ޔަމަނުގެ ހޫތީންނަށް އެމެރިކާއިން ސީދާ ހަމަލާދިނުމަށް ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އެދިވަޑައިގަތުމުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެކަމަށް ދެކޮޅުހައްދަވައިފި ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ 'އެކްސިއޯސް' ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ބުރާސްފަތި ދުވަހު މުހައްމަދު ބިން ސަލްމާން ވަނީ ޓްރަމްޕަށް ދެ ފަހަރެއްގެ މަތިން ގުޅުއްވައިފައެވެ. މި ފޯނު ކޯލުތަކުގައި، ރަތް ކަނޑުގެ މުހިންމު ސަރަހައްދުތަކަށާއި މޯކާ ސިޓީއަށް ހޫތީން ކުރިއަރަމުން އަންނާތީ، އެމެރިކާއިން ހޫތީންނަށް ހަމަލާދިނުމަށް އެދިވަޑައިގަތް ކަމަށް އެ ނޫހުން ބުނެފައިވެއެވެ. ނަމަވެސް، ޓްރަމްޕް ވަނީ އެކަމަށް އިންކާރުކުރައްވާފައެވެ.

ޓްރަމްޕްގެ ސަރުކާރުގެ އިސް އޮފިޝަލަކާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނެފައިވާގޮތުގައި، އެމެރިކާގެ މިހާރުގެ އެންމެ ބޮޑު އިސްކަމަކީ ރަތް ކަނޑުގެ ދަތުރުފަތުރުތައް ހުއްޓުމެއްނެތި ކުރިއަށްގެންދިއުމެވެ. ހޫތީންނާ ދެކޮޅަށް ކުރާ ހަނގުރާމަ ސަރަހައްދީ ގައުމުތަކަށް ދޫކޮށްލުމަށް އެމެރިކާއިން ނިންމާފައިވާ ކަމަށް ވެސް ހަބަރުތައް ބުނެއެވެ. އެހެންނަމަވެސް، ހޫތީންނާ ގުޅޭ އިންޓެލިޖެންސް މައުލޫމާތު ސައުދީއަށް ފޯރުކޮށްދޭނެ ކަމަށް އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ. މިހާރުވެސް އެމެރިކާގެ އަސްކަރިއްޔާގެ 200 އެއްހާ މީހުން ސައުދީގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް އޮފިޝަލުން ބުނެފައިވެއެވެ.

މިދިޔަ ޖުލައި މަހު ސައުދީން ވަނީ ހޫތީންގެ މައްސަލަ އަމިއްލައަށް ހައްލުކުރެވޭނެ ކަމަށާއި އެމެރިކާގެ އަސްކަރީ އެހީތެރިކަން ބޭނުން ނުވާ ކަމަށް ބުނެފައެވެ. އެހެންކަމުން، ސީދާ އަސްކަރީ ފިޔަވަޅު އެޅުމަށް ސައުދީން މިހާރު އެދުމަކީ އެ ގައުމުގެ ސިޔާސަތަށް އައި ބޮޑު ބަދަލެއް ކަމަށް މީޑިއާތަކުން ފާހަގަކުރެއެވެ.

މި ހަމަނުޖެހުންތައް އަލުން ފެށުނީ، އީރާނުގެ އިސް އޮފިޝަލުންތަކެއް ގޮވައިގެން ދަތުރުކުރި ބޯޓެއް ސަންއާއަށް ޖެއްސުމަށް ސައުދީން ހުރަސްއެޅުމާ ގުޅިގެންނެވެ. މީގެ ރައްދުގައި ހޫތީން ވަނީ ރަތް ކަނޑުގައި ދަތުރުކުރާ ސައުދީގެ ތެޔޯ ޓޭންކަރުތަކަށް ހަމަލާދޭން ފަށާފައެވެ. އަދި ފަހުން ސައުދީގެ ހަކަތައިގެ ވަސީލަތްތަކަށްވެސް ހަމަލާތައް ފުޅާކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ހަމަލާތަކުގެ ސަބަބުން ލިބިފައިވާ ގެއްލުންތަކާއި ހޫތީން ކުރިއަރަމުން އަންނަ މިންވަރުގެ މިނިވަން ތަފްސީލުތަކެއް އަދި ކަށަވަރުވެފައެއް ނުވެއެވެ.