ދީނާއި ގައުމުގެ މިނިވަންކަމާ ގުޅޭ ކަންކަމުގައި ސިޔާސީ ހިޔާލުތަފާތުވުންތައް އެއްފަރާތްކޮށް، ހުރިހާ ދިވެހިން އެއްބައިވަންތަވުމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ގޮވާލައްވައިފިއެވެ.
ރޭ ބޭއްވި ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ރަސްމީ ޖަލްސާގައި މިނިސްޓަރު ވިދާޅުވި ގޮތުގައި، ވޭތުވެދިޔަ 900 އަހަރު ވަންދެން ދިވެހިރާއްޖެ އިސްލާމްދީނުގެ މަތީގައި ސާބިތުވެ އޮތީ މާތްﷲގެ ފަޟުލުވަންތަކަމާއެކު، ރައްޔިތުންގެ ހިތްތަކުގައި ދީނަށް އޮތް ލޯތްބާއި ދައުލަތުން ގެންގުޅުނު ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުންނެވެ. އަދި ދީނީ ގޮތުންނާއި މިނިވަންކަމުގެ ގޮތުން ގައުމަށް ގޮންޖެހުންތައް ކުރިމަތިވާ ކޮންމެ ހިނދެއްގައި ދިވެހިންގެ ސަފުތައް އެއްބައިވަންތަ ކުރުވަނީ އިސްލާމްދީން ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އެކަމަށް އިޝާރާތްކުރައްވައި މިނިސްޓަރު ވިދާޅުވީ، "އަޅުގަނޑުމެން ސިޔާސީ ގޮތުން އެކި ޕާޓީތަކާއި، އެކި ޖަމާއަތްތަކަށް ބެހިފައިވީ ނަމަވެސް، އަޅުގަނޑުމެންގެ ދީނުގެ ކަންތައްތަކުގައި އަދި އަޅުގަނޑުމެންގެ ގައުމުގެ މިނިވަންކަމާއި ގުޅޭ ކަންތައްތަކުގައި އަޅުގަނޑުމެން ވާންޖެހޭނީ އެއްބައިވަންތަ ބަޔަކަށް،" ކަމަށެވެ.
ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޒަކާތުގެ ކަންކަން ގާނޫނެއްގެ ތެރެއިން އިންތިޒާމުކޮށް، ވަކި ހާއްސަ އިދާރާއެއް ގާއިމުކުރެވިފައިވާކަން ޝަހީމް ފާހަގަކުރެއްވިއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯއާ އެއްގޮތަށް ގެނެވުނު މި ބަދަލާއެކު ޒަކާތުގެ ނިޒާމަށް އޮތް އިތުބާރު ބޮޑުވެ، އޭގެ ނަފާ ގައުމަށް ލިބެމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެ އިތުރުން، ހަ އަހަރުގެ މެދުކެނޑުމަކަށްފަހު ޒަކާތުގެ ހާއްސަ ސްކޮލާޝިޕް މިދިޔަ އަހަރު އަލުން ދޭން ފަށާފައިވާ އިރު، މީގެ ސަބަބުން އިސްލާމީ އިދާރާތަކާއި ޔުނިވާސިޓީތަކުގެ އިތުރުން މާލީ ދާއިރާތަކުން ގައުމަށް ބޭނުންވާ ޒުވާނުން ތަމްރީނުކުރުމަށް ފުރުސަތު ހުޅުވިފައިވާ ކަމަށް ވިދާޅުވިއެވެ.
މިވަގުތު ރާއްޖޭގައި ކުރިއަށްދާ ވަގްފު މަޝްރޫއުތަކަށް އަލިއަޅުއްވާލައްވަމުން، މިއީ ތާރީހުގައި ހިންގޭ އެންމެ ބޮޑެތި މަޝްރޫއުތައް ކަމަށް ޝަހީމް ވިދާޅުވިއެވެ. އޭގެ ތެރޭގައި ދާރުއްސަލާމް ބިލްޑިން، ދާރުލްއަރުގަމް ބިލްޑިން، ކުޅުދުއްފުށި ސިޓީ، ތިނަދޫ ސިޓީ، ގއ. ވިލިނގިލި އަދި އައްޑޫ ސިޓީގެ ވަގްފު މަޝްރޫއު ހިމެނޭ އިރު، އަމާޒަކީ ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި މި މަސައްކަތްތައް ނިންމުން ކަމަށް ވިދާޅުވިއެވެ. ހަމައެއާއެކު، ރާއްޖޭގައި ބިނާކުރެވޭ އެންމެ ބޮޑު މިސްކިތުގެ ބިންގާ މާދަމާ އެޅުމަށް ހަމަޖެހިފައިވާ އިރު، ރައީސްއާ މަޝްވަރާކުރެއްވުމަށްފަހު އެ މިސްކިތަށް ނަންދީފައިވަނީ ދަރުމަވަންތަ ރަސްގެފާނަށް ނިސްބަތްކޮށް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ގުރުއާނުގެ އިލްމު ފެތުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، ހާފިޒުންގެ އެލަވަންސް ބޮޑުކޮށްފައިވާކަން ޝަހީމް ފާހަގަކުރެއްވިއެވެ. ރާއްޖޭގައި މިހާރު 322 ހާފިޒުން ތިބި އިރު، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި އެ އަދަދު 500 އަށް އެރުވުމަކީ އަމާޒެއް ކަމަށް ވިދާޅުވިއެވެ. އަދި މިވަގުތު 30 ރަށެއްގައި ކީރިތި ގުރުއާނާބެހޭ ގައުމީ މަރުކަޒުގެ ގޮފިތައް ގާއިމުކޮށްފައިވާ އިރު، އިތުރު 20 ތަނެއް ރަޖިސްޓްރީކުރުމާއި 58 ތަނެއް ބިނާކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި އިތުރު 30 އަށްވުރެ ގިނަ ތަން ހިމަނާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
ކޮމެންޓް