބަދަލުގެ ސިޔާސަތު ކަރުދާހަށާއި ލާމަރުކަޒީ ސިޔާސަތު ކަރުދާހަށް މިއަދުން ފެށިގެން އާއްމުކޮށް ހިޔާލު ހުށަހަޅަން ވަނީ ހުޅުވާލައިފައެވެ.

އަދި މި އިސްލާހުތަކަށް އިސްލާހު ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިމަހުގެ 20 ވަނަ ދުވަހުގެ މެންދުރު 12:00 އަށް ހުޅުވާލެވިފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ. މި ކަންތަަކަށް ހިޔާލު ހުށަހަޅަން ހުޅުވާލާފައި ވަނީ އޮންލައިންކޮށެވެ.

އެހެންކަމުން އެ ކަރުދާސްތަކަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން މިމަހުގެ 20 ވަނަ ދުވަހުގެ 12:00 އަށް ހުޅުވާލާފައިވާ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.