ދިވެހިރާއްޖޭގެ ތާރީހުގައި ހިންގާ އެންމެ ބޮޑެތި ވަގުފު މަޝްރޫއުތައް ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ރޭ ބޭއްވި ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ރަސްމީ ޖަލްސާގައި މިނިސްޓަރު ޝަހީމް ވިދާޅުވި ގޮތުގައި، މި މަޝްރޫއުތަކުގެ އަމަލީ މަސައްކަތް މިހާރު ވަނީ ފެށިފައެވެ. އޭގެ ތެރޭގައި މާލޭގައި އިމާރާތްކުރާ ދާރުއްސަލާމް ބިލްޑިންގާއި ދާރުލްއަރުގަމް ބިލްޑިންގުގެ އިތުރުން، އަތޮޅުތެރޭގައި ހިންގާ ކުޅުދުއްފުށީ ސިޓީ ވަގުފު މަޝްރޫއާއި، ތިނަދޫ ސިޓީ ވަގުފު މަޝްރޫއާއި، ގއ. ވިލިނގިލީ ވަގުފު މަޝްރޫއު އަދި އައްޑޫ ސިޓީ ވަގުފު މަޝްރޫއު ހިމެނެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯއާ އެއްގޮތަށް ދީނީ ކަންކަން ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވައި މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ މާޒީގައި ޒަކާތުގެ ކަންކަން ވަކި ގާނޫނެއްގެ ދަށުން އަދި ވަކި އިދާރާއަކުން އިންތިޒާމުކުރެވިފައި ނެތް ނަމަވެސް، މިހާރު ޒަކާތަށް ހާއްސަ އިދާރާއެއް ގާއިމުކޮށް ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. މީގެ ނަތީޖާއެއްގެ ގޮތުން ޒަކާތުގެ ނިޒާމަށް އޮންނަ އިތުބާރު ބޮޑުވެ، އޭގެ ނަފާ ގައުމަށް ލިބެމުންދާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ހަ އަހަރުގެ މެދުކެނޑުމަކަށްފަހު ޒަކާތުގެ ހާއްސަ ސްކޮލާޝިޕް މިދިޔަ އަހަރު އަލުން ދޭން ފަށާފައިވާ ކަމަށާއި، މީގެ ސަބަބުން އިސްލާމީ އިދާރާތަކާއި، މުއައްސަސާތަކާއި، ޔުނިވާސިޓީތަކުގެ އިތުރުން މާލީ އިދާރާތަކާއި ގައުމަށް ބޭނުންވާ އިސްލާމީ ހުރިހާ ދާއިރާއަކުން ޒުވާނުން ތަމްރީނުކުރުމަށް ފުރުސަތު ހުޅުވިފައިވާ ކަމަށް ވިދާޅުވިއެވެ.
ކީރިތި ގުރުއާނުގެ އިލްމު ފެތުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ޝަހީމް ވިދާޅުވީ، ރާއްޖޭގެ ތާރީހުގައި އެންމެ ގިނަ ހާފިޒުން އުފެދިފައިވަނީ މި ދުވަސްވަރު ކަމަށެވެ. މިވަގުތު ރާއްޖޭގައި 322 ހާފިޒުން ތިބި އިރު، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި އެ އަދަދު 500 އަށް އެރުވުމަކީ ސަރުކާރުގެ އަމާޒެކެވެ. މިކަމަށް ބާރުއެޅުމުގެ ގޮތުން ހާފިޒުންގެ އެލަވަންސް ބޮޑުކޮށްފައިވާ އިރު، ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ގޮފިތައް 30 ރަށެއްގައި މިހާރު ވަނީ ގާއިމުކޮށްފައެވެ. އަދި އިތުރު 20 ތަނެއް ރަޖިސްޓްރީ ކުރުމާއި 58 ތަނެއް ބިނާކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި އިތުރު 30 އަށްވުރެ ގިނަ ތަން ހިމަނާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު މިސްކިތުގެ ބިންގާ މިއަދު އެޅުމަށް ހަމަޖެހިފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ރައީސްއާ މަޝްވަރާކުރެއްވުމަށްފަހު އެ މިސްކިތަށް ނަންދީފައިވަނީ ދަރުމަވަންތަ ރަސްގެފާނުގެ ނަންފުޅާ ގުޅުވައިގެން ކަމަށެވެ. ރާއްޖެ 900 އަހަރު ވަންދެން އިސްލާމްދީނުގެ މަތީގައި ސާބިތުވެ އޮތީ ﷲގެ ފަޟުލުވަންތަކަމާއި، ދިވެހިންގެ ހިތްތަކުގައި ދީނަށް އޮތް ލޯތްބާއި، ދައުލަތުން ގެންގުޅުނު ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން ކަމަށް ޝަހީމް ވިދާޅުވިއެވެ. ދީނީ ގޮތުންނާއި މިނިވަންކަމުގެ ގޮތުން ގޮންޖެހުންތައް ކުރިމަތިވާ ކޮންމެ ފަހަރަކު ދިވެހިން އެއްބައިވަންތަކުރުވަނީ އިސްލާމްދީން ކަމަށާއި، ރައްޔިތުންގެ ވަރުގަދަ ޖިހާދުން ގައުމު އަނބުރާ އިސްލާމްދީނުގެ ހިދާޔަތަށް ގެންނަ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ސިޔާސީ ގޮތުން އެކި ޕާޓީތަކާއި ޖަމާއަތްތަކަށް ބެހިފައިވީ ނަމަވެސް، ދީނީ ކަންކަމާއި ގައުމުގެ މިނިވަންކަމާ ގުޅޭ ކަންކަމުގައި ހުރިހާ ދިވެހިންވެސް އެއްބައިވަންތަ އަހުވަންތަ ބަޔަކަށް ވުމަށް މިނިސްޓަރު ވަނީ ގޮވާލައްވައިފައެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
ކޮމެންޓް