ޒުވާން ހަތީބުންގެ ގައުމީ މަހާސިންތާ މިއަދު ފަށައިފިއެވެ.

މި މަހާސިންތާއަކީ، ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމާ ގުޅުވައިގެން ބާއްވާ ހާއްސަ މަހާސިންތާއެކެވެ. އެއް ދުވަހަށް ކުރިއަށްގެންދާ މި މަހާސިންތާގައި 300 އަށްވުރެ ގިނަ ހަތީބުން ބައިވެރިވެއެވެ.

އިސްލާމިކް މިނިސްޓްރީން ކުރިއަށްގެންދާ މި މަހާސިންތާއަކީ މުސްތަގުބަލުގެ ޖީލުތަކަށް އިސްލާމީ ޝިއާރު ފާޅުކުރުމަށް އިސްނަގައިގެން ތެދުވި ޒުވާން ހަތީބުންނަށް ހިތްވަރުދިނުމުގެ ގޮތުން ބާއްވާ މަހާސިންތާއެކެވެ.

ޒުވާން ހަތީބުންގެ ގައުމީ މަހާސިންތާގައި ބައިވެރިވުމުގެ ފުރުސަތު ދީފައިވަނީ ޒުވާން ހަތީބުންގެ ތަމްރީން ނިންމައި ސެޓްފިކެޓް ހާސިލުކޮށްފައިވާ ހަތީބުންނާއި، ރަމަޟާން މަހު އިމާމުވެ ހިފްޒުކޮށް ތަރާވީހް ނަމާދުކޮށްފައިވާ ފަރާތްތަކަށާއި، އިމާމުންނާއި ހަތީބުންގެ ތެރެއިން މިހާރުވެސް އިމާމުކަމާއި ހަތީބުކަން ކުރާ އުމުރުން 30 އަހަރު ނުފުރޭ ފަރާތްތަކަށެވެ.

ޒުވާން ހަތީބު ތަމްރީން ޕްރޮގުރާމަކީ ހަތީބުން ލިބުމަށް ރަށްރަށަށް ދިމާވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށާއި، ޒުވާން ކުދިންނަށް މި ފުރުސަތު ފަހިކޮށްދިނުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި މިހާތަނަށް ފަސް ބުރެއް ކުރިއަށް ގެންގޮސްފައިވެއެވެ.

ޒުވާން ހަތީބުންގެ ޕްރޮގްރާމް ކުރިއަށްގެންދަނީ ގްރޭޑް 10، 11، އަދި 12 ގައި ކިޔަވަމުންދާ ދަރިވަރުންނަށާއި، ކިޔެވުން ނިމިފައިވާ 18 އަހަރު ނުފުރޭ ކުދިންނަށް އަމާޒުކޮށްގެންނެވެ.