ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި އިންޖިނިއަރިން އެވޯޑު ހަފުލާގައި ދެވުނު "ޔަންގް އިންޖިނިއާ އެވޯޑު" މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މުހައްމަދު ޒިދާން ހަސަން ހާސިލުކޮށްފިއެވެ.

މި އެވޯޑު ޒިދާނާ ހަވާލުކޮށްދެއްވީ އިންޖިނިއަރިން ދާއިރާގެ އަގުވަޒަންކުރުމަށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. މިއީ ރާއްޖޭގެ އިންޖިނިއަރިން ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ހިދުމަތްތައް ފާހަގަކޮށް، އެ މީހުންގެ މަސައްކަތްތަކަށް ހިތްވަރުދިނުމުގެ ގޮތުން ގައުމީ ފެންވަރުގައި ދެވުނު ޝަރަފުވެރި އެވޯޑެކެވެ.

އެމްއޭސީއެލްގައި މަސައްކަތްކުރާ ޒިދާން މި އެވޯޑު ހާސިލުކުރީ އިންޖިނިއަރިން ދާއިރާއިން އޭނާ ދައްކަމުންދާ މަސައްކަތާއި، ޒުވާން އިންޖިނިއަރެއްގެ ގޮތުގައި ވީއައިއޭގެ ތަރައްގީއަށާއި ކުންފުނީގެ އިންފްރާސްޓްރަކްޗާ ކުރިއެރުވުމަށް ކޮށްދީފައިވާ މުހިންމު ހިދުމަތްތަކަށެވެ.

މި ހަފުލާގައި ޒުވާން އިންޖިނިއަރުގެ އެވޯޑުގެ އިތުރުން ދާއިރާގެ ތަފާތު ގިނަ ގޮތްގޮތުން ފާހަގަކޮށްލެވޭ އެހެން އެވޯޑުތައްވެސް ވަނީ ދީފައެވެ. އެގޮތުން އަހަރުގެ އެންމެ މޮޅު އިންޖިނިއަރުގެ އެވޯޑު އެމްޑަބްލިޔުއެސްސީގެ ޑރ. ފުރުގާން އިބްރާހީމް ހާސިލުކުރި އިރު، "ވިމެން އިން އިންޖިނިއަރިން އެވޯޑު" ހާސިލުކުރީ ރާއްޖޭގެ ފުރަތަމަ އަންހެން ޗާޓާޑް ސިވިލް އިންޖިނިއަރު އަސްރާރެވެ.

އެމްއޭސީއެލުންވެސް ވަނީ އެ ކުންފުނީގެ މުވައްޒަފަކު މިފަދަ ގައުމީ ފެންވަރުގެ ބޮޑު ކާމިޔާބީއެއް ހާސިލުކުރުމުން އެކަމަށް ޒިދާނަށް މަރުހަބާ ކިޔައިފައެވެ.