ސަރުކާރު ހިންގާ ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސްގެ މަގާމު، އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު ކަށަވަރުކުރައްވައިފިއެވެ.

ޕީއެންސީގެ މަތީ މަޖިލިސް ހޮވުމަށް މިމަހުގެ 15 އިން 18 އަށް ބާއްވާ އިންތިހާބަށް ކުރިމަތިލީ ފަރާތްތަކުގެ ނަންތައް ރޭ އިއުލާންކޮށްފައިވާ އިރު، އެންމެ ކެންޑިޑޭޓަކު ކުރިމަތިލާފައިވުމުން އެ ފަރާތްތަކަށް ވަނީ އެ މަގާމުތައް ކަށަވަރުވެފައެވެ.

އެގޮތުން އަންހެނުންގެ ހަރަކާތުގެ ރައީސް މަގާމު ހީނާއަށް ކަށަވަރުވެފައިވާ އިރު، އެ ހަރަކާތުގެ ނައިބު ރައީސްގެ މަގާމު އާމިނަތު ހުސައިން ޝަރީފަށް ވަނީ ކަށަވަރުވެފައެވެ. އެ ހަރަކާތުގެ ސެކްރެޓަރީގެ މަގާމު ކަށަވަރުކުރީ އާމިނަތު ނާސިހާއެވެ. އަދި އެ ހަރަކާތުގެ ހަޒާންދާރުގެ މަގާމު ކަށަވަރުކުރީ އާމިނަތު ޝިޒްލީނެވެ.

ޒުވާނުންގެ ހަރަކާތުގެ ރައީސްގެ މަގާމު އިބްރާހިމް އަބާން އަބްދުއްލަތީފަށް ކަށަވަރުވެފައިވާ އިރު، އެ ހަރަކާތުގެ ނައިބު ރައީސްގެ މަގާމު ކަށަވަރުކުރީ ހަސަން ޝަހީދެވެ. އެ ހަރަކާތުގެ ސެކްރެޓަރީގެ މަގާމު ކަށަވަރުކުރީ އިސްމާއިލް އަޒްމީއެވެ. އަދި އެ ހަރަކާތުގެ ހަޒާންދާރުގެ މަގާމު ކަށަވަރުކުރީ މުހައްމަދު ރިފާއުއެވެ.

ޕީއެންސީގެ މަތީ މަޖިލީހުގެ އިންތިހާބުގައި ހަ ނައިބު ރައީސަކު ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އެ މަގާމަށް އަށް ބޭފުޅަކު ވަނީ ކުރިމަތިލައްވައިފައެވެ. އެ ޕާޓީގެ މެންބަރުންގެ މަޖިލީހަށް އިންތިހާބުކުރާ ދިހަ އަންހެން މެންބަރުންގެ މަގާމަށް 22 ބޭފުޅަކު ކުރިމަތިލައްވާފައިވާ އިރު، މެންބަރުންގެ މަޖިލީހަށް އިންހާބުކުރާ ހަތް ޒުވާން މެންބަރުންގެ މަގާމަށް 13 ބޭފުޅަކު ވަނީ ކުރިމަތިލައްވައިފައެވެ. އަދި މެންބަރުންގެ މަޖިލީހަށް އިންތިހާބުކުރާ އާންމު 18 މެންބަރުންގެ މަގާމަށް ކުރިމަތިލައްވާފައިވަނީ ޖުމުލަ 73 ބޭފުޅަކު ވަނީ ކުރިމަތިލައްވައިފައެވެ.

ނައިބު ރައީސުންގެ މަގާމަށް ކުރިމަތިލައްވާފައިވާ ބޭފުޅުން:

  1. ޔޫތު މިނިސްޓަރު އަބްދުﷲ ރާފިއު
  2. ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު)
  3. މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު
  4. ނިލަންދޫ ދާއިރާގެ މަޖިލިސް މެންބަރު ފާތިމަތު ސައުދާ
  5. ބާރަށު ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ޝުޖާއު
  6. ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް
  7. އެލްޖީއޭގެ ސީއީއޯ މުހައްމަދު ނިމާލް
  8. އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު

ޕީއެންސީގައި މި ވަގުތު ހަ ނައިބު ރައީސުން ތިއްބަވާ އިރު، އޭގެ ތެރޭގައި ސައީދާއި ޝުޖާއުގެ އަދި މުންދު ހިމެނިވަޑައިގަންނަވައެވެ. ނައިބު ރައީސުންގެ ގޮތުގައި އިންތިހާބަކާ ނުލައި ރައީސުލްޖުމްހޫރިއްޔާގެ ނައިބަށާއި ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރަށް ފުރުސަތު ލިބޭތީ، އަލަށް އިންތިހާބުކުރާ ހަ ބޭފުޅުންގެ އިތުރުން ނައިބު ރައީސުންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް އަދި ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ހިމެނިވަޑައިގަންނަވާނެއެވެ.

ޕީއެންސީން ނެރުނު އިއުލާނުގައި ބުނީ މަތީ މަޖިލީހުގެ އިންތިހާބުގައި މަގާމުތަކަށް ވާދަކުރުމަށް ޝަރުތު ހަމަވެފައިވާ މެންބަރުންގެ ތެރެއިން އެއްވެސް މެންބަރަކު ނަން އަނބުރާ ގެންދަން ބޭނުންވާ ނަމަ، މިމަހުގެ 15 ގެ ރޭ 12:00 ގެ ކުރިން ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.