ސައުދީ އަރަބިއްޔާގެ ރިޔާދް އަދި މަދީނާ ސަރަހައްދުގައި ގާއިމުކޮށްފައިވާ "އީސްޓް-ވެސްޓް ޕައިޕްލައިން" އަށް އަމާޒުކޮށް ދިން ޑްރޯން ހަމަލާތައް ދިވެހި ސަރުކާރުން މިއަދު ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
އިރާގުގެ ސަރަހައްދުން މިދިޔަ ބުރާސްފަތި ދުވަހު ފޮނުވާލި މި ޑްރޯންތަކުގެ ސަބަބުން އާންމުންގެ ބަޔަކަށް އަނިޔާވެ، ތެޔޮ ހޮޅިއަށް ވަނީ ގެއްލުންތަކެއް ލިބިފައެވެ. މި ހަމަލާތަކާ ގުޅިގެން ތެޔޮ ހޮޅީގެ ހިދުމަތް ވަނީ ވަގުތީގޮތުން މެދުކަނޑާލައިފައެވެ.
ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ސައުދީގެ މުހިންމު އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް ދިން މި ހަމަލާއަކީ އެ ގައުމުގެ ސިޔާދަތާއި ސަރަހައްދީ އިސްތިގުލާލަށް ފާޅުގައި އަރައިގަތުން ކަމަށާއި، މިއީ މުޅި ސަރަހައްދުގެ ސުލްހައާއި ސަލާމަތާއި ހަމަޖެހުމަށް އޮތް ވަރަށް ބޮޑު ނުރައްކާއެއް ކަމަށް ދިވެހި ސަރުކާރުން ދެކޭ ކަމަށެވެ.
މީގެ އިތުރުން، މި ދަނޑިވަޅުގައި ރާއްޖެއިން އޮތީ ސައުދީ ސަރުކާރާއި އެ ގައުމުގެ އަހުވަންތަ ރައްޔިތުންނާ އެކުގައިކަން ފޮރިން މިނިސްޓްރީން ވަނީ ތަކުރާރުކޮށްފައެވެ. އަދި ސައުދީ އަރަބިއްޔާގެ ސިޔާދަތާއި، ސަލާމަތްތެރިކަމުގެ އިތުރުން ސަރަހައްދީ އިސްތިގުލާލު ރައްކާތެރިކުރުމަށް އެ ގައުމުން އަޅާ ކޮންމެ ފިޔަވަޅަކަށް ރާއްޖެއިން ފުރިހަމައަށް ތާއީދުކުރާނެ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
"އީސްޓް-ވެސްޓް ޕައިޕްލައިން" އަކީ ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން، ތެޔޮ ބޭރުކުރުމަށް ސައުދީން ބޭނުންކުރަމުންދިޔަ މަގެކެވެ. އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައަށްފަހު، ދުނިޔޭގައި އެންމެ ގިނައިން ސާފުނުކުރާ ތެޔޮ ބޭރުކުރާ ސައުދީން ވަނީ 1,200 ކިލޯމީޓަރުގެ މި ހޮޅީގެ ބޭނުންކުރުން އިތުރުކޮށްފައެވެ.
އަޔަލޭންޑަށް ކުރެއްވި ޒިޔާރަތެއްގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ މި ވައިގެ ހަމަލާގެ ފަހަތުގައި ވަނީ އިރާން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
އިރާގު ސަރުކާރުން ވަނީ މި ހަމަލާތައް ދީފައިވަނީ އެ ގައުމުގެ ސަރަހައްދުންކަން ކަށަވަރުކޮށްދީ، އެކަން ތަހުގީގުކުރުމަށް އަމުރުކޮށްފައެވެ. މި ހަމަލާތައް ކުށްވެރިކޮށް އިރާގުގެ ބޮޑުވަޒީރު އަލީ އަލްޒައިދީގެ އޮފީހުން ބުނެފައިވާ ގޮތުގައި ދެކުނުގެ މައިސާން ޕްރޮވިންސްގެ ވެރިޔަކަށް ހުންނެވި ކޮމާންޑަރު މަގާމުން ވަކިކޮށްފައިވާ ކަމަށެވެ.
މި ހަފުތާގައި ތެޔޮ ފީފާއެއްގެ އަގު 100 ޑޮލަރަށްވުރެ މައްޗަށް ގޮސްފައިވާ އިރު، އެމެރިކާގައި ޑީސަލް ފުރަތަމަ ފަހަރަށް ހަ ޑޮލަރަށްވުރެ މައްޗަށް ވަނީ ގޮސްފައެވެ.
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓްރީ
ކޮމެންޓް