އިމާމުން ނަމާދު ކުރާއިރު ޖަމާއަތް ބޮޑުވި ވަރަކަށް ކިޔެވުން ކުރު ކުރަންޖެހޭ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޒުވާން ހަތީބުންގެ މަހާސިންތާ ފެށުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ނަމާދު ކުރުމުގައި ވިސްނާލަންޖެހޭ ފިގުހީ ކަންތައްތަކެއް ހުންނަ ކަމަށެވެ.

އެގޮތުން ކިތަންމެ ރީތިކޮށް ގުރުއާން ކިޔަވާ މީހަކު ނަމަވެސް ޖަމާއަތް ބޮޑުވި ވަރަކަށް އޭނާގެ ކިޔެވުން ނަމާދުގައި ކުރު ކުރަންޖެހޭނެ ކަމަށް މިނިސްތަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ސުންނަތް ގޮތަކީވެސް އެއީ ކަމަށެވެ. އަދި ވިއްސާރަވުމާއި ހޫނު ގަދަވުން ފަދަ ކަންތައްތަކާއި ހާއްސަ ހާލަތްތައް މެދުވެރިވާ ވަގުތުތަކުގައި ނަމާދު ކުރާ އިމާމުން މީސްތަކުންގެ މަސްލަހަތަށް ބަލަންޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.

"ބައެއް ފަހަރު ޝަކުވާކުރާ އަޑުއިވޭ މިވެނި މީހަކު ނަމާދުގައި ވަރަށްދިގުކޮންނޭ ކިޔަވަނީ ނަމާދުގެ މަސްލަހަތަށް ވަަރަށްބޮޑަށް ވިސްނަން ޖެހޭނެ. ޖަމާއަތުގައި ތިބޭނެ ބަލި މީހުން، ކޮއްޅަށް އެހާގިނައިރު ނުތިބެވޭ މީހުން، ދަތުރުވެރިން، އެކިއެކި އުޒުރުތަކުގެ އަހުލުވެރިން. ނަމާދަށް ޖަމާއަތަށް މި އަންނަނީ ލޯބިން ޖަމާއަތުގައި ބައިވެރިވުމުގެ ސަވާބު ހޯދުމަށްޓަކައި 27 ގުނަ ސަވާބު ހޯދުމަށް މިއަންނަނީ ނަމާދުކޮށް ނިމިގެން އެމީހާ ގެއަށްދާއިރު މި އޮންނަނީ އެމީހާ ވަަރަށްބޮޑަށް ވަރުބަލިވެ ނޫނީ ގެއްލުންވެފައި،" މިނިސްޓަރު ވިދާޅުވިއެވެ.

އެހެންކަމުން ޖަމާއަތުގައި ނަމާދު ކުރާ އިމާމުން ޖަމާއަތް ދިގުކޮށްވޭތޯ ވަރަށްބޮޑަށް ވިސްނަންޖެހޭނެ ކަމަށް މިިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ނަމާދުގެ އެކި ކަންކަމުގައި ފަރުއީ ހިލާފުތައް އެބަހުރި ކަމަށެވެ. ނަމަވެސް އެކަންކަމަށް ޖަދަލުކޮށްގެން ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އެރަށެއްގެ އަހުލުވެރިން ނަމާދުކުރަމުން އަންނަ ގޮތަކީ ކަނޑައެޅިގެން ކީރިތި ގުރުއާނާއި ކީރިތި ރަސޫލާގެ ސުންނަތާ ހިލާފުނުވާގޮތަށް ކަަމަށް ވަނީނަމަ އެ ޖަމާއަތުގައި އިމާމްކަންކުރާ މީހާ އިމާމްކަން ކުރަންޖެހޭނީ އޭނާގެ ފަހަތުގައި ނަމާދުކުރަން ތިބި މީހުން ގަބޫކުރާ ގޮތެއްގެ މައްޗަށް އެއީ ފިގުހަކީ،"

އަގީދާގެ ކަންކަމުގައި އަބަދުވެސް ބަލަންޖެހޭނީ ކީރިތި ގުރުއާނާއި ކީރިތި ރަސޫލާގެ ސުންނަތުގައި އެކަން ކަނޑައެޅިފައިވާގޮތަށް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.