ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

އެކްސްގައި ފަލާހު އިއްޔެ ކުރެއްވި ޕޯސްޓެއްގައި ފަލާހު މިހެން ވިދާޅުވެފައިވަނީ، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޕީއެންއެފުން "ފެހި ސިގްނަލް"ގެ ނަމުގައި އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާއެއްގައި ދެއްކެވި ވާހަކަފުޅުތަކަކާ ގުޅިގެންނެވެ. މިގޮތުން މި ސަރުކާރަށް ކޮރަޕްޝަންގެ ތުހުމަތުތައް ކުރައްވަމުން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް މައްސަލަތައް ނުބެލި ފެއިލްވެފައިވާކަން ޔާމީން ފާހަގަކުރެއްވިއެވެ.

ރައީސް ޔާމީނަށް ރައްދުދެއްވުމަށް ފަލާހު ކުރެއްވި ޕޯސްޓުގައި އޭނާ ވަނީ ރައީސް ޔާމީންގެ މުދާވެރިކަމާ ގުޅޭގޮތުން ސުވާލު އުފައްދަވައިފައެވެ. ފަލާހު ވިދާޅުވި ގޮތުގައި، ގ. ދޫވެހީގެ ނަމުގައި އެޅި ގަނޑުވަރާއި، ހަމަ އެ ނަމުގައި ހެންވޭރުގައި މިހާރު އިމާރާތްކުރަމުންދާ 18 ބުރީގެ ފަސް ތަރީގެ ހޮޓަލަކީ ކޮން ތަނަކު ހޯދި ފައިސާއަކުން އެޅި ތަންތަންތޯ ރައްޔިތުން ސުވާލުކުރެއެވެ.

މީގެ އިތުރުން، ސިންގަޕޫރާއި ދުބާއީގެ ބޭންކުތަކުގައި ހުރި ފިކްސްޑް ޑިޕޮޒިޓް އަދި އިންވެސްޓްމަންޓް އެކައުންޓުތަކުގައި ހުރި ޑޮލަރުތަކުގެ މަތިން އެމްޑީޕީ މީހުން ހަނދާން ނުނެތޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ފަލާހު ތުހުމަތުކުރެއްވި ގޮތުގައި، ރައީސް ޔާމީންގެ ވެރިކަމުގައި އޭސީސީ އޮތީ "ކޯމާ" އެއްގައެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ހިނގައިދިޔަ ސިޔާސީ އަދި ޝަރުއީ ބޮޑެތި ކަންތައްތަކަށްވެސް ފަލާހު ވަނީ އަލިއަޅުވާލައްވައިފައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ސުޕްރީމް ކޯޓުގެ ޓިނު ނަގައިގެން އެ ކޯޓުގެ އިސް ފަނޑިޔާރުން ހައްޔަރުކޮށް ޖަލަށްލުމާއި، ކޯޓުގެ ބެންޗު ބޭނުން ގޮތަކަށް ބަދަލުކުރުން ފަދަ ކަންކަން އެ ވެރިކަމުގައި ހިނގާފައިވެއެވެ. އަދި އޭރު ގައުމުގައި ތިބި ހުރިހާ ސިޔާސީ ލީޑަރުން ހައްޔަރުކުރުމާއި، ނައިބު ރައީސުންނާއި އުއްތަމަ ފަނޑިޔާރު މަގާމުން ވަކިކުރުމުގެ އިތުރުން، ޕާޓީ ބަދަލުކުރުމުން މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު ފާސްކޮށް، ހުރިހާ މިނިވަން މުއައްސަސާތަކެއް ޕެރަލައިޒްކޮށްލި ކަމަށް ފަލާހު ވިދާޅުވިއެވެ.

ފަލާހު ވިދާޅުވި ގޮތުގައި، ރައްޔިތުން ކަންބޮޑުވެ، ފިތިބާރުވެ، ރުޅިގަދަވެގެން ރައީސް ޔާމީން ވެރިކަމުން ބޭލި މަތިން އެމަނިކުފާނު މިހާރު ވަނީ ހަނދާން ނެތިފައެވެ. އަދި އެ ވާހަކަތައް ދައްކާނެ މީހަކު މިއަދު ނެތް ކަމަށް ހީކޮށް، ރައީސް ޔާމީން އަމިއްލަފުޅަށް "ހުދު ކާފޫރަށް" ބަދަލުވެވަޑައިގެން އުޅުއްވާ ކަމަށާއި، ނިދީގައިވެސް އަމިއްލަފުޅަށް ރައީސް ޔާމީނޭ ކިޔުއްވާ ކަމަށް ފަލާހު ސިފަކުރެއްވިއެވެ. އިންސާނާގެ ލަދުހަޔާތް ނެތިއްޖެނަމަ ކޮންމެ ފަދަ ވާހަކައެއްވެސް ދައްކަފާނެ ކަމަށް ވިދާޅުވެ، ފަލާހު ވަނީ ރައީސް ޔާމީންގެ މިހާރުގެ އަމަލުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ފަލާހުގެ އިތުރުން ޕީއެންސީގެ ޕީޖީ ގްރޫޕުގައި ހިމެނިވަޑައިގަންނަވާ އެހެން ބައެއް މެންބަރުން ވެސް ވަނީ ޔާމީނަށް ރައްދުދެއްވައިފައެވެ. މިގޮތުން ބާރަށު ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ޝުޖާއު އެކްސްގައި އިއްޔެ ކުރެއްވި ޕޯސްޓެއްގައި ރާއްޖޭގައި ކިޔަވައިގެން ތިއްބެވި ވަރަށް ގިނަ އިލްމީ ބޭފުޅުން ރައީސް ޔާމީން މަލާމާތް ރައްދުކުރާ ކަމަށެވެ.

ފަނޑިޔާރު ގެއާއި އެގޭ ފުރާޅާއި އެގޭގައި ވާހާ ބަޔަކަށް ހެދިގޮތާއި ގާނޫނު ހަދާ ގެޔާއި އެގެ ވަށައިގެން ރައީސް ޔާމީން އޯޑަރަށް ހިންގި ކަންކަމާއި އެގޭ ތެރެއިން ޕްރޮސިކުޓާ ޖެނެރަލެއް ހޮވަން އުޅުއްވި ގޮތާއި މިނިވަން މުއައްސަސާތަކާއި އެމަނިކުފާނާ ދެކޮޅަށް ހަބަރު ފަތުރާ މީޑިއާތަކަށް ހެދިގޮތް ސާފުކޮށް އެނގޭ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ނަމަވެސް މިހާރުގެ ތަފާތަކީ ޔާމީން ހިންގެވި ޖަރީމާތަކުގެ ވާހަކަދެއްކެވި އެމްޑީޕީ އާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު އެ ވާހަކަތަކެއް ނުދައްކަވާ ކަމަށެވެ. ހިތާމައަކީ އެ މަނިކުފާނަށް ކުރެވިފައިވާ ކަންކަމުގެ ހަނދާންތައް ހަނދާންކޮށްދޭން ޖެހޭތީ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

މީގެ އިތުރުން ވިލިމާލޭ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އިސްމާއީލް އިއްޔެ ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމަށްވުރެ އަނިޔާވެރި ހުދުމުހުތާރު ވެރިކަމެއް ނުދެކޭ ކަމަށެވެ. އެގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހައްޔަރުކުރުމާއި މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު ފާސްނުކުރި ސިޔާސީގޮތުން ބަސްބުނާ ހުރިޔާ ސިޔާސީ ފަރާތްތައް ނުވަތަ ސިޔާސީ ޕާޓީތަކުގެ ބޮޑުން ހިފައި ހައްޔަރުކޮށް ބޮޑެތި އަދަބުތައްދިނުމާއި ދެ ނައިބު ރައީސުން ވަކިކުރުމުގެ އިތުރުން ދިވެހި ތާރީހުގައި ކޮރަޕްޝަންގެ އެންމެ ބޮޑު އަމަލު ހިނގައިދިޔަ ސަރުކާރަކީ ޔާމީންގެ ސަރުކާރުކަން ފާހަގަކުރެއްވިއެވެ.

އެ ހުރިހާކަމެއް ކުރައްވައިގެން ހުންނަވައި، މިއަދު ނިކުމެ "ހުދުކާފޫރަށް" ވާން ރައްޔިތުންނަށް އޮޅުވާލަން ކިތަންމެ ވާހަކައެއް ދެއްކެވިޔަސް އެ ދައްކަވާ އެއްވެސް ވާހަކައެއް އަޑުއިވޭނެ، އަޑުއަހާނެ ރައްޔިތަކު ދިވެހި ފަސްގަނޑަކު ނެތް ކަމަށް މުހައްމަދު އިސްމާއީލް ވިދާޅުވިއެވެ.