(4 ސެޕްޓެމްބަރުގެ އަދަދާ ގުޅޭ)

ރަސްގެފާނު ހަމަހިމޭންކަމާ އެކު ކުރިފުޅުމަތި ބައްލަވާން ފައްޓަވައިފިއެވެ. ފަތިހުގެ ފަނޑު އަލީގެ ތެރެއިން ތަންކޮޅެއް ދުރުން ކަޑަބޮއް ޖަހައިފައި އަންނަ އަސްތަކެއް ފެނިވަޑައިގެންފިއެވެ. އިރުކޮޅެއްގެ ތެރޭގައި އަސްވާރެއް އެތްތަކުގެ ސަފުތަކުގެ ކުރިމަތީން ލައިފައި އައިސް ރަސްގެފާނުގެ ކުރިފުޅުމައްޗަށް އަސް މަޑު ކޮށްލައިފިއެވެ. އެއީ ކަލަންޖަރުގެ ވަލީޢަހުދެވެ. ރާޖާ ގުންޑާއަށް އޭނާ ފެނިވަޑައިގަތުމާ އެކު ހިތްޕުޅަށް ހަމަނުޖެހުމެއް ވެރި ވެގެންފިއެވެ.

"ކީއް ވީހެއްޔެވެ؟ ދަރިފުޅު އަމިއްލަޔަށް ތިޔަ އައީ ކީއްވެގެން ހެއްޔެވެ؟ ދަރިފުޅުގެ ލަޝްކަރު ކޮބައިހެއްޔެވެ؟ ކަލާކޮށްޓަކައި ކޮންމެވެސް ޖަވާބެއް ދޭށެވެ. ..."

"މާތް ސާހިބާއެވެ!" ރާޖް ކުމާރު އޭނާގެ ބައްޕާފުޅާ ދިމާޔަށް އުޖާލާކަމެއް ނެތް ލޯފުޅަކުން ބައްލަވައިލައްވައިފައި ވިދާޅުވިއެވެ. "މާތް ސާހިބާއެވެ! ދުޝްމަނުން އަޅުގަނޑުމެން ޖަންގަލީން ނުކުތުމާ އެކު އަޅުގަނޑުމެން ވަށައިލައިފިއެވެ. މުޅި މި ހިސާބުގަނޑު އެބައިމީހުންގެ މީހުންތަކުން ފުރިފައި ވާކަމެއް އަޅުގަނޑު ނުދެނެހުރީމެވެ. ދިރިހުރެ ސަލާމަތް ވެވޭނީ އަޅުގަނޑުމެންގެ ދާދި މަދު މީހަކަށެވެ. ދުޝްމަނުން އެންމެ ފުރަތަމަ ޙަމަލަ ދިނީ އަޅުގަނޑުމެންގެ ދެ ފަރާތުގެ އަރިމައްޗަށެވެ. އަޅުގަނޑުމެންނަށް ފަހަތަށް ޖެހި އަލުން ޖަންގައްޔަށް ވަންނާން މަޖުބޫރު ވެއްޖެއެވެ. ނަމަވެސް އެއިރު ޖަންގަލީގެ އެ ބައިގައި ދުޝްމަނުންގެ ސިފައިން ފުރިފައި ތިއްބެވެ. އަޅުގަނޑުމެން ކުރިޔަށް ދާން ބަލައިލި އިރު، އެބައިމީހުންގެ ދުނިދަނޑިވެރީން އަޅުގަނޑުމެންގެ ކުރިމަތީގައި ފާރެއްހެން އެތުރިގެން ތިއްބެވެ. ބައްޕާފުޅަށް ރައްކައުތެރި ވެވަޑައިގަތުމަށް ދަންނަވާން ނުޖެހޭ ނަމަ، އަޅުގަނޑު ދުޝްމަނުންގެ ގޮނި ފޫ ވައްޓައިލައިފައި ނުކުތުމުގެ ބަދަލުގައި ތަރުޙީބު ދިނީހީ ހަނގުރާމަ ކޮށް ފުރާނަ ދުއްވައިލުމަށެވެ. އަޅުގަނޑުމެންގެ މީހުން ރަނގަޅަށް ދުޝްމަނުންގެ އަތްދަށު ވެއްޖެއެވެ. އިރު އަރާ އިރަށް އެމީހުން މުޅީން ނިންމައިލާނެއެވެ. ފަހަރެއްގައި މިހާރު ވެސް ..."

ރަސްގެފާނު ވަލީޢަހުދުގެ ވާހަކަފުޅު މެދު ކަނޑުއްވައިލައްވައިފައި ވިދާޅުވިއެވެ. "ތިޔަހެން ވިއްޔާ ދުޝްމަނުންގެ މަރުކަޒު މިހާރު ހުންނާނީ ހުސް ވެފައެވެ. އަހަރެމެން އަވަސްއަވަހަށް ޙަމަލަ ދޭން ވީއެވެ."

ވަލީޢަހުދު ވިދާޅުވިއެވެ. "ނޫނެކެވެ. އަޅުގަނޑު ދުޝްމަނުންގެ އަތްދަށުން ސަލާމަތް ވެގެން އައީ އެބައިމީހުންގެ ފޭލިގެތަކުގެ ކައިރީން ލައިފައެވެ. އެބައިމީހުން ހިތްގައިމުކަމާ އެކު ސަފުތައް އެއްވަރު ކުރަމުން އެބަގެންދެއެވެ. އަޅުގަނޑަށް ހީވަނީ އެބައިމީހުން ކުރިޔަށް ދަތުރު ފެށުމަށް ޓަކައި އިރުގެ އަލިކަމަށް އިންތިޒާރު ކޮށްގެން ތިބި ހެންނެވެ. އަޅުގަނޑުމެންނާ ޙަމަލަ ދިނީ ކޮންމެވެސް އެހެން ފަރާތަކުން އައި ލަޝްކަރެކެވެ. އެއީ ދުޝްމަނުންނަށް އެހީ ވެދޭ ގެމަތަކެއް ކަމަށާއި، އެބައިމީހުންނަށް ލަޝްކަރު އޮތް ތަނަށް ދަނިކޮށް އަޅުގަނޑުމެން ފެނުމުން ޙަމަލަ ދިނީ ކަމަށް ވެސް ވެދާނެއެވެ. ނުވަތަ އަޅުގަނޑުމެންނަށް ކެހި ދިނުމަށް ޓަކައި ދުޝްމަނުން އެބައިމީހުންގެ ލަޝްކަރުގެ ބައެއް ފަހަތަށް ދޫ ކޮށްލައިފައި އައީ ކަމަށް ވެސް ވެދާނެއެވެ. ކޮންމެއަކަސް ޔަޤީންކަމާ އެކު އެނގެނީ، ދުޝްމަނުންގެ ޢަދަދު އަޅުގަނޑުމެން ހީ ކުރި ވަރަށް ވުރެ މާ ގިނަކަމެވެ."

ރާޖާ ގުންޑާގެ ހުރިހައި ހިތްވަރުފުޅަކާއި ފޯރިއަކާއި އުއްމީދެއް، ބިރުވެރިކަމާއި ނާއުއްމީދަށް ބަދަލު ވެއްޖެއެވެ. ކުޑަ އިރުކޮޅެއް ކުރީން އޭނާ ހުންނެވީ ފަތަޙައިގެ ޚިޔާލުފުޅުގެ ތެރެޔަށް ގެނބިވަޑައިގެންނެވެ. ނަމަވެސް މިހާރު އޭނާގެ ޚިޔާލީ ލޯފުޅަށް މުސްލިމުންގެ ޢަދަދު ނުކުރެވޭވަރުގެ ބޮޑު ލަޝްކަރު ފެނިވަޑައިގެން ބިރުފުޅުން ސިހިވަޑައިގަންނަވަނީއެވެ. އޭނާގެ ބުއްދިފުޅު ވަނީ ލުހިފައެވެ. އޭނާގެ ކިބައިގައި ދެން ހައްދަވާނެ ގޮތެއް ކަނޑައެޅުއްވޭހައި ބާރެއް ނެތެވެ.

"ދެން އަހަރެމެން ހަދާން ވީ ކިހިނަކުން ހެއްޔެވެ؟" އޭނާ ބެދިފައި ވާ އަޑުފުޅަކުން ސުވާލު ކުރެއްވިއެވެ.

ރާޖް ކުމާރު ޖަވާބު ދެއްވިއެވެ. "މާތް ބައްޕާފުޅާއެވެ! އަޅުގަނޑުމެން ކުރިޔަށް ދިޔުމުގެ ބަދަލުގައި ފިކުރު ކުރާން ވީ އަޅުގަނޑުމެންގެ އަމިއްލަ ސަލާމަތާ މެދުގައެވެ."

އެތުން ފައިބައިވަޑައިގެން ރަސްގެފާނުގެ އަރިހަށް ވަޑައިގެންނެވި އަމީރެއް، ދެ އަތްޕުޅު ޖޯޑު ކުރައްވައިފައި ވިދާޅުވިއެވެ. "މާތް ސާހިބާއެވެ! އަޅުގަނޑުމެންގެ ލަޝްކަރު ބަލި ވެއްޖެ ނަމަ، ދުޝްމަނުންގެ ސަވާރުން ޠޫފާނީ ރޯޅިތަކެއްގެ މިސާލުގައި ވެރިރަށަށް ވަދެދާނެއެވެ. އެހެންކަމުން އަޅުގަނޑުމެން ރަށާ މެދު ޚިޔާލު ބަހައްޓާން ޖެހޭނެއެވެ."

އިރުކޮޅެއްގެ ތެރޭގައި، އަވަށްޓެރި ދައުލަތްތަކުގެ ރަސްރަސްކަލުންނާއި އަމީރުން ވެސް ރަސްގެފާނުގެ އަރިހަށް ޖަމާ ވެވަޑައިގެންފިއެވެ. އޭގެ ތެރެއިން ބައެއް ބޭފުޅުންގެ ޚިޔާލުފުޅަކީ މުސްލިމުންނަށް ކުއްލި ޙަމަލައެއް ދެއްވުމެވެ. ނަމަވެސް ގިނަ ބޭފުޅުންގެ ޚިޔާލުފުޅުގައި، އަވަސް އަރައިގެން އުޅުމަކީ ރަނގަޅު ކަމެއް ނޫނެވެ. ކުއްލިޔަކަށް ކުރިމަތީން ތިރީހަކަށް ސާޅީހަކަށް އަސްވާރުންގެ ގެމައެއް ފެނިއްޖެއެވެ. އެބައިމީހުން އައި ގޮތަށް އައިސް ދުއިސައްތަ ވަރަކަށް ފިޔަވަޅާ ހަމައިގައި މަޑު ކޮށްލައިފިއެވެ. އިރުކޮޅެއް ވާންދެން ރަސްގެފާނާ ދިމާޔަށް ބަލާން ތިބެފައި އެނބުރި ހިނގައްޖެއެވެ.

އެ ވަގުތަކު އަމީރަކު ވިދާޅުވެއްޖެއެވެ. "މާތް ސާހިބާއެވެ! ދުޝްމަނުން ޙަމަލަ ދޭން އުޅެނީއެވެ. އެބައިމީހުންގެ ލަޝްކަރު ވަރަށް ކައިރިޔަށް އަތުވެއްޖެކަމަށް ފެނެއެވެ. މަނިކުފާނު އެތުން ފައިބައިވަޑައިގެން އަސްމައްޗަށް ސަވާރު ވެވަޑައިގަންނަވާށެވެ."

ރާޖާ ގުންޑާ ހިސާބަކަށް ދެކޮޅު ހެއްދެވުމަށް ފަހު، އެތުން ފައިބައިވަޑައިގެން އަހަށް ސަވާރު ވެވަޑައިގެންފިއެވެ. ލަޝްކަރުގެ ކުރިޔަށް ތިއްބެވި ހުރިހައި އޮފިސަރުން ރަސްގެފާނާ ތަބާ ވެވަޑައިގެންފިއެވެ. ގަޑިއެއްހައި އިރުގެ ތެރޭގައި މުޅި ލަޝްކަރުގައި ހާސްކަމާއި ޙައިރާންކަން ފެތުރިއްޖެއެވެ. ސަންގާއި ރަނގަބީލުތަކުގެ އަޑު، އިންސާނުން ރޮއި ހަޅޭއްލެވުމުގެ އަޑުގެ ތެރެޔަށް އޮބިގެން ހިނގައްޖެއެވެ. ރަސްގެފާނުގެ ގޮށްފުޅަނގި އައިނެއް ފަދަ ބައިބޯ ލަޝްކަރު ވިއްސިވިހާލި ވެގެން ފިލައިގެން ދާން ފަށައިފިއެވެ. ކޮންމެ ސިފައިންގެ މީހެއްގެ ހިތުގައި ކަނޑިތަކާއި ލޮންސިތަކަށް ވުރެ ބޮޑަށް ބިރުވެރިކަން އުފެދިފައި ވަނީ ނުފެންނަ ދުޝްމަނުންތަކަކާ މެދުގައެވެ.

އިރު އަރައި އިރުކޮޅެއް ވީތަނާ، ރާޖާ ގުންޑާގެ ލަޝްކަރު މަޑު ކޮށްގެން ތިބި ތަނުގެ ފަސް ކޯހުގެ ދުރުން سلطان محمود ޙައިރާންފުޅުކަމާ އެކު އައްސަވަމުން ގެންދެވީ ދުޝްމަނުން މައިދާން ދޫ ކޮށްލައިފައި ފިލައިގެން ދިޔަ ޚަބަރެވެ. އެމަނިކުފާނުގެ ތުންފަތްޕުޅުމަތީގައި ވަނީ އަރަހުށި ހުސްޠާހިރުވަންތަ މާތް ﷲ ގެ ކިބަފުޅަށް ކުރައްވާ ޙަމްދާއި ވިދާޅުވާ ޘަނާ އާއި ދުޢާއެވެ. އޭނާގެ ލޯފުޅުގައި ވަނީ އެކަލާނގެ ނިޢުމަތަށް ޝުކުރު އަދާ ކުރެއްވުމުގެ ކަރުނައެވެ. އިސްލާމީ ލަޝްކަރުގެ އެއް ކޮޅުން އަނެއް ކޮޅަށް ގުގުމަމުން ދިޔައީ ﷲ އަކުބަރުގެ ނަޢުރާގެ އަޑެވެ. سلطان محمود މުސްލިމުންނަށް ދުޝްމަނުން ފަހައި ދިޔުމަށް އަމުރުފުޅު ކުރައްވައިފިއެވެ. މުސްލިމުން މެންދުރު ވާންދެން ދުޝްމަނުންގެ ފަހަތުން ދިޔައެވެ. އެޔަށްފަހު މުސްލިމުން އެބައިމީހުންގެ ފޭލިގެތަކަށް އެނބުރި އަތުވެއްޖެއެވެ. ހަވީރު ވީ އިރު މުސްލިމުން ވަނީ ފައްސަތޭކަ އެތް އަތުލައިގެންފައެވެ.

މި ފަތަޙައިގެ ދުވަސްކޮޅެއްގެ ފަހުން سلطان محمود ގެ ލަޝްކަރު އެނބުރި غزنی އަށް މިޞްރާބު ޖަހައިފިއެވެ. ރަންބީރާއި އޭނާގެ އަރިހުގައި ވަޑައިގެންނެވި އެހެނިހެން އަމީރުން محمود ގެ އަރިހުގައި އެ ބޭފުޅުންގެ ސަރަޙައްދާ ހަމަޔަށް ވަޑައިގަތެވެ. سلطان محمود، عبدالواحد އަށް އެންގެވީ ހިންދީ ސިފައިން ގޮވައިގެން ގުނޫޖަށް ވަޑައިގަތުމަށެވެ. محمود އެނބުރި ވަޑައިގަތުމުގެ އިންތިޒާރުގައި ގުނޫޖުގައި ހުންނެވުމަށެވެ.

(ނުނިމޭ)